ދުނިޔެ

ޕްރާގްގެ ޔުނިވާސިޓީއެއްގައި ބަޑިޖަހައި 15 މީހަކު މަރާލައިފި

މުހައްމަދު އައުޒަމް

ޕްރާގްގެ ޔުނިވާސިޓީއެއްގައި ބަޑިޖަހައި 15 މީހަކު މަރާލައިފިއެވެ.

ޗެކްރިޕަބްލިކްގެ ވެރިރަށް ޕްރާގުގައި ހުންނަ ޗާލްސް ޔުނިވަސިޓީގައި ބަޑިން ހަމަލާދީފައި ވަނީ އެ ޔުނިވާސިޓީގައި ކިޔަވާ 24 އަހަރުގެ ދަރިވަރެއްކަމަށް ފުލުހުން ބުނެއެވެ.

ޕްރާގުގެ ފުލުހުން ވަނީ އޭނާ ބަޑިން ދިން ހަމަލާތަކުގައި 15 މީހުން މަރުވެ 24 މީހަކަށް އެކިވަރުގެ އަނިޔާ ވެެފައިވާކަމަށް ބުނެފައެވެ. ފުލުހުން ވަނީ ހަމަލާއަށްފަހު އޭނާ އަމިއްލަޔަށް މަރުވެފައިވާކަމަށް ބުނެފައެވެ.

ހާދިސާއަށްފަހު އެ ގައުމުގެ ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. މިހާތަނަށް ބެލި ބެލުމުން، ހަމަލާދިނުމުގެ ކުރިން އެމީހާ ވަނީ ރަޝިޔާގައި މިއަހަރުގެ ކުރީކޮޅު ދިން ބަޑީގެ އެފަދަ ހަމަލާއެއްގެ މައުލޫމާތު އެއްކޮށް އެކަމުން ބައެއް އުކުޅުތައް ދަސްކޮށްފައެވެ.

ފުލުހުންނާ ހަވާލާދީ ޕްރާގްގެ ނޫސްތަކުން ވަނީ ހަމަލާ ދިނުމަށް ޔުނިވަސިޓީއަށް ދިއުމުގެ ކުރިން އެމީހާ ވަނީ އޭނާގެ ބައްޕަވެސް މަރާލާފައިކަމަށް ރިޕޯޓުކޮށްފައެވެ.

ފުލުހުން ވަނީ ހަމަލާދިން ޔުނިވަސިޓީ ސަރަހައްދު ބަންދުކޮށް ތަހުގީގު ފަށާފަައެވެ.