ސިއެރަ ލިއޯންގެ މަޝްރަހު ގޯސްވެ މުޅިގައުމުގައި ކާފިއު އިއުލާންކޮށްފިއެވެ.
ސިއެރަ ލިއޯންގައި ހަތިޔާރު އެޅިބަޔަކު އެގައުމުގެ ޖަލުތަކަށް ވަދެ ހައްޔަރުގައި ތިބި ގިނަ އަދަދެއްގެ މީހުން ދޫކޮށްލުމާ އެކު އެގައުމުގެ ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
ސިއެރަ ލިއޯންގެ ވެރިރަށް ފްރީޓައުންގައި ހުންނަ ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކަށްވެސް ހަތިޔާރު އެޅި ގުރޫޕުން ހަމަލާ ދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ހަމަލާތައް ފެށުމާއެކު އެގައުމުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އިން ވަނީ ވަގުތުން މުޅި ގައުމުގައި ކާފިއު އިއުލާންކޮށްފައެވެ. އަދި އާންމުން ގެއިން ނުނިކުތުމަށް ވެސް ސަރުކާރުން ވަނީ ގޮވާލައިފައެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ސިއެރަ ލިއޯންގައި ހުންނަ ބައިނަލްއަގުވާމީ އެއާޕޯޓުވެސް ވަނީ ބަންދުކޮށްފައެވެ.
ހަމަލާތައް ހިންގުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، އޭގެތެރޭގައި އެގައުމުގެ ކުރީގެ ރައީސްގެ ގާޑުން ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ސިއެރަ ލިއޯންގެ ޖަލުތަކުން ފިލި މީހުން ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ އިރު، އެގައުމުގެ ރައީސް ޖުލިއޮސް މާޑާ ވަނީ ސިއެރަ ލިއޯންގައި ޑިމޮކްރަސީ ރައްކާތެރި ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އާންމުން އެއްބާރުލުން ދީ ގޭގައި ތިބުމަށްވެސް ގޮވާލައްވައިފައެވެ.