ސިޔާސީ

ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ފާރިސް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނަށް މަޖިލީހަށް ހާޒިރުނުވެވޭ ގޮތަށް ބަންދުކުރުމުން ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން ފާރިސް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ފާރިސް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ދިއްގަރު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި މަޖިލީހަށް އިންތިހާބުކޮށްފައިވަނިކޮށް، ކުށެއްގެ ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖޫން 27އާ ހަމައަށް ވެސް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއާއި ހިލާފަށް ފާރިސްއަށް މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު ދައުލަތުން ނިގުޅައިގަނެފައިވާ ކަމަށެވެ.

އެ ހައްގު ނިގުޅައިގަތުމުގެ ސަބަބުން ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުން އެ ދާއިރާގެ ރައްޔިތުން މަހުރޫމް ވެފައިވާތީ ގާނޫނު އަސާސީގެ 44 ވަނަ މާއްދާއާ ހިލާފަށް އެ ދާއިރާގެ ރައްޔިތުންގެ ހައްގަށް ހުރަސް އަޅާފައިވާ ފަރާތްތަކުން ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ އެދިފައެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ދިއްގަރު ދާއިރާ ތަމްސީލު ނުކުރެވުމުގެ ސަބަބުން އެ ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ދާއިރާގެ ރައްޔިތުންނަށް ދައުލަތުން ދޭން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި، މަޖިލީހުގެ ޒިންމާތައް އަދާކުރުމަށް ގާނޫނާއި ހިލާފަށް ފާރިސްއަށް ހުރަސްއެޅުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

ފާރިސް މިހާރު ގެންދަވަނީ ގަވާއިދާ ހިލާފަށް ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުން ކުރިކަމަށް ބުނެ އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގެ އިތުރުން ސްޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ފާރިސްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފައެވެ.