ދުނިޔެ

އޮޕަރޭޝަން "ޔުކްތިޔާ": ލަންކާއިން މިހާތަނަށް 10000 އަށްވުރެ ގިނަ މީހަކު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

އޮޕަރޭޝަން ''ޔުކްތިޔާ''ގައި ލަންކާއިން މިހާތަނަށް 10،456 މީހަކު ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އާއި ސްޕެޝަލް ބިއުރޯއިން ގުޅިގެން ފަށާފައިވާ އޮޕަރޭޝަން ''ޔުކްތިޔާ'' އަކީ އެ ގައުމުގައި ހިންގާ ޑްރަގާއި ގުޅޭ ތަންތަން ހޯދުމާއި އަޑި ނޭނގޭ ޖަރީމާތައް ހިންގާ ތަންތަން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.

އޮޕަރޭޝަން ''ޔުކްތިޔާ'' ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިހާތަނަށް 10،456 މީހަކު ހައްޔަރުކޮށްފައިވާއިރު އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ އޮފިޝަލުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 1800 އަށްވުރެ ގިނަ މީހުން ހައްޔަރު ކުރިކަމަށް މައުލޫމާތު ދީފައެވެ.

މިހާތަނަށް މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ހެރޮއިން އާއި ކެނަބިސްގެ އިތުރުން މަސްތުވާން ބޭނުންކުރާ އެކި ބާވަތްތަކުގެ ތެލުގެ އިތުރުން 40،000 އަށްވުރެ ގިނަ ޕިލް ހޯދައިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބައެއްގެ އަތުން އަގުބޮޑު މުދާ ހޯދިފައިވާއިރު އެ މައްސަލަތައް ވަކިން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.