ސްރީލަންކާގެ ކޮލަމްބޯގެ އެކި ސަރަހައްދުތަކަށް މިއަދު ދިން ބޮމުގެ ހަމަލާތަކާއެކު ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ސަމާލު ވިދާޅުވީ ލަންކާގައި ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެފަދަ ހަމަލާތައް ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ސަލާމަތީ ކަންކަން ވެސް ވަރުގަދަކޮށްފައިވާކަމަށެވެ.
އަދި ރާއްޖެއަށް އެފަދަ ހަމަލާއެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަމާލު ވިދާޅުވިއެވެ.
ޝަމާލު ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭތޯ ބެލުމަށް ސިފައިންގެ އިންޓެލިޖެންސް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި މީގެ ކުރިންވެސް ސިފައިންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލާނާ އެއާޕޯޓުގައި ދޭން އުޅުނު ޓެރަރިޒަމްގެ ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށެވެ.
އަދި މާލެ ތެރެއާއި އެއާޕޯޓާއި ރިސޯޓުތަކުގެ ސަލާމަތީ ކަންކަން ކުރިއަށްވުރެ ހަރުދަނާކޮށް ބަލަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއަދު ފުލުހުންނާއި އެކު ކުރެވުނު މަޝްވަރާތަކުގައި ރިސޯޓްތަކާއި ހޮޓާތަކުގެ ސެކުރިޓީ މެނޭޖަރުން ބޭތިއްބުމާއި އެމީހުން ބާރުވެރިކޮށް ޓްރޭނިން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ޝަމާލު ވިދާޅުވިއެވެ.
ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާ ތަންތަނުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީ، ގަން އިންޓަނޭޝަންނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.
މީގެއިތުރުން ރާއްޖޭގެ ސަލާމަތީކަންކަން ހަރުދަނާ ކުރުމަށްޓަކައި އިމިގްރޭޝަނާއި ކަސްޓަމާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މިއަދު ބައްދަލުކޮށްފައިވާ ކަމަށްވެސް ޝަމާލު ވިދާޅުވިއެވެ.
އެފަރާތްތަކުން ރާއްޖެ އަންނަށް ފަތުރުވެރިންގެ ފަރާތުން ޝައްކު ކުރެވޭފަދަ އަމަލުތަކެއް ފެންނަ ކަމަށްވާނަމަ ސިފައިން ނުވަތަ ފުލުހުންގެ ސަމާލުކަމަށް ގެންދާނެ އޮނިގަނޑެއް މިހާރު އެކުލާވާލައިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި 207 މީހަކު މިހާތަނަށް މަރުވެފައިވާއިރު 450 މީހަކު ވަނީ ޒަހަމްވެފައެވެ. ދިވެހިން އާންމުކޮށް ގޮސް އުޅޭ ސަރަހައްދުގެ އެކި ތަންތަނަށް ދިން މިހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާ ނުވާކަމަސް ސަރުކާރުން ވަނީ ބުނެފައެވެ.