ދުނިޔެ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމަށް އާންމުންގެ ދެމީހަކު ވަދެ ހަމަނުޖެހުން ހިންގައިފި

މުހައްމަދު އައުޒަމް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމަށް އާންމުންގެ ދެމީހަކު ވަދެ ހަމަނުޖެހުން ހިންގައިފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމަށް އެ ދެމީހުން ވަދެފައި ވަނީ މަޖިލިސް ހިނގާ ވަގުތު އާންމުން މަޖިލިސް ބެލުމަށް ހަދާފައި ހުންނަ ހާއްސަ ޗެމްބަރުގައި ތިބެފައި ކުއްލިޔަކަށެވެ.

ތަޅުމަށް ވަން ދެ މީހުން ވަނީ މޭޒުތައް މަތިން ދުވެ މަޖިލިސްތެރެއަށް ކުލަ ހިމެނޭ ގޭހެއްވެސް ދޫކޮށްފައެވެ. ނަމަވެސް އެ ގޭހަކީ ނުރައްކަލެއް އެކުލެވޭ ގޭހެއް ނޫންކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެ ހާދިސާ ހިނގާފައި މިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ހަމަލާދިންތާ 22 އަހަރު ފުރުނު ދުވަހުއެވެ.

ދިއްލީގެ ފުލުހުން ވަނީ އެ ދެމީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ހާދިސާއާ ގުޅިގެން އިންޑިއާގެ މަޖިލިސް މެންބަރުން ވަނީ އެ މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ގޮވާލާފައެވެ.