ދުނިޔެ

ގުޖުރާތަށް ބޯކޮށް ވާރޭވެހި ހޮނުއަޅައިގެން 24 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ގުޖުރާތަށް ބޯކޮށް ވާރޭވެހި ހޮނުއަޅައިގެން ހިނގި ހާދިސާތަކުގައި 24 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ގުޖުރާތަށް މޫސުން ގޯސްވެ ގުގުރައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ގިނަ އަދަދެއްގެ ގެތަކަށް ބޮޑެތި ގެއްލުންވެފައެވެ.

ގުޖުރާތުގެ މީޓިއޮރޮލޮޖިސްޓުން ވަނީ އެސިޓީއަށް ބައެއް ފަހަރު ފޯކާސްޓު ނުކުރެވޭ ވަރަށް މޫސުން ގޯސްވެގެން ދާކަމަށް ބުނެފައެވެ.

ގުޖުރާތުގައި މަރުވި 24 މީހުންގެ ތެރެއިން 18 މީހުންނަކީ ހޮނު އެޅުމުގެ ހާދިސާތަކުގައި މަރުވި މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

އާދިއްތަ ދުވަހުގެ ރޭ އެސްޓޭޓަށް 144 މިލި މީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ވިއްސާރައިގައި ލިބުނު ގެއްލުން ބަލައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހް ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުއްލިޔަކަށް ވާރޭވެހުމާއި ހޮނު އެޅުން ފަދަ ހާދިސާތަކުގައި ކޮންމެ އަހަރަކުވެސް އެތައް ހާސް މީހުން އިންޑިއާގައި މަރުވެއެވެ.