ރޭ ޖަރުމަނުގައި ކުރިއަށްދިޔަ ޔޫރޯ 2024 ގެ ގުރުއަތު ނެގުމުގެ ތެރެއިން، ބަރަހަނާ ވީޑިއޯއެއްގެ އޯޑިއޯއެއް ޕްލޭވި މައްސަލައެއް ޔޫއެފާއިން ބަލަން ފަށައިފިއެވެ.
ރޭ ޔޫރޯ ގުރުގެ ތެރެއިން ބަރަހަނާ ވީޑިއޯއެއްގެ އަޑު ޕްލޭވީ ސްވިޒަލޭންޑް ގަނޑުކޮޅު ނެގި ވަގުތުގައެވެ. މީގެ ކުރިންވެސް އެފަދަ ކަމެއް ހިނގާފައިވެއެވެ. އެގޮތުން ބީބީސީގެ ޝޯއެއްގެ ތެރެއިންވެސް ބަރަހަނާ ވީޑިއޯއެއްގެ އަޑު ޕްލޭވިއެވެ. އެއީ އެފްއޭ ކަޕްގައި ވުލްވްސް އާއި ލިވަޕޫލް ވާދަކުރަން އޮތް މެޗުގެ ޕްރީ ޝޯގައެވެ.
ރޭ ހިނގައިދިޔަ ކަންތަކުގެ އިތުރުން މީގެ ކުރިން ހިނގައިދިޔަ ކަންތަކަށްވެސް މަޝްހޫރު ޔޫޓިއުބް ޕްރޭކް ސްޓާ ޑެނިއަލް ޖާވިސް ވަނީ ޒިންމާ ނަގައިފައެވެ. ރޭ ހެމްބާގުގައި ޔޫރޯގެ ގުރު ނަގަމުން ދިޔަ ވަގުތުވެސް އެކްސްގެ ލައިވް ސްޓްރީމްގައި ޖާވިސް ވަނީ، އެކަން ކުރީ އޭނާ ކަމަށް ބުނެފައެވެ.
ޖާވިސް، އޭނާގެ ސްޓްރީމް ބަލަމުންދިޔަ މީހުން ކައިރީ ބުނަމުން ދިޔައީ އޭނާ އެކަން ކުރީ ފޯނެއް ގުރު ނެގި ހޯލުގައި ބާއްވައިގެން ކަމަށާއި އެ ފޯނުގެ ރިންގް ޓޯނަށް ބަރަހަނާ މަންޒަރެއްގެ އަޑު ލާފައިވާނެ ކަމަށެވެ.
ރޭގެ އިވެންޓް ހޯސްޓްކުރި ޔޫއެފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޖޯޖިއޯ މަޗެޓީ ވިދާޅުވީ އެ އަޑުތަކުގެ މައްސަލަ ބަލަމުންދާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސްކޮށް ބަލައި، ތަހުގީގު ކުރާނެ ކަމަށްވެސް ޔޫއެފާއިން ބުންޏެވެ.