މުހައްމަދު އައުޒަމް
ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ފްރާންސްގެ އައިފެލް ޓަވަރު ނިއްވާލައިފިއެވެ.
ލަންކާގެ އެކި ސަރަހައްދު ތަކުގައި ބޮންތަކެއް ގޮއްވާލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ 300އާ ކައިރި ވެފަ އެވެ. މި ހިތާމައިގައި ބައިވެރިވާކަން އަންގައިދިނުމުގެ ގޮތުން އައިފެލް ޓަވަރު ނިއްވާލީ ރޭ 12 ޖެހި އިރު އެވެ.
އައިފެލް ޓަވަރުގެ ރަސްމީ ޓްވިޓަރު އެކައުންޓުން ވަނީ މިކަން ހާމަކޮށް ޕޯސްޓެއް ވެސް ކޮށްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިއްޔެ ހާދިސާގައި މަރުވި ލަންކާއިން ބޭރު މީހުންގެ އަދަދު ވަނީ 30 އިން މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ބްރިޓިޝް މީހުންނާއި ތުރުކީ މީހުންނާއި ނެދަލޭންޑް މީހުންނާއި އެމެރިކާގެ މީހުން ހިމެނޭ ކަމަށް އެ ގައުމުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފްރާންސް ގެ ޕެރިސްގައި ހުންނަ އައިފެލް ޓަވަރު މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ ހިތާމަވެރި ކަންކަމުގައި ބައިވެރިވުމުގެ ގޮތުން އެކިފަހަރުމަތިން ނިއްވާލާފައެވެ.