ހޮލީވުޑް

ގޭމް އޮފް ތްރޯންސް ސީޒަން އަށެއްގެ އެޕިސޯޑް ދޭއް ލީކުކޮށްލައިފި

މަގްބޫލު ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ސީޒަން އަށެއްގެ ދެވަނަ އެޕިސޯޑް ލީކުކޮށްލައިފި އެވެ.

ގޭމް އޮފް ތްރޯންސްގެ އެޕިސޯޑްތައް ރާއްޖެއަށް ފެންނަނީ ހޯމަ ދުވަހުއެވެ. ސީރީޒްގެ ދެވަނަ އެޕިސޯޑް ނުކުތުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ޓުވިޓަރުގައި ދެވަނަ އެޕިސޯޑް ސްޓްރީމް ކުރެވޭ ވާހަކަ ޓްރެންޑް ވާން ފެށީ މިރެއެވެ.

ސީރީޒް ޕޯސްޓު ކޮށްފައިވަނީ އޯޕަން ލޯޑް ކިޔާ ވެބްސައިޓެއްގައެވެ. އަދި އެ އެޕިސޯޑްވަނީ ފަހުން ސައިޓުން ނަގައިފައެވެ. ނަމަވެސް އެޕިސޯޑާ ބެހޭ މައުލޫމާތުތައް (ސްޕޮއިލާސް) ވަނީ މީސްމީޑިއާގައި ހާމަވާން ފަށާފައެވެ.

ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލުކަން ހޯދާފައިވާ ސީރީޒް، ގޭމް އޮފް ތްރޯންސްގެ މި ސީޒަންގެ އެންމެ ފުރަތަމަ އެޕިސޯޑްވެސް ވަނީ ހަތަރު ގަޑި އިރު ކުރިން ލީކުކޮށްލައިފައެވެ.

މަގުބޫލުކަން ބޮޑު ސީރީޒްތަކާއި ފިލްމުތައް ލީކު ކުރުމަކީ މިފަހަކަށް އައިސް ގިނައިން ހިނގާ ކަމެކެވެ.

ގޭމް އޮފް ތްރޯންސް ގެ ސީރީޒްތައް 17.4 މިލިއަން މީހުން ފޮލޯ ކުރެއެވެ.