އަލް އުސްތާޛް އަޙްމަދު މާޖިދު
ގަލްފުގެ ޤައުމުތަކުގެ ތެރެއިން، ޔުނައިޓެޑް އެރެބް އެމިރޭޓްސް އަކީ ފަހަކަށް އައިސް ދުނިޔޭގައި ވިޔަފާރީގެ ބޮޑު މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ވެފައި ވާ، ދިވެހީން ވެސް އެ ޤައުމަކާ އެކު ވިޔަފާރީގެ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ ޤައުމެކެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާ ތަފާތު ދައުލީ ނިޒާމެއް އޮންނަ ޤައުމެކެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް ނުވަތަ އަލްއިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާ އަކީ ކިހިނެއް އުފެދިފައި އޮންނަ ދައުލަތެއްތޯ އަދި އެ ދައުލަތުގެ ތާރީޚަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ!
އަލްއިމާރާތަކީ ޢަރަބި ޖަޒީރާގެ ދެކުނު އިރުމައްޗަށް ވާ ސަރަޙައްދުގައި އޮންނަ ޤައުމެކެވެ. މުސްލިމް ޢަރަބި ޤައުމެކެވެ. ޤައުމުގައި ދިރިއުޅޭ މީހުންގެ ޖުމުލަ 10 މިލިއަނާ ގާތް ކުރެއެވެ. ނަމަވެސް އޭގެ ތެރޭގައި އިމާރާތީ ޢަރަބީންނަކީ އެންމެ 11 އިންސައްތައެވެ. ޢަދަދުން ކިޔަންޏާ، ޢިމާރާތީ ޢަރަބީންގެ އާބާދީގެ ޢަދަދަކީ ގާތްގަނޑަކަށް 1.1 މިލިއަނެވެ. ދެން ތިބެނީ ބޭރު ޤައުމުތަކުން ޤައުމަށް އައިސް ތިބޭ މަސައްކަތްތެރީންނާއި އެމީހުންގެ ޢާއިލާތަކެވެ. މަސައްކަތްތެރީންގެ އާބާދީގައި އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެޔަށްފަހު، ޕާކިސްތާނާއި، ބަންގްލަދޭޝާއި ފިލިޕީންސްގެ މީހުންނެވެ. ދީނަށް ބަލާ އިރު، އިމާރާތީ ޢަރަބީންނަކީ މުސްލިމުންނެވެ. އެމީހުންގެ 85 އިންސައްތަ އަކީ ސުންނީ މުސްލިމުންނެވެ. 15 އިންސައްތަ އަކީ ޝީޢީ މުސްލިމުންނެވެ. ޤައުމުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީންގެ އާބާދީގައި ހިންދޫންނާއި ނަޞާރާއިން ގިނަ ޢަދަދަކަށް ހިމެނެއެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތެއްގެ ގޮތުގައި، މި ދީންތަކުގެ މީހުންނަށް ވެސް އޮންނަނީ މިނިވަންކަމާ އެކު އެ ބަޔަކު އެ ބަޔެއްގެ ދީނަށް އުޅެ، އަޅުކަން ކުރާ ތަންތަން ވެސް ހަދައި އަޅުކަން ކުރުމުގެ މިނިވަންކަން ދީފައެވެ.
ވަރަށް ކުރީއްސުރެ، އަލްއިމާރާތުގެ ސަރަޙައްދަކީ ޢަރަބި ޤަބީލާތަކެއްގެ ވަޒަނެވެ. އޭގެ ތެރޭގައި ބަނޫ ޔާސް، އާލު ނަހްޔާން، ބަނޫ ޡަވާހިރު، އާލު ޢަލީ، ބަނޫ އަލްމަނާޞީރު، ބަނޫ އައްޝަރްޤިއްޔޫން، އަދި ބަނޫ އަލްޤަވާސިމް ހިމެނެއެވެ. 18 ވަނަ ޤަރުނާ ހަމަޔަށް އައި އިރު، މި ޤަބީލާތަކުގެ ތެރެއިން ނަގާ ކިޔާ ޤަބީލާތަކަކީ ބަނޫ ޔާސް އަދި ބަނޫ އަލްޤަވާސިމެވެ.
ލަންދޭސީންނާއި ފުރެތިކާލުންގެ އިސްތިޢުމާރީ ވަކިތަކުގެ ތަޖުރިބާ ދަހަރުތަކެއް ވާންދެން ކުރުމަށް ފަހު، އިމާރާތުގެ ސަރަޙައްދުގެ ޤަބީލާތައް އިނގިރޭސީންގެ ނުފޫޒުގެ ދަށަށް އައީ 1820 އާއި 1892 އާ ދެމެދުގައި ކުރެވުނު މުޢާމަލާތުތަކާއި ހިނގި ހާދިސާތަކާއި ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ވަސީލަތުންނެވެ. އެއިރު މި ޤަބީލާތައް އޮތީ އަލްއިމާރާތުލް މުތަޞާލިޙާގެ ނަމުގައި އެކުލަވައިލެވިފައި އޮތް ޤައުމީ އިއްތިޙާދެއްގެ ސޫރައިގައެވެ. 1908 ވަނަ އަހަރު އީރާނުން ތެޔޮ ފެނުމާ ގުޅިގެން، އިނގިރޭސީން މުތަޞާލިޙާގެ ޤަބީލާތަކުގެ މައްޗަށް ނުފޫޒު ވަރުގަދަ ކޮށް، އިނގިރޭސި ދައުލަތުގެ ހުއްދައެއް ނެތި ބޭރުގެ އެއްވެސް ކުންފުންޏަކާ އެކު ވިޔަފާރީގެ ގުޅުންތައް ނުބޭއްވުމަށް ދެ ފަރާތް އެއްބަސް ވާ އެއްބަސްވުންތަކެއްގައި ސޮއި ކުރިއެވެ. އީރާނާއި ޢިރާޤުގެ ސަރަޙައްދުން ތެޔޮ ނެގުމަށް އިނގިރޭސީން އުފެއްދި އެންގްލޯ-ޕަރޝިއަން އޮއިލް ކޮމްޕެނީ އާއި، ޢިރާޤް ޕެޓްރޯލިޔަމް ކޮމްޕެނީގެ މަސައްކަތްތަކުގެ ތެރެއިން، 1935 ގައި މުތަޞާލިޙާގެ ލީޑަރުންގެ އިޒުނައާ އެކު އެ ސަރަޙައްދުން ތެޔޮ ހޯދުމުގެ މަސައްކަތް އިނގިރޭސީން ފެށިއެވެ. އެ މަސައްކަތް ޢަމަލީ ގޮތުން ހިންގައި، ފުރަތަމަ ބޯހޯލުތައް ކޮނެވުނީ 1950 ގައެވެ. ނަމަވެސް ތެޔޮ ފެނިގެން، ތެޔޮ ނަގައި އެކްސްޕޯޓު ކުރެވޭ ވަރު ވީ 1958 އާއި 1962 އާ ދެމެދުގައެވެ.
ތެޔޮ ފެނުމުގެ ކުރީން މުތަޞާޙިލާގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާ ވެފައި އޮތީ މަސްވެރިކަމާއި އިތާމުތުގެ ވިޔަފާރީގެ މައްޗަށެވެ. ނަމަވެސް ތެޔޮ ފެނުމަށް ފަހު، ޤައުމުގެ އިޤްތިޞާދުގެ މައިގަނޑު ސިނާއަތަކަށް ވީ ތެލެވެ.
މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އަލްއިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާ ނުވަތަ ޔުނައިޓެޑް އެރެބް އެމިރޭޓްސް ވުޖޫދަށް އައީ 1971 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެޔާއެކު، އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުގައި އަލްއިމާރާތު އޮތް ދައުރު ނިމުމަކަށް އައީއެވެ. އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ އަލްއިމާރާތުގެ ދައުލަތުގައި ބަޙްރައިނާއި ޤަޠަރު ވެސް ހިމެނުމަށެވެ. ނަމަވެސް މި ދެ ދައުލަތް ވަކި އަދި މުސްތަޤިއްލު ދެ ދައުލަތުގެ ގޮތުގައި ހަމަޖެހިގެން ދިޔުމަށް ފަހު، އަލްއިމާރާތު މިނިވަން ވީ ހަތް އިމާރަތުގެ އިއްތިޙާދެއްގެ ގޮތުގައެވެ. އެ ހަތް އިމާރަތަކީ އަބޫ ޡަބީ ނުވަތަ އަބޫދާބީ، ދުބައި ނުވަތަ ދުބާއީ، އައްޝާރިޤާ ނުވަތަ ޝާރުޖާ، ރައުސުލް ޚައިމާ، ޢަޖުމާން، އުއްމުލް ޤުވައިން، އަދި ފުޖައިރާއެވެ.
ދުސްތޫރީ ގޮތުން ބަލާ އިރު، އަލްއިމާރާތަކީ "ފެޑެރަލް މުލޫކިއްޔާ" އެކެވެ. އެހެން ގޮތަކަށް ބުނަންޏާ، ފެޑެރޭޝަންތަކެއްގެ މައްޗަށް އެކުލެވޭ އަދި ވިރާސީ ރަސްކަމެއް އޮންނަ ޤައުމެކެވެ. ކޮންމެ އިމާރަތެއްގައި ވެސް ވަކި ވިރާސީ ރަސްކަމެއް އޮވެއެވެ. އެ ރަސްކަން އޮންނަނީ އެ އިމާރަތަކަށް ނިސްބަތް ވާ ޤަބީލާގެ އިސް ޢާއިލާއަށެވެ. އެ ޢާއިލާގެ އިސް ވެރިޔެއްގެ ގޮތުގައި އެ އިމާރާތެއްގެ ރަސްކަން ކުރައްވާ ބެއިފުޅަކަށް ރަސްމީކޮށް ބޭނުން ކުރާ ލަޤަބަކީ "ޝައިޚް" އެވެ. މުޅި ދައުލަތުގެ އިސް ވެރިޔެއްގެ ގޮތުގައި، ރައީސްގެ ލަޤަބާ އެކު ވެރިކަން ކުރައްވަނީ މީގެ ތެރެއިން ޝައިޚެކެވެ. މި ވަގުތު އެ މަޤާމުގައި ހުންނެވީ އަބޫދާބީގެ ޝައިޚް މުޙައްމަދު ބިން ޒާޔިދް އާލުނަހްޔާނެވެ.
އަލްއިމާރާތުގެ ދައުލަތް ހިންގުމުގެ ނިޒާމުގައި އެންމެ އިސްކޮށް އޮންނަނީ އަލްމަޖްލިސުލް އަޢްލާ ލިލްއިއްތިޙާދެވެ. އިނގިރޭސީން ކިޔާ ގޮތުން ނަމަ، ފެޑްރަލް ސުޕްރީމް ކައުންސިލެވެ. އެ ކައުންސިލުގެ މެންބަރުންނަކީ ޤައުމުގެ ހަތް އިމާރާތުގެ ހަތް ވެރީން ނުވަތަ ޝައިޚުންނެވެ. މި ކައުންސިލުގެ ދަށުން، ފެޑްރަލް ދައުލަތުގެ ނިޒާމު އެކުލެވިފައި އޮންނަނީ، ދައުލަތުގެ ރައީސާއި، ދައުލަތުގެ ނާއިބު ރައީސާއި، ފެޑްރަލް ވަޒީރުންގެ މަޖިލިހާއި، ފެޑްރަލް އިސްތިޝާރީ މަޖިލިހާއި، ފެޑްރަލް ޖުޑީޝަރީގެ މައްޗަށެވެ. މީގެ އިތުރުން، ކޮންމެ އިމާރަތެއްގައި ވަކިވަކީން ސަރުކާރުގެ ނިޒާމެއް އޮވެއެވެ. އެ ނިޒާމު ހިނގަމުން ދަނީ އެ އިމާރަތެއްގެ ޝައިޚްގެ އަމުރުފުޅުގެ ދަށުންނެވެ.
އަލްއިމާރާތަކީ އިޤްތިޞާދީ ގޮތުން، ފާއިތު ވި ބައި ޤަރުނެއްހައި މުއްދަތުގެ ތެރޭގައި، މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑެތި ބަދަލުތަކެއް އައި އެއް ޤައުމެވެ. 1962 ގައި އެ ޤައުމުން ތެޔޮ އެކްސްޕޯޓު ކުރާން ފެށި އިރު، އެއީ މަސްވެރިކަމާއި އިތާމުތުގެ ވިޔަފާރީން ލިބޭ އެއްޗަކުން ކިރިޔަކިރިޔާ ފުއްދަމުން އައި، އިޤްތިޞާދީ ގޮތުން ވަރަށް އާދައިގެ ސަރަޙައްދެކެވެ. ނަމަވެސް ތެލާ އެކު ލިބުނު މުއްސަނދިކަމުގެ ސަބަބުން، ފާއިތު ވެދިޔަ 50 ވަރަކަށް އަހަރުގެ ތެރޭގައި އަލްއިމާރާތު ވަނީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމަށް ވެފައެވެ. މިހާރު އެ ޤައުމުގެ އަހަރީ އާމުދަނީ އެއް ޓްރިލިއަން ޑޮލަރާ ކައިރި ކުރާ އިރު، ޤައުމުގެ އާމުދަނީ އިން ބޮލަކަށް ޖެހޭ ނިސްބަތް ހުރީ 88،000 ޑޮލަރަށް ވުރެ މަތީގައެވެ. ތެލުގެ ސިނާއަތަށް ބަރޯސާ ވުމުގެ ބަދަލުގައި، އެ ޤައުމު ވަނީ އިޤްތިޞާދީ ގޮތުން ސިންދަފާތު ކުރުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ހިންގައިފައެވެ. ނަތީޖާއެއްގެ ގޮތުން، މިއަދު އަލްއިމާރާތަކީ ވިޔަފާރި އާއި މާލިއްޔަތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް މަރުކަޒެވެ. ހަމައެކަނި އެމިރޭޓްސް އެޔަރުލޭނާއި އަލްއިއްތިހާދު އެޔަރުލޭން، އަދި މަޝްހޫރު ބުރުޖު ޚަލީފާގެ ވާހަކަ ދެއްކިޔަސް، އަލްއިމާރާތުގެ އިޤްތިޞާދީ ބާރާއި ކުރިއެރުމުގެ މިންވަރު ހާމަ ވާނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އަލްއިމާރާތު ހޯދައިފައި ވާ ކުރިއެރުންތަކަކީ ވެސް ފާހަގަ ކޮށްލެވޭ ފަދަ ކުރިއެރުންތަކެކެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ އެއް މަންޒިލް ކަމުގައި ވެފައި ވާ އެ ޤައުމުގެ ހަތް އިމާރަތުގެ ތެރެއިން ދުބާއީއަށް އެކަނި ވެސް އަހަރަކު 15 ވަރަކަށް މިލިއަން މީހުން ޒިޔާރަތް ކުރެއެވެ.
އަލްއިމާރާތުގެ ވާހަކަ ދައްކާ އިރު، އެންމެ ގިނަ ބަޔަކުގެ ޝައުގުވެރިކަން ދަމައިގަންނަ އެއް ތަނަކީ މަޝްހޫރު ބުރުޖު ޚަލީފާ ޓަވަރެވެ. ދިގުމިނުގައި 829.8 މީޓަރު ނުވަތަ 2722 ފޫޓު ހުންނަ މި ޓަވަރަކީ ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ޢިމާރާތެވެ. އެތަން ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ 2004 ގައެވެ. ފަސް އަހަރުގެ މަސައްކަތާ އެކު ތަން ފުރިހަމަ ކުރެވި، ރަސްމީކޮށް ހުޅުވުނީ 2010 ގައެވެ. އެތަން ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނު އިރު، ނަމަކަށް ހަމަޖެހިފައި އޮތީ "ބުރުޖު ދުބާއީ" އެވެ. ނަމަވެސް މަސައްކަތުގެ ވަކި ހިސާބަކުން ދުބާއީ އިމާރަތަށް ފައިސާގެ ދަތިކަން ކުރިމަތި ވެ، ޢިމާރާތް ކުރިޔަށް ގެންދިޔުން ދަތި ވުމުން، އެއިރު ޤައުމުގެ ރައީސެއްގެ ގޮތުގައި ހުންނެވި އަބޫޡަބީގެ ޝައިޚް ޚަލީފާ ބިން ޒާޔިދް ބިން ސުލްޠާން އާލު ނަހްޔާން އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވިއެވެ. އެޔާއެކު، ޓަވަރުގެ ނަން ވެސް އޭނާގެ ނަންފުޅަށް ނިސްބަތް ކުރެވި، "ބުރުޖު ޚަލީފާ" ކިޔާ ގޮތަށް ހަމަޖެހުނީއެވެ.
އަލްއިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާ އަކީ ދިވެހިރާއްޖެއާ ފެށުނީއްސުރެ ގާތް ގުޅުންތަކެއް އޮންނަ ޤައުމެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ. އެ ގުޅުމުގެ ބިންގަލަކީ އަލްއިމާރާތަކީ ޢަރަބި އިސްލާމީ ޤައުމަކަށް ވުމެވެ.