ޖަރުމަނުގައި އަންނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ ޔޫރޯ 2024ގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ.
ޔޫރޯ 2024ގެ ގުރުއަތުލުން މިރޭ ބާއްވާފައި ވަނީ ޖަރުމަނުގެ ހޭމްބާގުގައެވެ. އެ ރަސްމިއްޔާތުގައި ފުޓުބޯޅައިގެ ލެޖެންޑުން ބައިވެރިވެފައިވާ އިރު، ގްރޫޕް ސްޓޭޖުގެ ގުރު ނެގީ ޓީމުތައް ސީޑުކޮށްގެންނެވެ. ކޮލިފިކޭޝަންގެ އެއްވަނަ ޓީމުތައް ޕޮޓް އެކަކަށް ސީޑްކޮށްފައިވާ އިރު، ވަރުގަދަ ކުރިމަތިލުންތައް ގްރޫޕް ސްޓޭޖުން ފެނިގެންދާނެއެވެ.
އެގޮތުން ޔޫރޯ 1968 އަދި 2020 ކާމިޔާބުކުރި އިޓަލީ އާއި ޔޫރޯ 1964، 2008 އަދި 2012 ކާމިޔާބުކުރި ސްޕެއިން ގްރޫޕް ބީއަށް ގޮސްފައިވާ އިރު، 1988 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ނެދަލޭންޑްސްއާއި 1984 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ފްރާންސް ދިޔައީ ގްރޫޕް ޑީ އަށެވެ.
ޔޫރޯ ކޮލިފިކޭޝަންގެ ޕްލޭ-އޮފް މެޗުތައް ބާކީ އޮތްއިރު، ޕްލޭ-އޮފް ސްލޮޓް އޭ އަށް ވާދަކުރަނީ ޕޮލެންޑް، އެސްޓޯނިއާ، ވޭލްސްއާއި ފިންލެންޑެވެ. ސްލޮޓް ބީއަށް ވާދަކުރަނީ އިސްރާއީލާއި ބޮސްނިއާގެ އިތުރުން ޔުކްރެއިންއާއި އައިސްލެންޑެވެ. ޕްލޭ-އޮފް ސްލޮޓް ސީއަށް ވާދަކުރަނީ ޖޯޖިއާ، ގްރީސް ކަޒަކިސްތާން އަދި ލަކްސަމްބާގެވެ.
އަންނަ އަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޖަރުމަނާއި ސްކޮޓްލޭންޑެވެ. އެ މެޗު އޮންނާނީ ޖޫން 14 ވަނަ ދުވަހު ޖަރުމަނުގެ އެންމެ ބޮޑު ކްލަބު، ބަޔާން މިއުނިކްގެ އެލިއާޒް އެރީނާގައެވެ.