ތައިލެންޑުގައި ބަހެއް ގަހަކަށް މުޑިއަރައި 14 މީހުން މަރުވެއްޖެއެވެ.
މި ބަސް ގަހަކަށް މުޑިއަރާފައި ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުން އެގައުމުގެ ދެކުނުގެ ޕްރަޗުއަޕް ކިރީ ކާން ޕްރޮވިންސަށް ދަތުރުކުރަނިކޮށެވެ. މި ހާދިސާގައި ބަހުން ދަތުރުކުރި 14 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި 32 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށް އޮފިޝަލު ބުނެއެވެ.
ތައިލެންޑު ފުލުހުން ވަނީ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދި ހޯދިފައި ނުވާ ކަމަށް ބުނެފަައެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ބަސްގެ ޑްރައިވަރު ނިދި ޖެހިގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް ބުނެއެވެ.
ބަސް ދުއްވި ޑްރައިވަރަށް ވަނީ އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.
ފުލުހުން ވަނީ ހޮސްޕިޓަލު މެދުވެރިކޮށް ޑްރައިވަރުގެ ލޭގެ ސާމްޕަލް ނަގައި ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރާ ކަމަށް ބުނެފައެވެ.
ތައިލެންޑަކީ ދުނިޔޭގައި މަގުމަތީ އެކްސިޑެންޓް އެންމެ ގިނަ ގައުމު ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގައުމެވެ.