އިންޑިއާގެ ޓަނަލްގައި ތާށިވި 41 މީހުން 17 ދުވަސް ފަހުން ސަލާމަތް ކޮށްފިއެވެ.
އިންޑިއާގެ އުއްޓަރަކްހެންޑް ސްޓޭޓްގައި ހުންނަ ޓަނަލެއް މަރާމާތު ކުރުމުގެ ތެރޭގައި ޓަނަލުން ބައެއް ވެއްޓި އެތަނުގައި 41 މީހުން ތާށިވެފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ރެސްކިއު ޓީމުން ވަނީ ޓަނަލުން ސަލާމަތްކުރި މީހުންގެ ހާލު ރަނގަޅު ނަމަވެސް އެމީހުންގެ މެޑިކަލް ޗެކަޕްތައް ހެދުމަށް ސްޓޭޓްގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.
ޓަނަލްގައި ތާށިވި މީހުން ސަލާމަތް ކޮށްފައިވަނީ އެމީހުން ތިބި ސަރަހައްދަށް، ވަށަމިނުގައި 3 ފޫޓު ހުރި ހޮޅިއެއް ފޮނުވައި، ފަހަރަކު މީހަކު ނެރެގެންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ހާދިސާގައި ތާށިވި އެންމެން ސަލާމަތްވުމުން އުފާފާޅުކުރައްވައި ޓުވީޓް ކުރައްވާފައެވެ. މޯދީގެ ޓުވީޓުގައި ވަނީ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވީ އެންމެންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
ޓަނަލްގައި ތާށިވި 41 މީހުން ސަލާމަތް ކުރުމާއެކު އެމީހުންގެ އާއިލާ އާއި އެ ސްޓޭޓްގެ އާންމުން ވަނީ އެ ސަރަހައްދަށް އެއްވެ އުފާފާޅުކޮށްފައެވެ.