ކޮލަމް މަލަސް

ދެކުނު ބަވަނަ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުރިމަގު

އަލް އުސްތާޛް އަޙްމަދު މާޖިދު

ފަހަކަށް އައިސް ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައި އެންމެ ގިނައިން އިވޭ އެއް އިޞްޠިލާޙަކީ "ގްލޯބަލް ސައުތު" މި އިޞްޠިލާޙެވެ. މި އިޞްޠިލާޙު އެންމެ ފުރަތަމަ ބޭނުން ކުރެއްވި ކަމަށް ބެލެވެނީ އެމެރިކާގެ ސިޔާސީ މުޙައްރިކެއް ކަމުގައި ވާ ކާރލް އޮގްލްސްބީ އެވެ. "ކޮމަންވީލް" މަޖައްލާގައި 1969 ވަނަ އަހަރު ލިޔުއްވި ޢިލްމީ މަޒުމޫނެއްގައެވެ.

"ގްލޯބަލް ސައުތު" މި އިޞްޠިލާޙު ދިވެހި ކޮށްލެވިދާނޭ އެއް ގޮތަކީ "ދެކުނު ބަވަނަ" މިއެވެ.

ދެކުނު ބަވަނައަކީ ކޮބާ؟

"ގްލޯބަލް ސައުތު" ނުވަތަ "ދެކުނު ބަވަނަ" އަކީ ކޮބައި ހެއްޔެވެ؟

ވަރަށް ކުރު ގޮތަކަށް ބުނަންޏާ، "ދެކުނު ބަވަނަ" އަކީ ޖިއޯޕޮލިޓިކަލް ގޮތުން ދުނިޔޭގެ ޤައުމުތަކާއި ދައުލަތްތައް ބެހިގެންދާ މައިގަނޑު ދެ ބައެއްގެ ތެރެއިން އެއް ބައެވެ. އަނެއް ބަޔަކީ "ގްލޯބަލް ނޯރތު" ނުވަތަ "އުތުރު ބަވަނަ" އެވެ. މި ދެ ބަޔަށް ދުނިޔޭގެ ޤައުމުތައް ބަހައިލެވެނީ ހަމައެކަނި ޖުޣްރާފީ އަސާސެއްގައެއް ނޫނެވެ. އާދެ، އީކުއޭޓަރުގެ އުތުރަކީ "އުތުރު ބަވަނަ" އަދި އީކުއޭޓަރުގެ ދެކުނަކީ "ދެކުނު ބަވަނަ" ކަމުގައި ކަނޑައަޅަނީއެއް ނޫނެވެ. އެޔާ ޚިލާފަށް، މި ދެ ބަޔަށް ދުނިޔޭގެ ޤައުމުތައް ބަހައިލެވެނީ، ޖުޣްރާފީ ބަހާއަށް ވެސް ރިޢާޔަތް ކުރުމާ އެކު، މައިގަނޑު އެހެން ތިން ބަހާއަކަށް ބަލައިގެންނެވެ. އެއް ބަހާއަކީ، ތާރީޚީ ބަހާއެވެ. ދެވަނަ ބަހާ އަކީ އިޤްތިޞާދީ އަދި މާއްދީ ތަރައްޤީގެ ބަހާއެވެ. ތިންވަނައީ، ނަސްލީ ބަހާއެވެ.

ޖުޣްރާފީ ގޮތުން ބަލާ އިރު، ޖުމުލަ ގޮތެއްގައި، "ދެކުނު ބަވަނަ" އޭ ބުނެވެނީ ދުނިޔޭގެ އިންސާނުން އުޅޭ ބިންތަކުގެ ތެރެއިން ދެކުނަށް ވާ ބިންތަކުގައި ވާ ޤައުމުތަކަށެވެ. އުތުރު ބަވަނަ އަކީ، ޖުމުލަ ގޮތެއްގައި، އުތުރު ތަނޑިއާ ކައިރިއަށް ހުރި ބިންތަކުގައި ވާ ޤައުމުތަކެވެ. ތާރީޚީ ގޮތުން ބަލަންޏާ، އުތުރު ބަވަނައިގެ ޤައުމުތަކަކީ ޔޫރަޕުގެ އަސުރު ތަންވީރަށް (Age of Enlightenment) ފަހު ދުނިޔޭގެ އެ ނޫން ޤައުމުތައް އިސްތިޢުމާރު ކޮށް އެތަންތަނުގެ މައްޗަށް އެތައް ޤަރުނެއް ވާންދެން ދަގަނޑު އަތްތަކަކާ އެކު ވެރިކަން ހިންގި ހުޅަނގުގެ ޤައުމުތަކާއި، އެ ޤައުމުތަކުން އިސްތިޢުމާރު ކުރި ބިންތަކުގައި އެމީހުން އުފެއްދި އެމީހުންގެ ދައުލަތްތަކެވެ. ދެކުނު ބަވަނައިގެ ޤައުމުތަކަކީ އިސްތިޢުމާރީންގެ ނުފޫޒާއި އަޅުވެތިކަމުގައި އެތައް ޒަމާނެއް ވާންދެން ގަނަތެޅޭން ޖެހުނު ޤައުމުތަކެވެ. އިޤްތިޞާދީ އަދި މާއްދީ ތަރައްޤީ އާއި މުއްސަނދިކަމުގެ ބަހާގެ މައްޗަށް ބަލަންޏާ، ދެކުނު ބަވަނަ އަކީ އޭޝިޔާ އާއި އެފްރިކާ އާއި ލެޓިން އެމެރިކާ އާއި އޯޝޭނިޔާގެ ފަޤީރު ނުވަތަ ތަރައްޤީ ނުވާ ޤައުމުތަކާއި، ކުޑަކޮށް ތަރައްޤީ ވެފައި ވާ ނުވަތަ ތަރައްޤީ ވަމުން އަންނަ ޤައުމުތަކެވެ. އުތުރު ބަވަނައިގެ ޤައުމުތަކަކީ ސިނާއަތްތެރިކަން ކުރި އަރައިފައިވާ މުއްސަނދި އަދި ބާރުގަދަ ޤައުމުތަކެވެ. ސައެންސާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި އެންމެ ކުރިއަރައިފައިވާ ޤައުމުތަކެވެ. ނަސްލީ ބަހާގެ ނަޒަރުން ބަލަންޏާ، އުތުރު ބަވަނައިގެ ޤައުމުތަކަކީ މައިގަނޑު ގޮތެއްގައި ޔޫރަޕިއަން ނަސްލުތަކުގެ މީހުންގެ ވެރިކަމާއި ބާރު އޮންނަ ޤައުމުތަކެވެ. ދެކުނު ބަވަނައިގެ ޤައުމުތަކަކީ އެނޫން އިންސާނުންގެ ޤައުމުތަކެވެ.

ފުރަތަމަ، ދެވަނަ އަދި ތިންވަނަ ދުނިޔެ

ފަށަމުން ވެސް ނަންގަނެވުނު ފަދައިން، "ދެކުނު ބަވަނަ" މި އިޞްޠިލާޙު ޢާއްމު ވެ މަޤުބޫލު ވެގެން އައީ ފާއިތު ވެދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައެވެ. ޚާއްޞަކޮށް، ފިނި ހަނގުރާމަ ނިމުމަށް ފަހުގައެވެ.

1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ޖިއޯޕޮލިޓިކަލް ގޮތުން ދުނިޔެ ބަހައިލެވުނު ތިން ބަޔަކީ "ފުރަތަމަ ދުނިޔެ" (First World) އާއި "ދެވަނަ ދުނިޔެ" (Second World) އާއި "ތިންވަނަ ދުނިޔެ" (Third World) އެވެ. މި ނަންތައް ތަޢާރަފު ކުރައްވައި، މި ތިން ބަޔަށް ދުނިޔޭގެ ޤައުމުތައް އެންމެ ފުރަތަމަ ބައްސަވައިލެއްވި ބެއިފުޅަކީ ފަރަންސޭސި ޢިލްމުވެރިޔާ އަލްފްރެޑް ސޯވީއެވެ. އެއީ 1952 ގައެވެ. ބޮޑު ހަނގުރާމައަށް ފަހު، ޔޫރަޕުގެ ޤައުމުތައް އެމެރިކާ އާއި ރަޝިޔާގެ ނުފޫޒުގެ ދަށުގައި ވާ ދެ ކޭންޕަކަށް ބެހިގެން ދިޔުމާ ގުޅިގެންނެވެ. ސޯވީގެ ބެއްސެވުމުގައި "ފުރަތަމަ ދުނިޔެ" އަކީ އެމެރިކާ އާއި، އެމެރިކާގެ ބައިވެރީން ކަމުގައި ވާ ހުޅަނގު ޔޫރަޕުގެ ޤައުމުތަކެވެ. "ދެވަނަ ދުނިޔެ" އަކީ ސޯވިއެޓް ޔޫނިއަނާއި، އިރުމަތީ ޔޫރަޕުގައި ހުރި އެ ޤައުމުގެ ސެޓަލައިޓް ދައުލަތްތަކެވެ. "ތިންވަނަ ދުނިޔެ" އަކީ މި ދެ ކޭންޕުގެ ތެރެއިން ކޭންޕަކާ ނުގުޅި، ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެއްގެ މަތީގައި ޚާރިޖީ ގުޅުންތައް ބައްޓަން ކުރި ޤައުމުތަކެވެ. މި ތިން ބައިގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން، ފުރަތަމަ ދުނިޔޭގެ ޤައުމުތަކަކީ އެއިރު އެންމެ ތަރައްޤީ ވެފައި ވާ، އެންމެ މުއްސަނދި، ޢިލްމާއި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކާއި ޢަސްކަރީ ބާރުގެ ގޮތުން އެންމެ ވަރުގަދަ ޤައުމުތަކެވެ. ދެވަނަ ދުނިޔޭގެ ޤައުމުތައް ގިންތި ކުރެވެނީ، ޖުމުލަކޮށް ކިޔާ ނަމަ، މި ކަންކަމުގައި ދެވަނަ ދަރަޖައިގައެވެ. ތިންވަނަ ދުނިޔޭގެ ޤައުމުތަކަކީ އޭޝިޔާ، އެފްރިކާ، ލެޓިން އެމެރިކާ، އަދި އެހެން ހިސާބުތަކުގެ ފަޤީރު ޤައުމުތަކެކެވެ. ތަރައްޤީގެ ފުރަތަމަ ހަރުފަތްތައް ގިރާ ކުރަމުން ދިޔަ، ޢިލްމާއި ސައެންސާއި ޓެކްނޮލޮޖީގެ އެކިއެކި ދާއިރާތަކުގައި ވަރަށް ފަހަތުގައި ތިބި ޤައުމުތަކެކެވެ. އޭގެ ތެރެއިން ގިނަ ޤައުމުތަކަކީ ފުރަތަމަ ދުނިޔޭގެ ކޮންމެވެސް ބާރެއްގެ އިސްތިޢުމާރީ ވެރިކަމާއި ނުފޫޒުގެ ދަށުގައި ޤަރުނުތަކެއް ނުވަތަ ދަހަރުތަކެއް ހޭދަ ކުރުމަށް ފަހު، އަލަށް މިނިވަން ވި ނުވަތަ މިނިވަންކަމާ ދިމާޔަށް ދަތުރު ކުރަމުން ދިޔަ ޤައުމުތަކެކެވެ.

ބްރޭންޓް ރިޕޯޓާއި ބްރޭންޓް ރޮނގު

"ދެކުނު ބަވަނަ" މި އިޞްޠިލާޙު 1969 ގައި ތަޢާރަފު ވި ނަމަވެސް، އެ އިޞްޠިލާޙު ފުރަތަމަ ބޭނުން ކުރެވެމުން އައީ ހަނި ދާއިރާއެއްގައެވެ. ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައި، ދުނިޔެ ޖިއޯޕޮލިޓިކަލީ ބެހޭ ބެހުން ސިފަ ކުރުމުގައި ޢާއްމުކޮށް ބޭނުން ކުރެވެމުން އައީ "ފުރަތަމަ ދުނިޔެ" އާއި "ދެވަނަ ދުނިޔެ" އާއި "ތިންވަނަ ދުނިޔެ" މި ނަންތަކެވެ.

ދުނިޔޭގެ ޢިލްމީ މުޖުތަމަޢުގައި އަދި ޑިޕްލޮމެސީ އާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައި "ދެކުނު ބަވަނަ" މި އިޞްޠިލާޙަށް ފުޅާ ދާއިރާއެއްގައި މަޤްބޫލުކަން ލިބޭން ފެށީ 1980 ވަނަ އަހަރުގެ މަޝްހޫރު "ބްރޭންޓް ރިޕޯޓް" ނެރުމާ ގުޅިގެންނެވެ. ބްރޭންޓް ރިޕޯޓަކީ ހުޅަނގު ޖަރުމަނުގެ ކުރީގެ ޗާންސެލަރ ވިލީ ބްރޭންޓް ރިޔާސަތު ބެލެހެއްޓެވި ބައިނަލްއަޤްވާމީ ކޮމިޝަނަކުން، ވޯރލްޑް ބޭންކުގެ ބެލުމުގެ ދަށުން ތައްޔާރު ކުރި ރިޕޯޓެކެވެ. އެއީ ބައިނަލްއަޤްވާމީ ތަރައްޤީ އާއި، ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ހުރި މައިގަނޑު ޗެލެންޖުތަކާއި، މި ދާއިރާތަކުން ޤައުމުތަކުގައި ހުރި ބޮޑެތި މައްސަލަތައް ދެނެގަތުމަށް ކުރެވުނު ދިރާސާއެއްގެ ރިޕޯޓެވެ. އެ ރިޕޯޓުގެ މުޞައްނިފުން ދުނިޔޭގެ ޤައުމުތައް ބައްސަވައިލެއްވީ މައިގަނޑު ދެ ބަޔަކަށެވެ. އެއް ބަޔަކީ "އުތުރު ބަވަނަ" އިގެ ޤައުމުތަކެވެ. ދެވަނަ ބަޔަކީ "ދެކުނު ބަވަނަ" އިގެ ޤައުމުތަކެވެ. ރިޕޯޓުގައި މި އިޞްޠިލާޙުތައް – Global North އާއި Global South - ބޭނުން ކުރެވުނެވެ. ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން، ޖުޣްރާފީ މަޤާމަށް ބަލާ އިރު އުތުރު ހެމިސްފަޔަރުގެ ޤައުމުތައް ބޮޑަށް މުއްސަނދި ވެފައި އެ ޤައުމުތަކުގައި ހަތައިވަރުން ބޮލަކަށް ޖެހޭ މިންވަރު މާ ބޮޑުކަމެވެ. ދުނިޔޭގެ ދެކުނު ހެމިސްފަޔަރުގެ ޤައުމުތައް ފަޤީރު ވެފައި، އެ ޤައުމުތަކުގެ އުފެއްދުންތެރިކަމާއި ހަތައިވަރުން ބޮލަކަށް ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްކަމެވެ.

ބްރޭންޓް ރިޕޯޓާ އެކު، ދުނިޔޭގެ ޤައުމުތައް ޖިއޯޕޮލިޓިކަލީ އަދި އިޤްތިޞާދީ ޙާލަތުގެ މައްޗަށް ބަހައިލެވޭ މައިގަނޑު ދެ ބަޔަކީ "އުތުރު ބަވަނަ" އާއި "ދެކުނު ބަވަނަ" ކަމަށް ވެގެން އިރު، މި ދެ ބައި ވަކި ކުރުމަށް ޓަކައި ރިޕޯޓުގެ މުޞައްނިފުން ކަރުދާހުގައި ކުރައްސަވައިލެއްވި މަޢުނަވީ ރޮނގަށް ކިޔުނު ނަމަކީ "ބްރޭންޓް ރޮނގު" (Brandt Line) މިއެވެ. މި ރަމްޒީ ރޮނގުގެ އުތުރަކީ "އުތުރު ބަވަނަ" އެވެ. އޭގެ ދެކުނަކީ "ދެކުނު ބަވަނަ" އެވެ.

ބްރޭންޓް ރޮނގުން "އުތުރު ބަވަނަ" އާއި "ދެކުނު ބަވަނަ" ވަކި ކުރެވުނު ގޮތް ދައްކައިދޭ ޗާޓެއް ބަލައިލުމުން ފާހަގަ ކުރެވޭނެ ފަދައިން، "އުތުރު" އަދި "ދެކުނު" މި ނަންތައް ބޭނުން ކޮށްފައި ވިޔަސް، ޙަޤީޤަތުގައި އެ ބައި ކުރުމަކީ ވަރަށް ބޮޑަށް ރަމްޒީ ބައިކުރުމެކެވެ. ކުރީން ވެސް ފާހަގަ ކުރެވުނު ފަދައިން، ދެކުނު ބަވަނައިގެ ވަރަށް ގިނަ ޤައުމުތައް ޙަޤީޤަތުގައި ހިމެނެނީ، ދުނިޔެ ޖުޣްރާފީ ގޮތުން މެދުން ބައި ކުރުމަށް ބޭނުން ކުރާ މަޢުނަވީ ރޮނގު ކަމުގައި ވާ ދެބައިހަމަ (Equator) ގެ އުތުރުގައެވެ. އެގޮތުން، ދެކުނު ބަވަނައިގައި ގިންތި ކުރެވުނު މެދުތެރޭ އޭޝިޔާގެ ބައެއް ޤައުމުތަކާއި، އުތުރު އަދި މެދުތެރޭ އެފްރިކާ، މެދުތެރޭ އެމެރިކާ، އަދި ދެކުނު އޭޝިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ އެތައް ޤައުމެއް ޙަޤީޤަތުގައި އޮންނަނީ ދެބައިހަމައިގެ އުތުރުގައި، ދުނިޔޭގެ އުތުރު ހެމިސްފަޔަރުގައެވެ. ހަމަ އެހެންމެ، ދެބައިހަމައިގެ ދެކުނުގައި، ދެކުނު ހެމިސްފަޔަރުގައި އޮންނަ އޮސްޓްރޭލިޔާ އާއި ނިއު ޒިލޭންޑް ގިންތި ކުރެވެނީ އުތުރު ބަވަނައިގެ ޤައުމުތަކުގެ ގޮތުގައެވެ. އުތުރު ބަވަނަ އާއި ދެކުނު ބަވަނަ ކަނޑައެޅުމުގައި ހަމައެކަނި ބަލާ ބަހާ އަކީ ޖުޣްރާފިއްޔަތު ނޫން ކަމަށް، އަދި އެކަމުގައި ތާރީޚީ، އިޤްތިޞާދީ، އަދި ނަސްލީ ބަހާތައް ހިމެނޭ ކަމުގައި ދަންނަވާން ޖެހޭ ސަބަބަކީ މިއީއެވެ.

ސޮވިއެޓް ޔޫނިއަން ރޫޅުމަށް ފަހު ...

1991 ވަނަ އަހަރު ސޮވިއެޓް ޔޫނިއަން ރޫޅުމަކީ ދުނިޔެއަށް އައި ޖިއޯޕޮލިޓިކަލް ވަރަށް ތާރީޚީ އަދި އިންގިލާބީ ބަދަލެކެވެ. އެ ބަދަލަށް ފަހު "ފުރަތަމަ ދުނިޔެ" އާއި "ދެވަނަ ދުނިޔެ" އާއި "ތިންވަނަ ދުނިޔެ" މި ނަންތަކަށް 1950 ގެ އަހަރުތަކުން ފެށިގެން ދެވިފައި އޮތް އަސާސީ މާނަ މަހުޖޫރު ވެ، އެ ނަންތަކަށް "ޑިނޮޓޭޝަނަލް" ގޮތެއްގައި ދެވިފައި ހުރި ނައްސި މާނަތައް މީހުންގެ ވިސްނުމުގައި ޢާއްމު ވެ ފެތުރިގެން ދިޔައެވެ. އެގޮތުން، ފިނި ހަނގުރާމައަށް ފަހު، ޢާއްމު ފުރަވަސާނައިގައި "ފުރަތަމަ ދުނިޔެ" ވެގެން ދިޔައީ ތަރައްޤީ އާއި ތަހުޒީބާއި ތަމައްދުނާއި ޢިލްމީ އެންމެހައި ދާއިރާތަކުގައި ކުރި އަރައިފައި ވާ މަތީ ދަރަޖައިގެ ޤައުމުތަކަށް ކިޔާ ނަމެއް ކަމުގައެވެ. ދެވަނަ ދުނިޔެ ވެގެން ދިޔައީ މި ކަންކަމުގައި ދެވަނަ ދަރަޖައިގެ ޤައުމުތަކަށް ނިސްބަތް ކުރެވޭ ނަމެއް ކަމުގައެވެ. "ތިންވަނަ ދުނިޔެ" ވެގެން ދިޔައީ އޭޝިޔާ އާއި އެފްރިކާ އާއި ލެޓިން އެމެރިކާ އާއި އޯޝޭނިޔާއަށް ނިސްބަތް ވާ ފަޤީރުކަމާއި ނާތަހުޒީބާއި ފަސާދަ އާއި ޖަރީމާތަކާއި ދެންވެސް އިޖުތިމާޢީ ބަލިމަޑުކަމުގެ އެކިއެކި މައްސަލަތަކުން ތަޣައްޔަރު ވެފައި ވާ ދަށު ދަރަޖައިގެ ޤައުމުތަކަށް ނިސްބަތް ކޮށް ބޭނުން ކުރާ ނަމަކަށެވެ. ނަތީޖާއެއްގެ ގޮތުން، "ތިންވަނަ ދުނިޔެ" އަކީ މި އިޝާރާތް ކުރެވުނު ޤައުމުތަކުގެ ނިތްކުރީގައި ޖެހޭ ޒަލީލު ކޮށްލުމުގެ ލޭބަލަކަށް ވިއެވެ. އެހެންކަމުން، "ފުރަތަމަ ދުނިޔެ" އާއި "ދެވަނަ ދުނިޔެ" އާއި "ތިންވަނަ ދުނިޔެ" މި ނަންތައް ދެން ވެގެން ދިޔައީ އިމްތިޔާޒީ އަދި ސިޔާސީ ގޮތުން ނޭދެވޭ ނުވަތަ ނުރަނގަޅު (politically incorrect) އިޞްޠިލާޙުތަކަކަށެވެ. ބައިނަލްއަޤްވާމީ ގުޅުންތަކާއި ޑިޕްލޮމެސީގެ ދާއިރާއާއި ޢިލްމީ މުޖުތަމަޢުތަކުގައި މި ނަންތައް ބޭނުން ނުކުރުމަށް ބާރު އެޅޭން ފެށުމެވެ.

ދެން މަޤުބޫލުކަން ލިބޭން ފެށީ "އުތުރު ބަވަނަ" އާއި "ދެކުނު ބަވަނަ" މި ދެ އިޞްޠިލާޙަށެވެ. މި ދެ އިޞްޠިލާޙު ވެގެން ދިޔައީ ޢިލްމީ އަދި ފަންނީ ފޯރަމްތަކާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މަންސަތަކުގައި މާ ބޮޑަށް ވެސް މަޤުބޫލު ނަންތަކަކަށެވެ. އެ ދުވަސްވަރު ބައިނަލްއަޤްވާމީ ގުޅުންތަކުގެ ފުރަވަސާނައަށް އައި ބަދަލުތަކުގެ ތެރޭގައި، އަލިފުދާލުގެ މެންބަރު ޤައުމުތަކުގެ ތެރެއިން "ގްރޫޕް އޮފް 77" ގެ ނަން ދެވިފައި ވާ އިއްތިޙާދަށް އިޝާރާތް ކޮށް ބޭނުން ކުރެވޭ ނަމަކަށް "ދެކުނު ބަވަނަ" ވެގެން ދިޔައެވެ. "ގްރޫޕް އޮފް 77" އަކީ އަލިފުދާލުގެ މެންބަރު ޤައުމުތަކުގެ ތެރެއިން ތަރައްޤީ ވަމުން އައި އަދި ކުޑަކޮށް ތަރައްޤީ ވެފައި ތިބި، "ތިންވަނަ ދުނިޔޭގެ" 77 ޤައުމު ގުޅިގެން، އަލިފުދާލުގެ ނިޒާމުގެ ތެރޭގައި އެއް ވިސްނުމެއް ގެންގުޅުމަށް ޓަކައި 1964 ގައި އުފެއްދި އިއްތިޙާދެކެވެ. އެ އިއްތިޙާދަށް މެންބަރުން އިތުރު ވަމުން އައިސް، މިހާރު އެ އިއްތިޙާދުގައި 135 ޤައުމު ހިމެނެއެވެ. މިހާރު، "ގްރޫޕް އޮފް 77" އާއި "ދެކުނު ބަވަނަ" އަކީ ވަރަށް ގިނަ ފަހަރު އެއް ޤައުމުތަކެއް ސިފަ ކުރުމަށް ބޭނުން ކުރެވޭ ނަންތަކެވެ. ނުވަތަ، އެއް މާނައެއްގައި ބޭނުން ކުރެވޭ ނަންތަކެވެ.

ދެން އޮތް ސުވާލަކީ، މަތީގައި ދެންނެވުނު ގޮތުގެ މަތީން "ދެކުނު ބަވަނަ" އަދި "އުތުރު ބަވަނަ" އަށް ދުނިޔެ ޖިއޯޕޮލިޓިކަލީ ބެހިފައި ވާއިރު، މި ދެ ބަޔަށް ނިސްބަތް ވާ ޤައުމުތަކަކީ ކޮބައިހޭ މިއެވެ.

އުތުރު ބަވަނައިގައި ހިމެނެނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ކެނެޑާ، ޔޫރަޕުގެ ޤައުމުތައް، ރަޝިއާ، އިސްރާއީލް، ޖަޕާން، ދެކުނު ކޮރެޔާ، އޮސްޓްރޭލިއާ، އަދި ނިއު ޒިލޭންޑެވެ. ދެކުނު ބަވަނައިގެ ޤައުމުތަކަކީ މެދުތެރޭ އެމެރިކާގެ ޤައުމުތަކާއި، ދެކުނު އެމެރިކާގެ ޤައުމުތަކާއި، އެފްރިކާގެ ޤައުމުތަކާއި، މެދުއިރުމަތީގެ ޤައުމުތަކާއި، މެދުތެރޭ އޭޝިޔާގެ ޤައުމުތަކާއި، ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކާއި، ކެރީބިއަންގެ ޤައުމުތަކާއި، އޯޝޭނިއާގެ ޤައުމުތަކެވެ. ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓެޑް) ގެ "ކަންޓްރީ ކްލެސިފިކޭޝަން" ގައި އަދިވެސް އުތުރު ބަވަނައިގެ ޤައުމުތައް ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ގޮތުގައި، އަދި ދެކުނު ބަވަނައިގެ ޤައުމުތައް ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ގޮތުގައި ސިފަ ކުރެއެވެ. ނަމަވެސް އިޤްތިޞާދީ ގޮތުން ދެކުނު ބަވަނައިގެ ބައެއް ޤައުމުތައް ފާއިތު ވި ވިއްސަކަށް އަހަރުގެ ތެރޭގައި ހޯދި ކުރިއެރުމާ އެކު، އެ ޤައުމުތައް ވަނީ އުތުރު ބަވަނައާ އެއް ހަމައެއްގައި ފައިހަމަ ކުރާން ވެސް ފަށައިފައެވެ. އެންމެ ރަނގަޅު މިސާލަކީ ޗައިނާއެވެ. ހަމައެހެންމެ، ރަޝިއާ އަކީ އުތުރު ބަވަނައިގެ ޤައުމަކަށް ވުމާ އެކުގައިމެ، ބައިނަލްއަޤްވާމީ ގުޅުންތަކުގައި ރަޝިއާ ވެސް ދެކުނު ބަވަނައިގެ ޤައުމުތަކުގެ ސަފުގައި ހިމެނޭ މަންޒަރު މިހާރަކަށް އައިސް ފެނުން ވަނީ ޢާއްމު ވެފައެވެ.

އުތުރުގެ މުއްސަނދިކަން ދެކުނުގެ ވަސީލަތްތަކުން

އިސްވެ ނަންގަނެވުނު ފަދައިން، ފާއިތު ވި ހަތަރު ފައްސަތޭކަ ވަރަކަށް އަހަރު، ދެކުނު ބަވަނައިގެ އެތައް ޤައުމެއް ވަނީ އުތުރު ބަވަނައިގެ ބާރުގަދަ އިސްތިޢުމާރީ ދައުލަތްތަކުގެ އަޅުވެތިކަމުގައި ވަރަށް ހިތި އަދި ވޭންދެނިވި ތަޖުރިބާތަކެއް ކޮށްފައެވެ. އެ ދުވަސްވަރު ހިނގި އެންމެ މުހިއްމު އެއް ކަމަކީ، އިސްތިޢުމާރު ކުރެވުނު ދެކުނުގެ ޤައުމުތަކުގެ އިންސާނީ އަދި ޤުދުރަތީ ވަސީލަތްތަކުގެ ނާޖާއިޒު ބޭނުން ކޮށްގެން، އުތުރުގެ ޤައުމުތައް ހޯދި މިން ނުކުރެވޭހައި ބޮޑު މުއްސަނދިކަމާއި މާއްދީ ކުރިއެރުމެވެ. އެންމެ މިސާލެއް ފާހަގަ ކުރަންޏާ، ކޮލަމްބިއާ ޔުނިވަރސިޓީ ޕްރެހުން ޝާއިޢު ކުރި، މަޝްހޫރު އިޤްތިޞާދީ ޢިލްމުވެރިޔާ އުޓްސާ ޕަޓްނައިކްގެ ދިރާސާއަކުން ދައްކާ ގޮތުގައި، އިނގިރޭސި ދައުލަތުން ވަނީ މީލާދީން 1765 އާއި 1938 އާ ދެމެދު، ހަމައެކަނި އިންޑިއާއިން، ސާޅީސް ފަސް ޓްރިލިއަން ޑޮލަރުގެ މުއްސަނދިކަން ފޭރިގެންފައެވެ. އެއީ ކޮންމެ އަހަރަކަށް 260 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެކެވެ. ލަންޑަން ފަދަ ރީތި ޝަހަރުތަކުން ފެށިގެން ގޮސް އޮކްސްފަޑް އާއި ކެމްބްރިޖް ފަދަ ބޮޑެތި ޔުނިވަރުސިޓީތަކާ ހަމަޔަށް، މުޅި އިނގިރޭސި ވިލާތް ބިނާ ކޮށްފައި އެއޮތީ ގާތްގަނޑަކަށް މުޅީންހެން، މި ގޮތުގެ މަތީން އިސްތިޢުމާރު ކުރެވުނު ޤައުމުތަކާއި ބިންތަކުން ފޭރުނު މުއްސަނދިކަމުން ކަމީ ތާރީޚުގެ ޙަޤީޤަތެވެ.

ޔޫރަޕާއި، ޔޫރަޕުގެ އިސްތިޢުމާރީ ބާރުތަކުން ބިނާކުރި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ފަދަ ޤައުމުތައް މުއްސަނދި ވެ ކުރިއަރައިގެން ދިޔުމުގެ އެންމެ މުހިއްމު އެއް ސަބަބަކީ ދެކުނު ބަވަނައިގެ އިޤްތިޞާދީ ވަސީލަތްތަކާއި މުއްސަނދިކަން އެކި ގޮތްގޮތުން ފޭރި، އަދި އެ ފޭރުމުގެ ސަގާފަތް މިއަދުވެސް ބާދު-އިސްތިޢުމާރާއި (post-colonialism) އައު އިސްތިޢުމާރާއި (neocolonialism) ސާމުރާޖިއްޔަތުގެ (imperialism) ވަސީލަތުން ދަމަހައްޓަމުން ގެންދާގެންދިޔުން ކަމުގެ ވާހަކައަކީ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައި މިއަދުވެސް އެންމެ ހޫނު އެއް މައުޟޫޢެވެ. މި މައްސަލައާ މެދު ޚުލާޞާ ގޮތެއްގައި ވާހަކަ ދެއްކުމަށް ވެސް އެތައް ޞަފުޙާއެއް ބޭނުން ވެއެވެ. ވީމާ، ތަފްޞީލުތަކަށް އަދި މުޅި މަންޒަރަށް ދިޔުމުގެ ބަދަލުގައި، އެންމެ ދިރާސާއެއްގެ އަލީގައި، ބައެއް އުސް އަލިތަކަށް މިތަނުގައި ބަލައިލާނަމެވެ.

"ގްލޯބަލް އެންވާރަމެންޓަލް ޗޭންޖް" މަޖައްލާގައި 2022 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި "އިމްޕީރިއަލިސްޓް އެޕްރޮޕްރިއޭޝަން އިން ދަ ވޯރލްޑް އިކޮނޮމީ: ޑްރެއިން ފްރޮމް ދަ ގްލޯބަލް ސައުތު ތުރޫ އަންއީކުއަލް އެކްސްޗޭންޖް، 1990-2015" މި ނަމުގައި ދިރާސާ ރިޕޯޓެއް ޝާއިޢު ކުރެވުނެވެ. އެ ރިޕޯޓުގައި ހިމެނޭ އެތައް ތަފްޞީލެއްގެ ތެރެއިން މައިގަނޑު ބައެއް ނުކުތާތަކަށް ބަލާ އިރު، ޔޫރަޕުގެ ސިނާއީ ތަރައްޤީގެ މައިގަނޑު އަޞްލަކީ އަދި މައިގަނޑު ޙިއްޞާ އަކީ، އިސްތިޢުމާރުގެ ދުވަސްވަރު ދެކުނު ބަވަނައިގެ ޤައުމުތަކުން ފޭރިގަނެގެން ގެންދިޔަ ޤުދުރަތީ ވަސީލަތްތަކާއި، ދެކުނު ބަވަނައިގެ ޤައުމުތަކުގެ ރައްޔިތުންގެ އެތައް ސަތޭކަ މިލިޔަން ބަޔަކު ލައްވައި އެކިއެކި ތަންތަނުގައި ގަދަބާރުން ކުރުވި އަޅު މަސައްކަތެވެ. މި ގޮތުން ހޯދި މުއްސަނދިކަމާއި ވަސީލަތްތައް، އުތުރު އެމެރިކާ އާއި އޮސްޓްރޭލިޔާ އާއި ނިއު ޒިލޭންޑުގައި ޔޫރަޕިއަނުންގެ ކޮލޮނީތައް ބިނާ ކޮށް، ފަހުން އެ ކޮލޮނީތައް ބޮޑެތި ޤައުމުތަކުގެ ގޮތުގައި ތަރައްޤީ ކުރުމަށް ވެސް ބޭނުން ކުރެވުނެވެ. ހަމައެކަނި 2015 ވަނަ އަހަރު، އުތުރު ބަވަނައިގެ ޤައުމުތައް ދެކުނު ބަވަނައިގެ ޤައުމުތަކުން 10.8 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދީ ފައިދާ ނުޙައްޤު ގޮތުގައި ނަގައިފައި ވެއެވެ. އޭގެ ތެރޭގައި 12 ބިލިއަން ޓަނުގެ ރޯވ މެޓީރިއަލާއި، 392 ބިލިއަން ގަޑިއިރުގެ މަސައްކަތް (labour) ހިމެނެއެވެ. 1990 އިން 2015 އަށް ފާއިތު ވި 25 އަހަރަށް ބަލަންޏާ، ބޭއިންޞާފުން ދެކުނު ބަވަނައިން އުތުރު ބަވަނައަށް ނަގުލު ވި އިޤްތިޞާދީ ފައިދާގެ އަގުމަގު ކުރެވެނީ 242 ޓްރިލިޔަން ޑޮލަރުންނެވެ. ކޮންމެ އަހަރަކު، އުތުރު ބަވަނައިގެ ޤައުމުތަކުން ގާތްގަނޑަކަށް 21 އެކްސަޖޫލްސްގެ ހަކަތަ، ދެކުނު ބަވަނައިގެ ޤައުމުތަކުން ނުއަގުގައި ނުވަތަ ނުޙައްޤު ގޮތްގޮތުން އެތެރެ ކޮށް ބޭނުން ކުރާ އިރު، އޭގެ ސަބަބުން ދެކުނުގެ ޤައުމުތަކަށް ލިބޭ މާލީ ގެއްލުމަކީ، އެ ޤައުމުތަކުގެ ހުރިހައި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތާއި، ހިލޭ ތަޢުލީމާއި، ގެދޮރާއި، ރަނގަޅު ކާނާ ފޯރު ކޮށްދިނުމަށް ފުދޭހައި ފައިސާއެވެ. އުތުރު ބަވަނައިގެ ޤައުމުތަކުގެ ކުންފުނިތަކުން، ދެކުނުގެ ޤައުމުތަކުގައި ފެކްޓަރީތައް ހަދައިގެން "އޯފްޝޯރ ޕްރޮޑަކްޝަން" ގެ މަގުން ތަކެތި އުފެއްދުމަށް ކުރާ މަސައްކަތުގައި ހަދާ މަކަރުތަކާއި ބޭނުން ކުރާ ނާޖާއިޒު އުކުޅުތަކުގެ ސަބަބުން، ދެކުނު ބަވަނައިގެ ޤައުމުތަކަށް ގެއްލޭ ޓެކްސް އާމްދަނީ އެކަނި ވެސް އަހަރަކު 1 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

މި ލިޔުން ހިސާބަށް ވުރެ ދިގު ނުކުރުމަށް ޓަކައި، މި ހިސާބަށް މި ވާހަކަ ކުރު ކޮށްލާނަމެވެ. ނަމަވެސް، މި ބަޔާން ކުރެވުނު މިންވަރުން ވެސް، ޔޫރަޕާއި އެމެރިކާ އާއި ކެނެޑާ ފަދަ އުތުރު ބަވަނައިގެ ޤައުމުތައް، އެއްވެސް ހަމައެއް ޢަދުލެއް އިންޞާފެއް އިންސާނިއްޔަތުކަމެއް އަދި ރަޙުމެއް ނެތި، ދުނިޔޭގެ ފަޤީރު ޤައުމުތަކުގެ މައިނާރުން ލެއި ފެލައިގެން މުއްސަނދިކަމުގައި އުޅޭ އުޅުމުގެ ޙަޤީޤަތް، ވިސްނާ ކޮންމެ މީހަކަށް ސާފު ވާން ފަށާނެއެވެ. އުތުރު ބަވަނައިގެ ޤައުމުތަކުގެ ބާރުގައި، ދުނިޔޭގައި ޤާއިމު ކޮށްފައިވާ ލާއިންސާނީ އަދި އިސްތިޣްލާލީ (exploitative) ނިޒާމުގެ ހުތުރު ޙަޤީޤަތް ފެންނާން ފަށާނެއެވެ. އުތުރުގެ ނުފޫޒުގެ ދަށުގައި އޮންނަ އަލިފުދާލު ޖަމްޢިއްޔާގެ ނިޒާމާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމު ހިނގާ ގޮތް ބަލައިލުމުން، މި ޙަޤީޤަތްތައް އިތުރަށް ސާފު ވާނެއެވެ. ޚާއްޞަކޮށް، ބްރެޓަން ވުޑްސް ނިޒާމާއި، އެ ނިޒާމުގެ މުހިއްމު މުއައްސަސާތައް ކަމުގައިވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ވޯރލްޑް ބޭންކް އަދި އެ ނިޒާމު ހިންގުމުގެ އެންމެ މުހިއްމު އެއް ވަސީލަތް ކަމުގައި ވާ ބޭންކް ފޯރ އިންޓަރނޭޝަނަލް ސެޓްލްމަންޓުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތެވެ.

ކުރިމަގަށް ކުރެވޭ އުއްމީދު

ފާއިތު ވެދިޔަ ހަތަރު ފައްސަތޭކަ ވަރަކަށް އަހަރަކީ، ހުޅަނގުގެ އިސްތިޢުމާރީ އަޅުވެތިކަމުގެ ވޭންދެނިވި ތަޖުރިބާ ކުރުމުގައި، ދެކުނު ބަވަނައިގެ ޤައުމުތައް ދުށް އަނދިރި އަދި ބިރުވެރި ރެއިގަނޑެއް ފަދަ ޒަމާނެކެވެ. އެ ބިރުވެރި ތަޖުރިބާގެ ވޭނާއި ކެކުޅުމުގެ ރަހަ ލިބުނު ޤައުމުތަކާއި ޖަމާޢަތްތަކުގެ ވާހަކަތަކަކީ އިންސާނީ ތާރީޚުގެ ކަޅު ޞަފުޙާތަކެކެވެ. އެ ޞަފުޙާތަކުގައި ލެއިން ލިޔެވިފައި ވާ ހިތްދަތި ވާހަކަތަކަކަށް ނިމުމެއް ހިސާބެއް ނެތެވެ. ކެންޔާގެ މައު މައު އަދި ކިކޫޔޫންނާ ދެކޮޅަށް 20 ވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން މެދަކާ ހަމަޔަށް އިނގިރޭސި އިސްތިޢުމާރީން ހިންގި ބިރުވެރި ޖަރީމާތަކުގެ ވާހަކައެވެ. އިންޑިއާގައި އިނގިރޭސީން ހިންގި އަމްރިތުސަރު ޤަތުލުޢާއްމު ފަދަ ޤަތުލުޢާއްމުތަކާއި ބަންގާޅުގެ ތަދުމަޑުކަމުގެ ވާހަކަތަކެވެ. ފަރަންސޭސީން އަލްޖީރިއާގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ކަތިލި އިސްތިޢުމާރީ ކުޅިގަނޑުގެ ވާހަކަތަކެވެ. ބެލްޖިޔަމުން 1885 އިން 1908 އާ ހަމަޔަށް ކޮންގޯގައި ދިހަ މިލިއަން ކަޅު މީހުން މެރި އަނިޔާވެރިކަމުގެ ވާހަކަތަކެވެ. އިނގިރޭސި އިސްތިޢުމާރީން އޮސްޓްރޭލިޔާ އެ ޤައުމުގެ ޙަޤީޤީ ވަޒަންވެރީންގެ އަތުން ފޭރިގަނެ އެ ބިމުގައި ދޮން މީހުންގެ އަމިއްލަ ދައުލަތެއް ގަދަބާރާއި އަނިޔާގެ ވަސީލަތުން ބިނާ ކުރި ގޮތުގެ ވާހަކަތަކެވެ. ޔޫރަޕުގެ ބާރުތަކުން ދެކުނު އެމެރިކާގެ އެތައް ޙަޟާރަތްތަކެއް މުޅީން ސުންނާފަތި ކޮށް، މަދު ވެގެން ތިރީހަކަށް މިލިއަން އިންސާނުން ޖަނަވާރުތަކެއް ފަދައިން ކަތިލައި ހުސްކުރި ގޮތުގެ ވާހަކަތަކެވެ. އިނގިރޭސީން ޗައިނާގައި ހިންގި އޯޕިއަމް ވިޔަފާރި އާއި އެކަމާ ގުޅިގެން ކުރި ހަނގުރާމަތަކާއި ހިންގި ޤަތުލުޢާއްމުތަކުގެ ވާހަކަތަކެވެ. ޖަރުމަނުގެ އިސްތިޢުމާރީ ބާރުތަކުން ނެމީބިއާގައި އެ ޤައުމުގެ ހެރޭރޯ އަދި ނާމާ ވަޒަންވެރީންގެ މުޅި އާބާދީގެ އައްޑިހަ އިންސައްތަ ފަނާ ކޮށްލި ބިރުވެރި ޤަތުލުޢާއްމުތަކާއި ނަސްލު ނެތި ކޮށްލުމުގެ ޖަރީމާތަކުގެ ވާހަކަތަކެވެ.

އާދޭހެވެ! ނިމުމެއް ހިސާބެއް އޮތް ވާހަކައެއް ނޫނެވެ! ނިމޭކަށް އޮތް ލިސްޓެއް ނޫނެވެ!

އެހެން ނަމަވެސް، ދުނިޔެއަކީ އަބަދު އެއްގޮތަކަށް އޮންނަ ތަނެއް ނޫނެވެ. ދުނިޔެ ދަނީ ބަދަލު ވަމުންނެވެ. އެއީ ﷲ ގެ ޤާނޫނެވެ. ޤުދުރަތީ ސުންނަތެވެ. ﷲ ގެ ދުނިޔެ އާއި އެކަލާނގެ އަޅުތަކުންގެ ކަންކަން ތަދުބީރު ކުރެއްވުމަށް އެކަލާނގެ ލެއްވެވި ޠަބީޢީ ޤާނޫނުތައް ނިޔާ ކުރާ ގޮތެވެ. އިސްތިޢުމާރުގެ ތެރޭގައި، އަދި އޭގެ ފަހުން ބާދު އިސްތިޢުމާރާއި އައު އިސްތިޢުމާރާއި ސާމުރާޖިއްޔަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން އުތުރު ބަވަނައިގެ ނުވަތަ ހުޅަނގުގެ ޤައުމުތަކުން ދެކުނު ބަވަނައިގެ ޤައުމުތައް އިސްތިޣްލާލު ކޮށް، އެ ޤައުމުތައް ފޭރި، އެ ޤައުމުތައް އިނދަ ޖައްސައިފައި ބައިތިއްބައިގެން މުއްސަނދިކަމާއި އާރާއި ބާރުގައި އުޅުނު ޒަމާން ފާއިތު ވެދިޔުމުގެ ކުލަވަރު މިހާރު ދަނީ ފެންނަމުންނެވެ. ދެކުނު ބަވަނަ ހަމަ އިސްކޮޅަށް ތެދު ވެ، އަޅުވެތިކަމުގެ ކަސްތޮޅުތައް މުގުރައި އުކައިލުމުގެ ކުލަވަރު ދުނިޔޭގެ މަސްރަޙުން މިއަދު ފެންނަނީ ސަމާސާއަށް ވުރެ ބޮޑަށެވެ.

މި ދެންނެވި ބަހުގެ ތެދުކަމަށް އިޝާރާތް ކުރާ އެއް މިސާލަކީ ދާދި ފަހުން، އެފްރިކާގެ ޤައުމެއް ކަމަށްވާ ނައިޖަރުން ފަރަންސޭސި އިސްތިޢުމާރީ އަދި ސާމުރާޖީ ނުފޫޒުގައި ކޮޅުފައިން ޖެހި ގޮތެވެ. އެފްރިކާގެ ޤައުމުތަކުގެ ވަސީލަތްތައް ނުޙައްޤުން ބޭނުން ކޮށްގެން އަހަރަކު 500 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ފައިދާ ހޯދަމުން ގެންދާ ފަރަންސޭސީންގެ ސިފައިން ނައިޖަރުން ބެއިލުމަށް ނައިޖަރުގެ އިންޤިލާބީ ސަރުކާރުން އެންގީ އެ ޤައުމުގެ ވެރިކަމުގައި ހުންނެވި ފަރަންސޭސީންގެ ގޮނޑިކޮއްކޮ މުޙައްމަދު ބަޒޫމުގެ ސަރުކާރު ވައްޓައިލުމަށް ފަހުގައެވެ. އެކަމާ ގުޅިގެން، ފަރަންސޭސީން އެންމެ ފުރަތަމަ މަސައްކަތް ކުރީ ގަދަބަދަވިކަމާއި ނުފޫޒުގެ ބޭނުން ކޮށްގެން އެމީހުންގެ ސިފައިން ނައިޖަރުގައި ދެމިތިބޭނޭ ގޮތެއް ހެދުމަށެވެ. ނައިޖަރާ އަވަށްޓެރި ޤައުމުތަކުގައި ތިބޭ ފަރަންސޭސީންގެ ގޮނޑިކޮއްކޮ ސަރުކާރުތަކަށް އޯޑަރު ފޮނުވައިގެން އެ ޤައުމުތައް ނައިޖަރަށް ޙަމަލަ ދީ ހަނގުރާމައެއް ފެށުމަށް ވެސް ފަރަންސޭސީން ލައްކަ މަސައްކަތް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގައި ފަރަންސޭސީންނަށް ކާމިޔާބު ނުވެ، މި އަހަރުގެ އޮކްޓޯބަރު މަހު ފަރަންސޭސި ސިފައިން ވަނީ ނައިޖަރުން ފައިބާން ފަށައިފައެވެ.

ދެކުނު ބަވަނައިގެ ޙާލަތު ބަދަލު ވެ، ދުނިޔޭގެ އިޤްތިޞާދު އުތުރު ބަވަނައިގެ ޤައުމުތަކުގެ ކޮންޓްރޯލުން ބޭރު ވެ، ދެކުނު ބަވަނައިގެ ޤައުމުތަކަށް އެ ޤައުމުތަކަށް ޙައްޤު މިންވަރު ލިބޭ ދުވަސް އައުމުގެ ޢަލާމާތްތައް، ދެކުނު ބަވަނައިގެ ބައެއް ޤައުމުތަކަށް އަންނަމުންދާ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީން ވެސް ފެނެއެވެ. ފާއިތު ވި ވިއްސަކަށް އަހަރަކީ، ދުނިޔޭގެ އިޤްތިޞާދުގެ އިންޖީނު ދެކުނު ބަވަނައަށް ބަދަލު ވާ މަންޒަރު ސާފު ވަމުން ކުލަގަދަ ވަމުން އައި ދުވަސްތަކެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި 2030 އާ ހަމަޔަށް ދާއިރު، ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދެއްގެ މަޤާމު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އަތުން ޗައިނާ އަތުލާނެއެވެ. އެހައިތަނަށް ދާއިރު އިންޑިއާ ވެސް އެމެރިކާ ފަހަށް ޖައްސާނެ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ހަމައެހެންމެ، އިންޑޮނީޝިޔާ ވެސް ޔޫރަޕުގެ ބޮޑެތި އިޤްތިޞާދީ ބާރުތައް ކަމުގައި ވާ ޖަރުމަނާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް ފަހަނައަޅައި ކުރިޔަށް ދާނެ ކަމަށް ދައްކާ ދިރާސާތައް އެބަ ހުއްޓެވެ. އެފަދަ އެއް ދިރާސާ އަކީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ސްޓޭންޑަރޑް ޗާރޓަރޑް ބޭންކުން ޝާއިޢު ކުރި ރިޕޯޓެވެ. އެ ރިޕޯޓުގައި ބުނާ ގޮތުން، 2030 އާ ހަމަޔަށް ދާއިރު، ދުނިޔޭގެ އެންމެ ބޮޑު ދިހަ އިޤްތިޞާދުގެ ތެރޭގައި ދެކުނު ބަވަނައިގެ ހަ ޤައުމު ހިމެނޭނެއެވެ. އެއީ، ޗައިނާ އާއި އިންޑިއާ އާއި އިންޑޮނީޝިޔާ އާއި ތުރުކީ އާއި ބްރެޒިލާއި މިޞްރެވެ.

ދުނިޔޭގެ އިންސާނުންގެ އާބާދީގެ ބޮޑު ބައި ނިސްބަތް ވަނީ ދެކުނު ބަވަނައަށެވެ. ދެކުނު ބަވަނައިގެ އާބާދީ ހުރީ ގާތްގަނޑަކަށް 6.8 ބިލިއަނުގައެވެ. އުތުރު ބަވަނައިގެ އާބާދީ އަކީ ގާތްގަނޑަކަށް 1.2 ބިލިއަނެވެ. ދުނިޔޭގެ ބޮޑުބައި އަޅުވެތި ކޮށްގެން، ހުޅަނގަށް ކިހައި ދުވަހެއްގައި އުޅެވިދާނެ ބާވައެވެ! އުތުރުގެ އިސްތިޢުމާރާއި ސާމުރާޖިއްޔަތުގެ ދައުރު ނިމުމުގެ ވަގުތު ޖެހެނީ ކަމުގައި ވުން ގާތެވެ! މި ބަހަށް ބާރު ލިބޭ އެންމެ މުހިއްމު އަނެއް ޙަޤީޤަތަކީ، ޚުދު އުތުރު ބަވަނައިގެ ޤައުމުތަކުގެ އެތައް މިލިއަން ރައްޔިތުން، އެމީހުންގެ ސިޔާސީ، އިޤްތިޞާދީ، އަދި ފިކުރީ ލީޑަރުންގެ ހުތުރު ޙަޤީޤަތް ދެނެގަނެ އެކަމާ ދެކޮޅަށް ތެދުވަމުން ދާދިޔުމެވެ. މި ބަދަލުތަކާ އެކު، ދުނިޔެ ފުރޮޅިގެން ދާނީ ކިހިނެއް ހެއްޔެވެ؟ އަލިފުދާލުގެ ނިޒާމު އިޞްލާޙު ކުރެވި، ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ ނިޒާމަކީ ހުރިހައި އިންސާނުންގެ މެދުގައި އިޖުތިމާޢީ އަދި އިޤްތިޞާދީ ޢަދާލަތު ޤާއިމު ކުރެވި، ހުރިހައި ޤައުމުތަކެއްގެ ރައްޔިތުންނަށް ވެސް ޙަޤީޤީ މަންފާ ކުރަނިވި ނިޒާމަކަށް ވެގެން ބާވައެވެ! އުއްމީދަކީ އެއީއެވެ! އެކަމަށް ހުރި ހުރަސްތައް ގިނަގުނައެވެ. މިސާލަކަށް، ދެކުނު ބަވަނައިގެ ޤައުމުތަކުގައި ތިބި އުތުރުގެ ގޮނޑިކޮއްކޮ ލީޑަރުންނާއި ސަރުކާރުތަކެވެ. ދެކުނު ބަވަނައިގެ ޤައުމުތަކުގެ ސިޔާސީ "އިންސްޓެބިލިޓީ" އެވެ. ސިޔާސީ ގޮތުން ދެކުނު ބަވަނަ އެއް ވަލަކަށް މަހައިލާނޭ ހަރުދަނާ އަދި ޤާބިލު ބައިނަލްއަޤްވާމީ ނިޒާމެއް ނެތި، "ނޮން-އެލައިންޑް މޫވްމަންޓް" ފަދަ ޙަރަކާތްތައް ވަޅުޖެހިފައި އޮތުމެވެ. މި ކަންކަން ކޮންމެ ގޮތަކަށް އޮތަސް، އުއްމީދު އެބައޮތެވެ. ޚާއްޞަ ގޮތެއްގައި، އުތުރު ބަވަނައިގެ އިސްތިޢުމާރީ އަދި ސާމުރާޖީ ރަޙުމުކުޑަކަމާއި އަނިޔާވެރިކަމާއި މުނާފިޤުކަމާއި ދޮގުވެރިކަން، އުތުރު ބަވަނައިގެ ގިނަ ޤައުމުތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު އިސްރާއީލުން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި، ބިރުވެރި، ލާއިންސާނީ، ރަޙުމުކުޑަ، ޖަރީމާތަކާއި މިނިކަތިލުންތައް ކުލަ އިސްކިރީނަކުން މުޅި ދުނިޔެއަށް ފެންނަމުންދާ ދިޔުމަކީ، ޙާލަތު ބަދަލު ވެގެން ދިޔުމަށް މެދުވެރި ކުރާ ވަރަށް ބޮޑު ސަބަބަކަށް ދަނީ ވަމުންނެވެ. ދެން އޮތް އެންމެ މުހިއްމު ސުވާލަކީ، އުތުރު ބަވަނައިގެ ޤައުމުތައް ގުޅިގެން، ދެކުނު ބަވަނަ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ މަގަށް ކުރާ ދަތުރު ހުއްޓުވުމަށް ބާރުގެ ބޭނުން ކުރާ ތަން އަތުވެދާނެތޯ މިއެވެ. އެހެން ވެއްޖެއްޔާ، ދުނިޔެ ވެއްޓޭނީ ތިންވަނަ ބޮޑު ހަނގުރާމައެއްގެ ފުން ވަޅުގަނޑަކަށެވެ.

މި ކަންކަން ކޮންމެ ގޮތަކަށް އޮތަސް، ދުނިޔެއަށާއި އިންސާނިއްޔަތަށް ފާގަތި އަދި ބާއްޖަވެރި ކުރިމަގެއް އޮތީ އުތުރު ބަވަނައިގެ ޤައުމުތަކުގެ އިސްތިޢުމާރާއި ސާމުރާޖިއްޔަތަށް ނިމުން އައިސްގެނެވެ. ހުޅަނގުގެ ބާރުގައި އުފައްދައިފައިވާ އިންޞާފެއް ނެތް "ވޯރލްޑް އޯޑަރ" ނިމުމަކަށް ގެނެވިގެންނެވެ. ހުރިހައި އިންސާނުންނާއި ހުރިހައި ޤައުމުތަކެއްގެ ހަމަހަމަކަމުގެ އުޞޫލު ނެގެހެއްޓިގެންނެވެ. ހުރިހައި އިންސާނުންގެ ކަރާމާތާއި ޙައްޤުތައް ހަމަހަމަ ގޮތެއްގައި ރައްކައުތެރި ކުރެވިގެންނެވެ. އިންސާނީވަންތަ، އިންޞާފުވެރި، ޞުލްޙަވެރި، އޯގާވެރި، ޒިންމާދާރު، އެކުވެރި، އަދި އިޙްސާންތެރި ދުނިޔެއެއް އުފެއްދުމުގެ އަމާޒަށް ބައިނަލްއަޤްވާމީ ގުޅުންތައް ސީދާ ކުރެވިގެންނެވެ. ދައުލަތެއްގެ ގޮތުގައި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރެއްގެ ގޮތުގައި އަހަރެމެންގެ ޤައުމީ އެއް ވާޖިބަކީ ވެސް އެ އަމާޒަށް މަސައްކަތް ކުރުމެވެ. އުތުރާއި ދެކުނުގެ ހުރިހައި ރައްޔިތުންނަށް ޓަކައެވެ. އެފްރިކާގެ އެކިއެކި ސަރަޙައްދުތަކުގައި ބަނޑުހައިހޫނުކަމުގެ ދިލަހޫނާއި ހިތި ވޭނުގައި ދުވަސްތައް ގުނަމުންދާ އެތައް ލައްކަ ތުއްތު ކުދީންގެ ޙައްޤުގައެވެ. ދެކުނު އެމެރިކާގެ އެތައް ޤައުމެއްގައި، މަސްތުވާ ތަކެތީގެ ސަބަބުން ބަރުބާދު ވަމުންދާ އެތައް ލައްކަ ކުދީންގެ ޙައްޤުގައެވެ. ފަލަސްޠީނުގެ ބިމުގައި، ނިންޖެއް އަރާމެއް ނެތި ރެޔާއި ދުވާލު އުތުރު ބަވަނައިގެ ބޮންތަކާއި މިސައިލުތަކާއި އުންޑަތަކުގެ ސަބަބުން ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭހައި ބިރުވެރިކަމާއި އަނިޔާގައި ތިބި އެތައް ލައްކަ ކުދީންގެ ޙައްޤުގައެވެ. ދެންވެސް، ހުޅަނގުގެ ބާރުގައި ދުނިޔޭގައި ޤާއިމު ކޮށްފައިވާ އަނިޔާވެރި އޯޑަރުގެ ސަބަބުން ނިކަމެތި ވެފައި ވާ އެންމެންގެ ޙައްޤުގައެވެ. މުޅި އިންސާނިއްޔަތުގެ ޙައްޤުގައެވެ.