އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލައި ނިންމާފައިވާ މައްސަލަތަކުން ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ގައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއައްވިޒު ވިދާޅުވީ ކޮރަޕްޝަނުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރަން ޖެހިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަށް ބައްޓަން ކުރެވޭނީ ދެފުށް ފެންނަ ގޮތަކަށް އިދާރާތަކުގެ މަސައްކަތްތައް ފަރުމާކުރެވިގެން ކަމަށެވެ.
އަދި ކޮރަޕްޝަން ވަކިތަކުން ގައުމެއް ސަލާމަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކޮރަޕްޝަނުގެ އަމަލުތައް ހޯދައި ބަލައި ފިޔަވަޅު އެޅުމަކީ ހުރިހާ ގައުމަކަށްވެސް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
މުއައްވިޒު ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަކީ އެންމެ މުހިންމު އެއް މަސައްކަތެވެ.
އެގޮތުން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ދެފުށް ފެންނަ ގޮތެއްގައި މުއައްސަސާތަކުގެ ހިންގުން ބައްޓަން ކުރަން ޖެހޭ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.