ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ހޯދިފައިވާ ކަމަށް ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ އެ މައްސަލަތަކުގެ މޯޓިވް ދެނެގަނެވިއްޖެ ކަމަށާއި އެ މޯޓިވް ހޯދުނުކަން އެއީ ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
"އަޅުގަނޑުމެން ކުރި މަސައްކަތުން އަޅުގަނޑުމެން ހޯދި ހޯދުންތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެ މޯޓިވްތަކާއި އޭގެ ފަހަތުގައި ތިބީ ކޮން ބައެއްކަން މިހާރު ވަނީ ހޯދިފައި. އަޅުގަނޑުމެން ދެކޭގޮތުގައި އަޅުގަނޑުމެންނަށް އެ މޯޓިވް ހޯދުނުކަން އެއީ އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބު. އެހެންނަމަވެސް އަޅުގަނޑުމެން ކުރި މަސައްކަތުގެ ކުރި މަލާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެއީ އަޅުގަނޑުމެންގެ ފައިނަލް ރިޕޯޓުގައި އާންމުކުރާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ކުރިން އެ މައްސަލަތަކުގެ ހަގީގަތް ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށާއި ކޮމިޝަންގެ ރިޕޯޓު ނެރުމުގެ ކުރިން ފިޔަވަޅުތަކެއް އަޅައި، އޭގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކަމަށެވެ. އަދި ދައުވާ ކުރަން ވެއްޖެއްޔާ ނުވަތަ ހިފާ ހައްޔަރުކުރާ ކަމަށް ވެއްޖެއްޔާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލު ފާސްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖިނާއީ ދައުވާއެއް ކުރަން ބަލާކަމަށް ވެއްޖެއްޔާ، އަޅުގަނޑުމެން މިކުރާ ތަހުގީގުގެ އަލީގައި ދައުވާކުރާ ކަމަށް ވެއްޖެއްޔާ، ހިފާ ހައްޔަރުކުރާ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން އެބަޖެހޭ ގާނޫނު ފާސްވާން. އެހެންނޫނިއްޔާ އަޅުގަނޑުމެން އާދައިގެ ރިޕޯޓެއް ނެރެލާފައި ނިންމާލެވިދާނެ. އެކަމަކު އެއީކީ ނޫން ކަންނޭނގެ މީގެ މަގުސަދަކަށްވާން ޖެހޭނީ، އަދުލު އިންސާފު ލިބޭކަން ރައްޔިތުންނަށް ކަށަވަރުކުރުން،" އޭނާ ވިދާޅުވިއެވެ.
ސުއޫދު އިތުރަށް ވިދާޅުވީ އެ ކޮމިޝަނުގެ މަގުސަދަކީ މަރުތަކުގެ ފަހަތުގައި ތިބި މީހުން ހައްޔަރުކޮށް، އެމީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ފަދަ، ތަހުގީގީ އިދާރާއަކަށް ކޮމިޝަން ބަދަލުވެގެން ކަމަށެވެ. އަދި އޭގެ ކުރިން ރިޕޯޓު ނެރެފިއްޔާ ހެކިތައް ފޮރުވަން އެކަން ކުރި މީހުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.