އަލް އުސްތާޛް އަޙްމަދު މާޖިދު
މި ލިޔުމުގެ ފުރަތަމަ ބައިގައި ވާނީ، ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 49، 202، އަދި 203 ވަނަ މާއްދާއަށް އިޞްލާޙުތަކެއް ގެނައުމަށް އެ މަޖިލިހުގެ ޢާއްމު ކޮމިޓީން ފާސް ކޮށް، އެ އިޞްލާޙުތައް މަޖިލިހަށް ފޮނުވި ވާހަކަ ބަޔާން ކުރެވިފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، 18 ޑިސެންބަރު 2023 ގައި އޮތް، ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ 37 ވަނަ ޖަލްސާގައި އެ އިޞްލާޙުތައް ވަނީ ފާސް ކޮށްފައެވެ. އެހެންކަމުން، އެއީ މިހާރު މަޖިލިހުގެ ޤަވާޢިދުގެ ބައެކެވެ.
ކުރީން ވެސް ފާހަގަ ކުރެވުނު ފަދައިން، މި އިޞްލާޙުތައް ފާސް ކުރުމުގައި ރައްޔިތުންގެ މަޖިލިހުން އެ ހެދީ ވަރަށް ބޮޑު ގޯސްތަކެކެވެ. އެ ކުރި ކަމަކީ ސިޔާސީ އަމިއްލަ އެދުންވެރިކަމުގައި ދުސްތޫރީ ނިޒާމާއި ޤައުމުގެ މަޞްލަޙަތުގައި އަނެއްކާވެސް ރެނދު އެޅުވުމެވެ. ޚާއްޞަކޮށް، އެ އިޞްލާޙުތަކަށް ފަހު، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް، މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ކޮންޓްރޯލް ކުރާ އަދި ޤަވާޢިދަށް މި އިޞްލާޙުތައް ގެނައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން (އެމްޑީޕީ) މަސައްކަތް ކޮށްފިއްޔާ، އެކަން ވެގެން ދާނީ ދިވެހި ދުސްތޫރު އެ އަޞްލުތަކަކާއި މަބްދައުތަކެއްގެ މައްޗަށް ބިނާ ވެގެން ވާ ހުރިހައި މަބްދައުތަކެއް ފުނޑުފުނޑު ކޮށްލުމުގެ ޢަމަލަކަށެވެ. އަމިއްލަ ސިޔާސީ އެދުންވެރިކަމުގައި ނުވަތަ ސިޔާސީ ތަޢައްޞުބުގެ ކަނުކަމުގައި، މިއީ ކުރާން ހެޔޮ ވާވަރުގެ ކަމެއް ނޫނެވެ.
ފުރަތަމަ ބައިގެ ނިންމުމުގައި އަޅުގަނޑު ދެންނެވި ފަދައިން، މި ލިޔުމުގައި ދެން ބަލައިލާނީ މަޖިލިހުގެ ޤަވާޢިދުގެ 49 އާއި 202 އާއި 203 މި މާއްދާތަކަށް ގެނައި އިޞްލާޙުތަކާއި، އެ އިޞްލާޙުތައް ގެނެސްގެން އެމްޑީޕީގެ އަތްމައްޗަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމުގެ ހުރިހައި ބާރުތަކެއް ފިރުކައިގަނެގެން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ހިންގައިފި ކޮންމެ އިޖުރާއާތެއް ފާސިދު އަދި ބާޠިލު އިޖުރާއާތަކަށް ވާނޭ ގޮތުގެ މައްޗަށެވެ. ދުސްތޫރީ އަދި ޤާނޫނީ (constitutional and legal) ނަޒަރުންނާއި، ސިޔާސީ (political) ނަޒަރުންނާއި، އަޚްލާޤީ (moral) ނަޒަރުން، އަދި ޤައުމީ މަޞްލަޙަތުގެ (of national interest) ނަޒަރުން ވެހެވެ.
މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށް ގެނެވުނު "އިޞްލާޙާ" އެކު، ދެން "މަޖިލިހުގެ ޖުމުލަ މެންބަރުން" (total membership of the Majlis) ކަމުގައި މަޖިލިހުން – ޔަޢުނީ، މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ކޮންޓްރޯލް ކުރާ އެމްޑީޕިން – ބަލާނީ ޙަޤީޤަތުގައި މަޖިލިހުގެ ޖުމުލަ މެންބަރުންގެ ޢަދަދާ އެއްވެސް ގުޅުމެއް ނެތް، އެ ވަގުތަކު މަޖިލިހުގެ މެންބަރުކަމަށް އިންތިޚާބު ވެފައި ތިބި މީހުންގެ ޢަދަދެވެ.
މި ލިޔުމުގެ ފުރަތަމަ ބައިގައި ވެސް ދެންނެވި ފަދައިން، ދިވެހި ބަހުގެ މާނަވިއްޔާތާއި (semantics of the Dhivehi language)، ޤާނޫނީ ޢިލްމާއި، ޤާނޫނު މާނަ ކުރުމުގެ ހަމަތަކާއި (rules of interpretation)، ހަމަ ބުއްދި ނުވަތަ ޢަޤުލީ (rational) އަސާސުތަކުގެ ތަރާދުތަކުގައި ކޮންމެ ގޮތަކަށް ކިރިޔަސް، "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙުގެ މާނައެއް ކަމުގައި ފެންނާނީ އެކައްޗެކެވެ. އާދޭހެވެ! އެއީ، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުން ތަމްސީލު ކުރުމުގެ ބޭނުމަށް ޓަކައި އެކަށައެޅިފައި ވާ ބަރުލަމާނީ ދާއިރާތައް (parliamentary constituencies) ނުވަތަ އިންތިޚާބީ ދާއިރާތަކަށް (electoral constituencies) މަޖިލިހުގައި ކަނޑައެޅިފައިވާ ހުރިހައި ގޮނޑިތަކަށް އިންތިޚާބު ވެފައި ތިބޭ ހުރިހައި މެންބަރުން ހަމަ ވުމުން، އެ އެންމެންގެ މުޅިއެކު ޢަދަދެވެ. އެއްވެސް ދާއިރާއެއްގެ އެއްވެސް ގޮނޑިއެއްގައި މެންބަރަކު ނެތިއްޔާ، މަޖިލިހުގައި "މަޖިލިހުގެ ޖުމުލަ މެންބަރުން" ތިބި ކަމަށް ބެލެވޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. ޤާނޫނުއަސާސީގެ ދަށުން، މިހާރު ރައްޔިތުންގެ މަޖިލިހުގައި ތިބޭން ޖެހެނީ 87 މެންބަރުންނެވެ. ވީމާ، މިހާރު "މަޖިލިހުގެ ޖުމުލަ މެންބަރުން" (total membership of the Majlis) ކަމުގައި ވާނީ 87 އެވެ. އެއިން އެއްވެސް ގޮނޑިއެއް، މެންބަރަކު ނިޔާ ވުން ނުވަތަ މެންބަރަކު އިސްތިޢުފާ ދިނުން ނުވަތަ މެންބަރަކުގެ ކިބައިން ދުސްތޫރީ ޝަރުޠެއް އުނި ވެގެން އެ މެންބަރަކު މެންބަރުކަމުން ވަކި ވުން ފަދަ ސަބަބަކާ ހުރެ ހުސް (vacant) ވެއްޖެއްޔާ، މަޖިލިސް ފުރިހަމައެއް ނުވާނެއެވެ. އާދެ، މަޖިލިސް އޮންނާނީ އެއް މެންބަރަކު އުނި ޙާލަތުގައެވެ. އެފަދަ ޙާލަތުގައި މަޖިލިހުގައި މެންބަރުކަމުގައި ތިބޭ މެންބަރުންގެ ޖުމުލައަށް ދުނިޔޭގެ އެއްވެސް ދުސްތޫރީ ނިޒާމެއްގައި "ޤާނޫނު ހަދާ މަޖިލިހުގެ ޖުމުލަ މެންބަރުން" (total membership of the council/total strength of the council) މި ސިފަކުރުން ބޭނުމެއް ނުކުރެއެވެ. އެއާ ޚިލާފަށް، ޤާނޫނު ހަދާ މަޖިލިހެއްގައި ހިމެނޭ ބައެއް ގޮނޑިތަކުގައި މެންބަރުން ނެތި އެ ގޮނޑިތައް ހުސް ވެފައި ވާ ޙާލަތުގައި، އެ ޙާލަތެއްގައި މަޖިލިހުގައި ތިބޭ މެންބަރުންގެ ޖުމުލައަށް ދުނިޔޭގެ ދުސްތޫރީ ނިޒާމުތަކުގައި ބޭނުން ކުރަނީ (effective strength of the council) ފަދަ ނަންތަކާއި ސިފަކުރުންތަކެވެ.
އޮޅުމެއް ނެތް ގޮތުގައި، އެއްޗަކުން އޭގެ މިންވަރެއް އުނި ވާ ޙާލަތުގައި، އޭގެ "ޖުމުލަ މިންވަރު" (total number/total amount) ފުރިހަމަ ވާ ކަމަށް ބެލުމަކީ ހަމަބުއްދި ޤަބޫލު ކުރާ އަދި ޢަޤްލީ ވިސްނުމަށް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. ހަމަ އެ އުޞޫލުން، އެއިރަކުން ރައްޔިތުންގެ މަޖިލިހުގައި އެ "މަޖިލިހުގެ ޖުމުލަ މެންބަރުން" ތިބި ކަމަށް ބުނެވޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ދެން މި ހުށައަޅައިލަނީ އަޅުގަނޑު މި ދެންނެވި ވާހަކައަށް ބުރަދަން އިތުރު ކުރުމަށް ޓަކައި ފާހަގަ ކުރާ ޙުއްޖިއްޔަތުތަކެވެ.
1. ފުރަތަމަ ކަމަކަށް، "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙަކީ ރައްޔިތުންގެ މަޖިލިހުގެ އިޖުރާއާތުތައް ހިންގައި އެ މަޖިލިހުން ކަންކަން ފާސް ކުރުމުގެ މަސައްކަތުގެ ސިޔާގުގައި، ޤާނޫނުއަސާސީގައި ހިމެނިފައި ވާ މަފްހޫމެއް އަދި އިޞްޠިލާޙެއްކަން ފާހަގަ ކުރަމެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގެ ކޯރަމާ ބެހޭގޮތުން ޤާނޫނުއަސާސީގައި އޮންނަ ޢާއްމު ހަމައަކީ، މަޖިލިހުގެ މެންބަރުންގެ ފަންސަވީސް އިންސައްތަ ޖަލްސާގައި ތިބުމުން ކޯރަމް ހަމަ ވުމެވެ. އެކަން ޤާނޫނުއަސާސީގެ 86 ވަނަ މާއްދާއިން އެނގެއެވެ. މަޖިލިހުން ކަންކަން ފާސް ކުރުން ނުވަތަ ނިންމުންތައް ނިންމުމުގައި، އާނވޯޓު ބޭނުން ވާ މިންވަރާ މެދު، ޢާއްމު ހަމައަކީ އެ ނިންމުމެއް ނިންމާ ޖަލްސާއަށް ހާޒިރު ވެ ވޯޓުގައި ބައިވެރި ވާ މެންބަރުންގެ އަޣްލަބިއްޔަތު (majority) ގެ އާނވޯޓަކީ ނިންމުމެއް ނިންމުމަށް ފުދޭ ވޯޓު ކަމުގައި ވުމެވެ. އަޣްލަބިއްޔަތަކީ ވޯޓު ދޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ޢަދަދެއްގެ ވޯޓެވެ. އެއީ ދެބައިކުޅަ އެއްބައި ވޯޓު ލިބި، އިތުރަށް މަދު ވޯޓުކޮޅެއް ނުވަތަ އެންމެ ވޯޓެއް ލިބުނަސް ވެހެވެ. މި ހަމަ ނެގެނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) އިންނެވެ. މި ހަމަތައް އެކަށައަޅާ މާއްދާތަކުން ސާފު ވާ ގޮތުގައި، މަޖިލިހުގެ ޖުމުލަ މެންބަރުންގެ ފަންސަވީސް އިންސައްތައިގެ ކޯރަމެއް އޮންނަ ޖަލްސާއެއްގައި، އެ ޖަލްސާގައި ތިބި މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުންގެ ވޯޓުން ކަމެއް ފާސް ކުރެވިދާނެއެވެ. ނުވަތަ ނިންމުމެއް ނިންމިދާނެއެވެ. ޢާއްމު އުޞޫލެއްގެ ގޮތުން، ޢާއްމު ޙާލަތުތަކުގައެވެ.
އެހެން ނަމަވެސް، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކުގައި، މަޖިލިހުން ކަމެއް ފާސް ކުރުމަށް ނުވަތަ ނިންމުމެއް ނިންމުމަށް ޓަކައި "މަޖިލިހުގެ ޖުމުލަ މެންބަރުން" (total membership of the Majlis/total number of the members of the Majlis) ގެ ވަކި އަޣްލަބިއްޔަތެއްގެ ވޯޓު ލިބޭން ޖެހޭ ކަމަށް ކަނޑައަޅައިފައި ވެއެވެ. "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙު ނުވަތަ މަފްހޫމު ޤާނޫނުއަސާސީގައި ވާތީ ފެންނަނީ މި ދެންނެވި މާއްދާތަކުންނެވެ. އޭގެ މުޅިއެކު ތޭރަ މާއްދާ ޤާނުނުއަސާސީގައި ވެއެވެ. އެއީ 3، 80، 87(ށ)، 91(ށ)، 100(ބ)، 101(ނ)، 210، 215، 221، 225، 250، 251، އަދި 261 މި މާއްދާތަކެވެ. މި މާއްދާތައް ބަލައިލުމުން، ފާހަގަ ކުރެވޭ ގޮތުގައި، ބައެއް ކަންކަން ފާސް ކުރުމަށް "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ ސާދާ އަޣްލަބިއްޔަތު ފުދެއެވެ. ބައެއް ކަންކަން ފާސް ކުރުމަށް "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ބޭނުން ވެއެވެ. އެއް ކަމެއް ފާސް ކުރުމަށް ޓަކައި "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތު ވެސް ބޭނުން ވެއެވެ. މި މާއްދާތައް ކިޔައިލުމުން ފާހަގަ ކުރެވޭ އަނެއް ކަމަކީ، "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" އަޣްލަބިއްޔަތުން މެނުވީ ފާސް ނުކުރެވޭ ކޮންމެ ކަމަކީ ވެސް ދުސްތޫރީ ވަރަށް މުހިއްމު މައްސަލަތަކާއި ކަންކަންކަމެވެ. އެ ކަންކަމުގެ ބާވަތުން، މަޖިލިހުގެ ޢާއްމު ކޯރަމުގައި ބާއްވާ ބައްދަލުވުމަކުން، އެ ބައްދަލުވުމަށް ހާޒިރު ވެ ވޯޓު ލާ މެންބަރުންގެ ވޯޓުކޮޅުން އެކަނި ނިންމާ ވަރަށް ވުރެ މުހިއްމު ކަންކަންކަމެވެ.
ޤާނޫނުއަސާސީގައި، ރައްޔިތުންގެ މަޖިލިހުން ކަމެއް ފާސް ކުރުމަށް ނުވަތަ ނިންމުމެއް ނިންމުމަށް ޓަކައި ޢާއްމު އުޞޫލަކުން "ޖަލްސާއަށް ހާޒިރު ވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ" ވޯޓުން އެކަން ކުރެވޭނެ ކަމަށް ބަޔާން ކޮށްފައި، ދެން ވަކި ޚާއްޞަ އަދި މުހިއްމު ކަންތައްތަކެއް ވަކި ކޮށް، އެ ކަންކަމުގައި މަޖިލިހުން ނިންމުމެއް ނިންމޭނީ "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" އަޣްލަބިއްޔަތުންނޭ ބުނުމުން، އޭގެ މާނަ ވަރަށް ސާފެވެ. އާދެ، އޭގެ މާނައަކީ އެ ނިންމުންތައް ނިންމުމަށް ބޭނުން ވާ އަޣްލަބިއްޔަތަކީ މުޅި މަޖިލިހުގެ ހުރިހައި މެންބަރުން، ނުވަތަ މަޖިލިހުގައި އެ ވަގުތަކު ޤާނޫނުއަސާސީގެ ދަށުން މެންބަރުން ތިބޭން ޖެހޭ ޖުމުލަ ޢަދަދުގެ ވާހަކައެވެ.
2. ދެވަނަ ކަމަކަށް، ދިވެހި ބަހުގެ މަޢާނިއްޔާތު (semantics of the Dhivehi language) ގެ މަންޒޫރުން "މަޖިލިހުގެ ޖުމުލަ މެންބަރުން" މި ޢިބާރާތުގެ މައްޗަށް ބަލައިލަމާ ހިންގަވާށެވެ! އާދެ، މި ޢިބާރާތުގައި ހިމެނޭ ދިވެހި ލަފުޒުތަކާއި އެ ލަފުޒުތައް ގުޅިގެން އެކުލެވިގެން ޢިބާރާތް ކުރެވިފައިވާ ގޮތަށް ބަލައި، މި ޢިބާރާތުން ނެރެވޭނެ މާނައަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ!
މި ތަނުގައި މުހިއްމީ "މަޖިލިހުގެ ޖުމުލަ" މި ޢިބާރާތެވެ. މި ޢިބާރާތުގައި ތިން ލަފުޒު އެބައޮތެވެ. އެއް ލަފުޒަކީ "މަޖޖިލިސް" މިއެވެ. ދެވަނަ ލަފުޒަކީ "ގެ" މިއެވެ. ތިންވަނަ ލަފުޒަކީ "ޖުމުލަ" މިއެވެ.
"މަޖިލިސް" އެވެ މި ކިޔެނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށެވެ. އެއީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި 70 (ހ) ވަނަ މާއްދާއިން އުފައްދައި ބާރުވެރި ކުރުވައިފައި ވާ، ދިވެހި ދައުލަތުގެ ޙުކޫމަތުގެ ޤާނޫނު ހެދުމުގެ ބާރެވެ. އެ މަޖިލިސް އެކުލެވިގެންވާ ގޮތް، ނުވަތަ އެއީ ކިހިނެއް އޮންނަ، ކޮން ބައިތަކެއް ހިމެނިގެން ފުރިހަމަވާ މަޖިލިހެއްކަން އެނގެނީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާ އާއި 72 ވަނަ މާއްދާއިންނެވެ. އެ މާއްދާތައް ކިޔައިލުމުން، އެނގި ބަޔާންވާ ގޮތުގައި ރައްޔިތުންގެ މަޖިލިހަކީ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ދިވެހި ދައުލަތުގެ ސަރަޙައްދު އިދާރީ ގޮތުން ބަހައިލާ އެކާވީސް ދާއިރާގެ ތެރެއިން ޤާނޫނުން ކަނޑައަޅާ ބަރުލަމާނީ ދާއިރާތަކެއް (parliamentary constituencies) ނުވަތަ އިންތިޚާބީ ދާއިރާތަކެއް (electoral constituencies) ތަމްސީލު ކުރާ މަންދޫބުންގެ ގޮތުގައި އެ ދާއިރާތަކުގެ ރައްޔިތުންގެ ވޯޓުން ހޮވޭ މެންބަރުންގެ އެންމެން ހިމެނޭ މަޖިލިހެކެވެ. އާދެ، ރައްޔިތުންގެ މަޖިލިސް ފުރިހަމަ ވާނީ، މި ދަންނަވާ ދުސްތޫރީ ދެ ނައްޞުގެ ދަށުން މަޖިލިހަށް އިންތިޚާބު ވާން ޖެހޭ ހުރިހައި މެންބަރުން ހިމެނިގެންނެވެ. މަޖިލިހޭ ކިޔަނީ އެ ހުރިހައި މެންބަރުންނަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކަށް ނޫނެވެ.
ދެން އޮތީ "ގެ" މި ލަފުޒެވެ. ދިވެހި ބަހުގެ ޤަވާޢިދުގައި މި ލަފުޒު ގިންތި ކުރެވެނީ އަކުރެއްގެ ގޮތުގައެވެ. މި ލަފުޒާ މެދު ޤަވާޢިދުގެ ނަޒަރުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ކަމަށް ބެލެވެނީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ފަތްތޫރައިގެ ފުރަތަމަ ޢަދަދުގައި ޝާއިޢު ކުރެވުނު އެމަނިކުފާނުގެ ޅެމެއްގައި މި ލަފުޒުގެ ވާހަކަ "ފުށަތު ފިލި ޖެހިގެންވާ ގަވިޔަނި" މި ޢިބާރާތުން ގެންނަވައިފައި ވެއެވެ. ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ދީދީގެ "ފިޔަވަޅު" ސިލްސިލާގެ ތިންވަނަ ފޮތުގެ 13 ވަނަ ޞަފުޙާގައި ވެސް މި ލަފުޒުގެ ވާހަކަ ގެންނަވައިފައި ވެއެވެ. މި ލަފުޒު ދިވެހި ބަހުގައި އަންނަނީ ނަމެއްގެ ފަހަތަށް، އެ ނަމަކާ ގުޅޭ އަކުރެއްގެ ގޮތުގައެވެ. އެ ލަފުޒުގެ އޮންނަނީ ދެ ދައުރެކެވެ. އެއް ދައުރަކީ މިލްކުވެރިކަން ބަޔާން ކޮށްދިނުމެވެ. މިސާލަކީ "އަހަރެންގެ ފިހާރަ" އެވެ. ދެވަނަ ދައުރަކީ މިލްކުވެރިކަން ނެތް ޙާލު ނިސްބަތް ވެގެން ވާކަން ބަޔާން ކުރުމެވެ. މިސާލަކީ "ގަލަމުގެ ތުނޑު" މިއެވެ. އިނގިރޭސި އިޞްޠިލާޙުތަކަކުން ދަންނަވަންޏާ، މި "ގެ" އަކީ ޖެނިޓިވް ކޭސް (genitive case) އަދި ޕޮޒެސިވް ކޭސް (possessive case) ގެ ދައުރު ދިވެހި ބަހުގައި އަދާ ކުރާ ލަފުޒެކެވެ.
ދެން ދިވެހި ބަހުގައި "ޖުމުލަ" މި ލަފުޒުގެ މާނަ ބަލައިލަމާތޯއެވެ! ދިވެހިރާއްޖޭގެ ޔުނިވަރުސިޓީން 2011 ވަނަ އަހަރު ޝާއިޢު ކުރި "ދިވެހި ބަސްފޮތް" މި ނަން ކިޔާ ދިވެހި ރަދީފުގެ 1166 ވަނަ ޞަފުޙާގައި "ޖުމުލަ" މި ލަފުޒުގެ މާނަ ކިޔައިދީފައި އޮވެއެވެ. މާނައެއްގެ ގޮތުގައި އޮންނަނީ "ހުރިހައި" އަދި "އެންމެހައި" އަދި "މުޅިއެކު" މިއެވެ. އެހެންކަމުން، "ޖުމުލަ" އެވެ ކިޔަނީ ކޮންމެ އެއްޗެއްގައި ވެސް ހިމެނޭ ހުރިހައި ބައިތަކެއް، އެންމެހައި ބައިތަކެއް، އަދި މުޅިއެކު އެ އެއްޗެއްގައި ހިމެނޭ ހުރިހައި ބައިތަކެއް ފުރިހަމަ ވެގެންވާ ވުމަށެވެ.
މި ދެންނެވި ނުކުތާތަކުގެ އަލީގައި ޤާނޫނު އަސާސީގައި ތޭރަ މާއްދާއެއްގައި ތަކުރާރު ކޮށްފައި ވާ "މަޖިލިހުގެ ޖުމުލަ (މެންބަރުން)" މި ޢިބާރާތަށް ބަލައިލުމުން، އޮޅުމެއް ވަހުމެއް ނެތި ސާފު ވެގެންދާ ކަމަކީ، އެ ބުނަނީ ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ، އެ މަޖިލިހަށް ނިސްބަތް ވާ، ހުރިހައި މެންބަރުންގެ ޖުމުލައިގެ ވާހަކަ ކަމެވެ. މަޖިލިހުގެ އެންމެހައި މެންބަރުންގެ ޖުމުލަ ޢަދަދުގެ ވާހަކަ ކަމެވެ. މަޖިލިހުގެ ހުރިހައި މެންބަރުންގެ މުޅިއެކު ޖުމުލައަކަށް ވާ ޖުމުލަ ކަމެވެ. އެހެންކަމުން، އާދެ، "މަޖިލިހުގެ ޖުމުލަ" އަކީ މަޖިލިހުގެ ވަކި ބައެއްގެ ޖުމުލައަކަށް ނުވާނެއެވެ. މަޖިލިހަށް ނިސްބަތް ވާ، މަޖިލިހުގައި ހިމެނޭ، މަޖިލިހުގެ ބައެއް ގޮނޑިތައް ނުގުނައި ކިޔޭ ޢަދަދަކަށް ނުވާނެއެވެ. އެ ވާނީ މުޅި މަޖިލިހުގެ ޖުމުލަ ކަމުގައެވެ. މިކަމާ މެދަކު، އިތުރަށް މީހަކު ދައްކާނޭ ވާހަކައެއް، ކުރާނޭ ބަހުސެއް، ކުރާނޭ ޖަދަލެއް ނެތެވެ. ގޮތް ދޫނުކުރުމުގެ ގޮތުން ހަޅޭއްލަވާލެވުމެއް ފިޔަވައެވެ!
3. ތިންވަނަ ކަމަކަށް، އެހެން ބައެއް ޤައުމުތަކުގައި ޤާނޫނު ހަދާ މަޖިލިހުގެ އަޣްލަބިއްޔަތާ ބެހޭގޮތުން ހުރި މާއްދާތަކަށް ބަލައިލައި، އެ ޤައުމުތަކުގައި މަޖިލިހުގެ މުޅި ޖުމުލަ ޢަދަދާއި، މަޖިލިހުގެ މެންބަރުންގެ ގޮތުގައި އެ ވަގުތަކު ތިބި މެންބަރުންގެ ޢަދަދު ފަރަގު ކުރޭތޯ ބަލައިލެވިދާނެއެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ހަމައެކަނި އިންޑިއާގެ ޤާނޫނުއަސާސީއަށެވެ. އެއީ ދުސްތޫރީ ޢިލްމުގެ މިންގަނޑުތަކުން ބަލާ އިރު، ވަރަށް ފުރިހަމައަށް ލިޔެ ޢިބާރާތް ކޮށްފައިވާ، އަދި ދުސްތޫރީ ފަލްސަފާގެ މަބްދައުތަކާއި އުޞޫލުތަކަށް ވަރަށް ބޮޑަށް ހެއިލައި ތިބި ބަޔަކު ލިޔެފައި ވާ ޤާނޫނުއަސާސީއަކަށް ވާތީއެވެ.
އިނގިރޭސި ބަހުން ލިޔެފައި ވާ އިންޑިއާގެ ޤާނޫނުއަސާސީގައި، މެންބަރުން ނެތް ހުސް ގޮނޑިތައް (vacant seats) ނުގުނައި، ޤާނޫނު ހަދާ މަޖިލިހުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމިތިބި މީހުންގެ އަޣްލަބިއްޔަތުގެ ވާހަކަ ގެނެސްފައި ވާއިރު، ޢިބާރާތް އޮންނަނީ (a majority of all the then members) މި ގޮތަށެވެ. މިސާލަކަށް، އިންޑިއާގެ ޤާނޫނުއަސާސީގެ 67(b) ވަނަ މާއްދާ، 90(c) ވަނަ މާއްދާ، 94(c) ވަނަ މާއްދާތައް ބައްލަވާށެވެ! މި ދަންނަވާ ޢިބާރާތް ދިވެހި ބަހަށް މާނަ ކުރެވޭނީ "އެ ވަގުތަކު މެންބަރުކަމުގައި ދެމިތިބި މެންބަރުން" މި ކަހަލަ ގޮތަކަށެވެ. މި ޢިބާރާތުގައި "އެ ވަގުތަކު ތިބި" މި ގޮތަށް އައުމުން، އެ ދައްކަނީ މަޖިލިހުގެ ފުރިހަމަ ޖުމުލައިގެ ވާހަކަ ނޫން ކަމާއި، ޙާލަތެއް މެދުވެރި ވެގެން ބައެއް ގޮނޑިތައް ހުސް ވެ ބައެއް މެންބަރުން މެންބަރުކަމުގައި ނެތަތީ، އެ ވަގުތަކު ތިބި މެންބަރުންނަށް ނިސްބަތް ކޮށްކަން ވަރަށް ސާފެވެ. އެހެންކަމުން، މި ދަންނަވާ ޢިބާރާތް އެއްވެސް ޙާލެއްގައި "ޤާނޫނު ހަދާ މަޖިލިހުގެ ޖުމުލަ މެންބަރުން" މިފަދަ ގޮތަކަށް މާނައެއް ނުކުރެވޭނެއެވެ.
އަނެއްކޮޅުން، އިންޑިއާގެ ޤާނޫނުއަސާސީގައި، ޤާނޫނު ހަދާ މަޖިލިހުގެ ހުރިހައި މެންބަރުން، މަޖިލިހުގެ ހުރިހައި ގޮނޑިތަކެއްގައި ތިބޭ ހުރިހައި މެންބަރުން ވެސް ގުނޭ މުޅި ޖުމުލަ މެންބަރުންގެ ވާހަކަ ދައްކާ އިރު، ބޭނުން ކޮށްފައި އޮންނަ ޢިބާރާތަކީ (the total membership) މިއެވެ. މީގެ މާނައަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި، "މެންބަރުންގެ ޖުމުލަ" މިއެވެ. މެންބަރުންގެ ޖުމުލައިގެ އަޣްލަބިއްޔަތުގެ ވާހަކަ ދައްކަންޏާ، އިނގިރޭސި ބަހުން ބުނާނީ، އަދި އިންޑިއާގެ ޤާނޫނުއަސާސީގައި އެ މާނައިގައި ބޭނުން ކޮށްފައި އޮންނަ ޢިބާރާތަކީ (majority of the total membership) މިއެވެ. މިސާލުތަކެއްގެ ގޮތުގައި އެ ޤާނޫނުއަސާސީގެ 124(4) ވަނަ މާއްދާ، 169(1) ވަނަ މާއްދާ، އަދި 352(6) ވަނަ މާއްދާ ބައްލަވާށެވެ!
މި ދެންނެވި ބަޔާނުން ވެސް ސާފު ވެގެން ދަނީ، "މަޖިލިހުގެ ޖުމުލަ މެންބަރުން" މި ޢިބާރާތަކީ ޤާނޫނު ހަދާ މަޖިލިސްތަކުގައި ހިމެނޭ ހުރިހައި ގޮނޑިތަކަކަށް ނިސްބަތް ވާ ހުރިހައި މެންބަރުންގެ ޖުމުލައަށް ނިސްބަތް ކޮށް ބޭނުން ކުރާ ޢިބާރާތެއް ކަމެވެ. މަތީގައި، އިންޑިއާގެ ޤާނޫނުއަސާސީގައި "އެ ވަގުތަކު މަޖިލިހުގެ މެންބަރުކަމުގައި ތިބި މެންބަރުންގެ" މަފްހޫމު އޮންނަ ވާހަކަ ދެންނެވިއްޖެއެވެ. އެ މަފްހޫމަކީ ދިވެހި ދުސްތޫރުގައި އޮތް މަފްހޫމެއް ނޫނެވެ. އެ މަފްހޫމަށް، އިންޑިއާގެ ދުސްތޫރީ ޢިލްމުވެރީން އިނގިރޭސި ބަހުން (effective strength of the legislature) މި ނަންކިޔައެވެ. އަދި "އެ ވަގުތަކު މަޖިލިހުގެ މެންބަރުކަމުގައި ތިބި މެންބަރުންގެ އަޣްލަބިއްޔަތު" މި މާނައިގައި (effective majority) މި ނަން އެމީހުން ބޭނުން ކުރެއެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެއްވެސް ތަނެއްގައި އޮތް އޮތް އިޞްޠިލާޙެއް ނޫނެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި އޮންނަނީ، ދެންނެވިދިޔަ ފަދައިން، ހާޒިރުވެ ވޯޓު ދިން މެންބަރުންގެ އަޣްލަބިއްޔަތެއްގެ ވާހަކަ އާއި، މަޖިލިހުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތުގެ ވާހަކައެވެ.
4. މި ކަމާ ގުޅޭ ފަހު ނުކުތާއެއްގެ ގޮތުގައި ދަންނަވައިލާން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލު ކުރާން ފެށީއްސުރެ، "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ މާނަ އަކީ، ރައްޔިތުންގެ މަޖިލިހުގައި މުޅިއެކު ހިމެނޭ ހުރިހައި، އަދި އެންމެހައި މެންބަރުންގެ ވާހަކަ ކަމީ، ދިވެހި ދުސްތޫރީ ޢުރުފުގައި ސާބިތު ވެ އިސްތިޤްރާރު ވެފައި އޮތް ކަމެއް ކަމުގެ ވާހަކައެވެ. އާދެ، "މަޖިލިހުގެ ޖުމުލަ މެންބަރުން" ނަކީ އެ ވަގުތަކު ހުސްކޮށް ހުންނަ ގޮނޑިތައް ވެސް ހިމެނިގެން ދާ، މުޅި މަޖިލިހުގެ ޖުމުލަ ގޮނޑީގެ ޢަދަދުގެ ވާހަކަކަން، އެއީ އަޅުގަނޑުމެން އެންމެން މިއަދާ ހަމަޔަށް އެ ޢިބާރާތް ދުސްތޫރީ އަދި ޤާނޫނީ ގޮތުން މާނަ ކޮށް، ދޭހަ ކޮށްގެން ތިބި ގޮތެވެ. އެ ގޮތް އޮޅުވައިލާން މިއަދު އެމްޑީޕީން، މަޖިލިހުގައި އެ ޕާޓީއަށް އޮތް އަޣްލަބިއްޔަތުގެ ނާޖާއިޒު ބޭނުން ކޮށްގެން ކުރާ މަސައްކަތަކީ ޢުރުފުގައި ވެސް ކޮޅުފައިން ޖެހުމެވެ. ޤާނޫނުއަސާސީއަށް، ދިވެހި ބަހަށް، ބަހުގެ ޤަވާޢިދަށް އިޙުތިރާމު ނުކުރި ފަދައިން، ހެޔޮ ޢުރުފާއި ހެޔޮ އާދަކާދައަށް ވެސް ޙުރުމަތެއް ނެތީއެވެ!
ޢުރުފުގެ ވާހަކަ ދައްކާ އިރު، "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙުގެ އަޞްލަކީ ކޮބައިތޯ ބަލައިލައި، އެއިން އަޅުގަނޑުމެން މި ދައްކާ ވާހަކައަށް އިތުރު އަލިކަމެއް ލިބޭތޯ ވެސް ބެލިދާނެއެވެ.
ފަހެ، ދިވެހިރާއްޖޭގައި 1932 ވަނަ އަހަރުން ފެށިގެން އެކަށައެޅި ހިންގިފައިވާ ޤާނޫނުއަސާސީތަކަށް ބަލާ އިރު، މަޖިލިހުން ކަމެއް ފާސް ކުރުމަށް ޓަކައި ވަކި މިންވަރެއްގެ އަޣްލަބިއްޔަތެއް ލިބޭން ވާނޭ ކަމަށް ފުރަތަމަ ބަޔާން ކޮށްފައި ވަނީ 1968 ވަނަ އަހަރުގެ ޤާނޫނުއަސާސީގައެވެ. އެ ޤާނޫނުއަސާސީގެ 66 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެން ވާނީ 54 މެންބަރުންގެ މައްޗަށް ކަމުގައި ބަޔާން ކުރުމަށް ފަހު، 79 ވަނަ މާއްދާގައި މަޖިލިހުގެ ޖަލްސާގެ ޢާއްމު ކޯރަމަކީ 28 ކަމަށް ބުނެފައި ވެއެވެ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، އެއީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތު ފުރިހަމަ ވާ އެންމެ މަދު ޢަދަދެވެ. އެޔަށްފަހު، 80 ވަނަ މާއްދާގައްޔާއި 81 ވަނަ މާއްދާގައި، ކަންކަން ފާސް ކުރުމަށް ބޭނުންވާ އަޣްލަބިއްޔަތު ކަނޑައަޅައިފައި އޮންނަ އިރު، އޮންނަނީ ދެ ވައްތަރެއްގެ އަޣްލަބިއްޔަތެއްގެ ވާހަކައެވެ. އެއީ އާދައިގެ އަޣްލަބިއްޔަތު، އަދި ޚާއްޞަ އަޣްލަބިއްޔަތެވެ. މި ދެ އަޣްލަބިއްޔަތުގެ މިންވަރު ދީފައި ވަނީ ޢަދަދުންނެވެ. އެގޮތުން، 81 ވަނަ މާއްދާގައި އާދައިގެ އަޣްލަބިއްޔަތަކީ 28 ވޯޓު ކަމަށް، އަދި ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތަކީ – ޔަޢުނީ، ޚާއްޞަ އަޣްލަބިއްޔަތަކީ – 36 ވޯޓު ކަމަށް ބުނެފައި ވެއެވެ. ވަރަށް އާދައިގެ ވިޔަކުރުމަކުން ސާފު ވެވަޑައިގަންނަވާނޭ ފަދައިން، މި ދެ ޢަދަދުގައި ވެސް ބޭސް ނަންބަރަކަށް ބަލައިފައި އެ ވަނީ، ހުސް ވެފައި ވާ ގޮނޑިތަކަކަށް ބެލުމެއް ނެތި، މުޅި މަޖިލިހުގެ ނުވަތަ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ޢަދަދެވެ. އެހެނީ، އާދައިގެ އަޣްލަބިއްޔަތު ކަމުގައި ބުނެފައި ވާ 28 ވޯޓަކީ، މަޖިލިހުގެ ހުރިހައި މެންބަރުންގެ ޢަދަދު ކަމުގައި ވާ 54 ގެ ދެބައިކުޅަ އެއްބަޔާއި އިތުރު އެއް ވޯޓެވެ. ޚާއްޞަ އަޣްލަބިއްޔަތު ކަމުގައި ބުނެފައި އެވާ 36 އަކީ މަޖިލިހުގެ ހުރިހައި މެންބަރުންގެ ޢަދަދު ކަމުގައި ވާ 54 ގެ މުޠުލަޤު ތިންބައިކުޅަ ދެބައެވެ.
1968 އަށް ފަހު، ދިވެހިރާއްޖޭގެ ދުސްތޫރުތަކުގައި މަޖިލިހުން ކަންކަން ފާސް ކުރުމުގެ އަޣްލަބިއްޔަތު ގުނައި އެކަށައަޅައިފައި ވަނީ 1968 ގެ ޤާނޫނުއަސާސީން ތަޢާރަފު ކުރި މަފްހޫމާ އެއްގޮތަކަށެވެ. 1968 ގެ ޤާނޫނުއަސާސީއަށް 1970 ވަނަ އަހަރު ގެނެވުނު އިޞްލާޙުގެ 64 ވަނަ މާއްދާ އާއި 77 ވަނަ މާއްދާ އާއި 78 ވަނަ މާއްދާ އާއި 79 ވަނަ މާއްދާ؛ އެ ޤާނޫނުއަސާސީއަށް 1972 ވަނަ އަހަރު ގެނެވުނު އިޞްލާޙުގެ 64 ވަނަ މާއްދާ އާއި 77 ވަނަ މާއްދާ އާއި 78 ވަނަ މާއްދާ އާއި 79 ވަނަ މާއްދާ؛ އެ ޤާނޫނުއަސާސީއަށް 1975 ވަނަ އަހަރު ގެނެވުނު އިޞްލާޙުގެ 62 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އާއި 76 ވަނަ މާއްދާ؛ އަދި 1998 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ 64 ވަނަ މާއްދާ އާއި 73 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ ބައްލަވައިލެއްވުމުން، އެގޮތް އޮޅުންފިލައި ސާފު ވެވަޑައިގަންނަވާނެއެވެ. މީގެ ތެރެއިން 1998 ގެ ޤާނޫނުއަސާސީއަށް އިތުރަށް ބަލައިލާ ނަމަ، އެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިހުގައި ތިބޭން ކަނޑައެޅުނީ 50 މެންބަރުންނެވެ. މަޖިލިހުގެ އާދައިގެ އަޣްލަބިއްޔަތެއް ކަމަށް 74 ވަނަ މާއްދާއިން ކަނޑައެޅީ 50 މެންބަރުންގެ ދެބައިކުޅަ އެއްބައި ހަމަ ވެ އިތުރު އެއް ވޯޓާ އެކު 26 ވޯޓެވެ. ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެއް ކަމަށް ހަމަ އެ މާއްދާގައި ބުނަނީ 34 ވޯޓެވެ. އާދެ، 50 މެންބަރުންގެ ތިންބައިކުޅަ ދެބައި ހަމަ ވެއްޖެޔޭ ބުނެވޭނެ އެންމެ މަދު ޢަދަދެވެ.
2008 ވަނަ އަހަރުގެ ޤާނޫނުއަސާސީ – މިހާރު މި އޮތް ޤާނޫނުއަސާސީ – އެކަށައެޅި، އެ ޤާނޫނުއަސާސީން "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ މަފްހޫމު އައީ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަޣްލަބިއްޔަތު ދިވެހި ދުސްތޫރީ ނިޒާމުގައި ކަނޑައެޅުމުގައި މަތީގައި ދެންނެވުނު ޢުރުފާއި އާދަކާދައިގެ ފަސްމަންޒަރުގައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރުގެ ޤާނޫނުއަސާސީގައި، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޢަދަދުގެ ގޮތުގައި ކަނޑައެޅިފައިވާ ޤަޠުޢީ އެއް ޢަދަދެއް ކަނޑައެއްނާޅައެވެ. މަޖިލިހުގެ ޖުމުލަ ޢަދަދު އޮންނަނީ ކޮންމެ އިންތިޚާބަކާ އެކު، އިންތިޚާބީ ދާއިރާތަކުގެ އާބާދީއަށް އަންނަ ބަދަލުގެ އަސާސުގައި މެންބަރުންގެ ޢަދަދު ވެސް ބަދަލު ވާ ގޮތަށެވެ. އެހެންކަމުން، މަޖިލިހުގެ އާދައިގެ އަޣްލަބިއްޔަތަކީ މިވަނި ޢަދަދެކޭ، ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތަކަށް ވާނީ މިވަނި ޢަދަދެކޭ، ނުވަތަ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތަށް ވާނީ މިވަނި ޢަދަދެކޭ ބުނެ ޤާނޫނުއަސާސީގައި – ކުރީގެ ޤާނޫނުއަސާސީތަކުގައި އޮތް ފަދައިން – ވަކި ޢަދަދެއް ކަނޑައެޅުން ވާނީ މުސްތަޙީލު ކަމެއް ކަމުގައެވެ. މި ޙާލަތަށް ވިސްނައި، އައު ޤާނޫނުއަސާސީގައި ހެދި ގޮތަކީ، އާދައިގެ އަޣްލަބިއްޔަތެއް ބޭނުންވާ މައްސަލަތަކުގައި، އެފަދަ އަޣްލަބިއްޔަތަކީ މަޖިލިހުގެ "ޖަލްސާއަށް ހާޒިރު ވެ ވޯޓު ދިން މެންބަރުންގެ" އަޣްލަބިއްޔަތު ކަމުގައި ކަނޑައެޅުމެވެ. ޚާއްޞަ އަޣްލަބިއްޔަތަކީ "މަޖިލިހުގެ ޖުމުލަ މެންބަރުންގެ" ތެރެއިން ކަނޑައެޅޭ ވަކި ނިސްބަތެއް ކަމުގައި ހެދުމެވެ. ޚާއްޞަ އަޣްލަބިއްޔަތުގެ ތިން މިންގަނޑެއް ޤާނޫނުއަސާސީން ފެނެއެވެ. އެއް މިންގަނޑަކީ، "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ ސާދާ އަޣްލަބިއްޔަތު ނުވަތަ ދެބައިކުޅަ އެއްބަޔާއި މަދު ވެގެން އެއް ވޯޓެވެ. ދެވަނަ މިންގަނޑަކީ "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ ތިންބައިކުޅަ ދެބައި ވޯޓެވެ. ތިންވަނަ މިންގަނޑަކީ "މަޖިލިހުގެ ޖުމުލަ މެންބަރުން" ގެ ހަތަރުބައިކުޅަ ތިންބައި ވޯޓެވެ.
މި ދެންނެވި ބަޔާނުން ސާފު ވެވަޑައިގަންނަވާނޭ ފަދައިން، މިހާރުގެ ޤާނޫނުއަސާސީގައި "މަޖިލިހުގެ ޖުމުލަ މެންބަރުން" މި މަފްހޫމު ތަޢާރަފު ކޮށްފައި އެވަނީ 1968 އިން ފެށިގެން އަޅުގަނޑުމެންގެ ދުސްތޫރުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އާދައިގެ އަޣްލަބިއްޔަތު – ދެބައިކުޅަ އެއްބަޔާއި އިތުރު އެއް ވޯޓު -، އަދި ޚާއްޞަ އަޣްލަބިއްޔަތު – ތިންބައިކުޅަ ދެބައި – ކަނޑައެޅުމުގައި ބޭނުން ކޮށްފައި ވާ، މަޖިލިހުގެ ޖުމުލަ ގޮނޑީގެ ޢަދަދު ބޭސް ނަންބަރަކަށް ބަލައިގެން އޭގެ ދެބައިކުޅަ އެއްބަޔާއި އިތުރު އެކެއް، އަދި އެ ނަންބަރުގެ ތިންބައިކުޅަ އެއްބައި ޢަދަދުން ބަޔާން ކުރުމުގެ އުޞޫލު ދޫކޮށް، އޭގެ ބަދަލުގައެވެ. އެހެންކަމުން، މިހާރުގެ ޤާނޫނުއަސާސީގައި ވާ "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙު އަޞްލަކީ، މަޖިލިހުގެ ހުރިހައި ގޮނޑިއެއް ހިމެނޭ ޢަދަދުގެ ސާދާ އަޣްލަބިއްޔަތު، ނުވަތަ އޭގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތޭ ބުނުމުގެ ޢުރުފެވެ. މިއިން ވެސް އިޝާރާތް ކުރަނީ، "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙުން މާނަ ކުރަނީ މަޖިލިހުގެ ހުރިހައި ގޮނޑިއެއްގެ ޢަދަދު ކަމަށެވެ.
މި ހިސާބުން، ޤާނޫނުއަސާސީގައި އޮންނަ "މަޖިލިހުގެ ޖުމުލަ މެންބަރުން" މި އިޞްޠިލާޙު މާނަ ކުރެވޭނެ، އަދި ކުރާން ޖެހޭ ރަނގަޅު ގޮތަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާން ވެއްޖެ ކަމަށް އަޅުގަނޑު ދެކެމެވެ.
ޤާނޫނުއަސާސީގައި އޮތް އިޞްޠިލާޙެއް، އެ އިޞްޠިލާޙު ޤާނޫނުއަސާސީގައި ބޭނުން ކޮށްފައި އޮތް މާނައާ މުޅީން އަރައިރުން ވާ މާނައެއްގައި ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގައި ހިމަނައި، ޤަވާޢިދަކީ ޤާނޫނުއަސާސީއަށް ވުރެ ބާރުގަދަ އެއްޗެއް ކަމުގައި ވާނޭ ބީދައިން ޤަވާޢިދުން ކުރާ މާނަ ޤާނޫނުއަސާސީގައި ކަނޑައަޅައިފައިވާ މާނައިގެ މައްޗަށް ހިންގުމަކީ ކޮބައިބާވައެވެ! އާދެ، އެއީ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމެވެ. ޤާނޫނުއަސާސީއަށް ކޮޅުފައިން އެރުމެވެ. ޤާނޫނުއަސާސީއަށް ވުރެ ބާރުގަދައީ ތިމާމެން ހަދާ ޤަވާޢިދުތައް ކަމަށް ބެލުމެވެ. ދުސްތޫރީ ނިޒާމު ތަޣައްޔަރު ކޮށް ގަޑުބަޑު ކުރުމެވެ. ރައްޔިތުންގެ މަޖިލިހުގެ ވަކި ޕާޓީއެއްގެ ބާރު ޤާނޫނުއަސާސީގެ މައްޗަށް ހިންގައި، ޤާނޫނުގެ ސިޔާދަތުގެ އުޞޫލު (rule of law) ގައި ކޮޅުފައިން ޖެހުމެވެ. މަބްދައުއް ދުސްތޫރިއްޔާ (doctrine of constitutionalism) އަދި މަބްދައު ސުމުއްވުއް ދުސްތޫރިއްޔާ (doctrine of constitutional supremacy) ބޮލާލައި ޖެހުމެވެ. އާދެ، ދިވެހި ދައުލަތުގެ ޤާނޫނުއަސާސީ އާއި ޤާނޫނީ ވެރިކަމާއި ޤާނޫނީ ޙުކޫމަތަކީ، ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރުން ކުޅޭކުޅޭ އެއްޗަކަށް ހެދުމެވެ. މިކަމަށް ދިވެހި ދައުލަތް ރައްދު ދޭން ޖެހޭ ގޮތް ވަރަށް ސާފެވެ. އެ ރައްދަކީ، އެމްޑީޕީން އެ ޕާޓީއަށް މަޖިލިހުގައި އޮތް މެޖޯރިޓީގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން، އިޞްލާޙުގެ ނަމުގައި މަޖިލހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށް ގެނައި "ފަސާދަ" ރާއްޖޭގެ ޖުޑީޝަރީން ބާޠިލު ކުރުމެވެ. އަދި، ޤާނޫނުއަސާސީ އާއި ޤާނޫނީ ޙުކޫމަތަކީ ކުޅޭކުޅޭ އެއްޗެއް ކަމުގައި ދުށް މެންބަރުންނަށް، ކުރިޔަށް އޮތް އިންތިޚާބުގައި ރައްޔިތުން ހަރު އަޑުން ނޫނެކޭ ބުނެ، އެމީހުންގެ ބަދަލުގައި ޢިލްމީ ގޮތުން ޤާބިލު، ވިސްނުމުގައި ތަޞައްރަފު ފުދޭ، އަޚްލާޤީ ގޮތުން ނަޒާހަތްތެރި އަދި އިޙްސާންތެރި މެންބަރުން މަޖިލިހަށް ހޮވުމެވެ.
(ނުނިމޭ)