ދުނިޔެ

ދޫނި ރޯގާގެ ނުރައްކަލުން ސަލާމަތްވުމަށް ސިންގަޕޫރުން ފިޔަވަޅުތައް ވަރުގަދަކޮށްފި

މުހައްމަދު އައުޒަމް

ދޫނި ރޯގާގެ ނުރައްކަލުން ސަލާމަތްވުމަށް ސިންގަޕޫރުން ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ސިންގަޕޫރާއި އަވަށްޓެރި ބައެއް ގައުމުތަކުގައި ދޫނި ރޯގާ ފެތުރޭތީ އެގައުމުން ވަނީ ހާއްސަ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ސިންގަޕޫރުން ވަނީ ދޫނީގެ ބާވަތްތަކާއި އެ ބާވަތްތަކުން އުފައްދާ މުދާ އެގައުމަށް އެތެރެކުރުން ހުއްޓާލުމަށް ނިންމައިފައެވެ. އެގޮތުން ސިންގަޕޫރުން ވަނީ ޖަޕާނުގެ ބައެއް ސިޓީތަކުގެ ތެރެއިން ސަގާ އާއި އިބަރަކީގެ އިތުރުން ސައިޓަމާ އަދި ކަގޯޝިމާއިން ދޫނީގެ ބާވަތްތަކާއި އެ ބާވަތްތަކުން އުފައްދާ މުދާ އެތެރެކުރުން ހުއްޓުވައިފައެވެ.

ދޫނި ރޯގާ ފެތުރޭ ގައުމުތަކުގެ ތެރެއިން އެމެރިކާ އާއި ކެނެޑާގެ އިތުރުން ފްރާންސާއި ބެލްޖިއަމް އަދި ޖަރުމަނުގެ ބައެއް އަވަށްތަކުން ވެސް ސިންގަޕޫރަށް އެތެރެކުރާ ދޫނީގެ ބާވަތްތަކާއި އެ ބާވަތްތަކުން އުފައްދާ މުދާ އެތެރެކުރުން ވެސް ވަނީ ހުއްޓުވައިފައެވެ.

ސިންގަޕޫރުގެ ފުޑް އެޖެންސީން ވަނީ ދޫނި ރޯގާގެ އިތުރުން އޭވިއަން އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް ގޮވާލައިފައެވެ.