ލަންކާގެ އެކި ހިސާބުތަކަށް މިއަދު ދެމުންގެންދާ ބޮން ގޮއްވުމުގެ ހަމަލާތަކެއްގައި، ޑެމަޓަގޮޑާގައި އަށްވަނަ ބޮމެއް ގޮއްވާލައިފިއެވެ.
ޑެމަޓަގޮޑާ އަށް ދިން ބޮމުގެ މިހަމަލާ އާއެކު މިހާތަނަށް ލަންކާގެ 8 ސަރަހައްދަަށް މިއަދު މިވަނީ ބޮމުގެ ހަމަލާ ދީފައެވެ. ލަންކާގެ ނޫހެއްގައި ވާގޮތުން އެންމެ ފަހުން ބޮމުގެ ހަމަލާ ދީފައި ވަނީ ޑެމަޓަގޮޑާ ގެ މަހަވިލަ އުދްޔަނަ ރޯޑުގެ ހައުސިން ކޮމްޕްލެކްސް އަކަށެވެ.
މިއީ ލަންކާގެ މައި އެއާޕޯޓް، ބަންޑާރަ ނަޔަކަ އެއާޕޯޓާ ކައިރި ހިސާބެކެވެ.
މި ހަމަލާ ތަކުގައި މިހާރު 185 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތަށް މީހުންނެއް ވަނީ ޒަހަމް ވެފައެވެ. މިއަދު ހެނދުނު ލަންކާގެ 3 ޗާޗަކާއި ތިން ހޮޓަލެއްގައި ބޮން ގޮއްވާލާފައި ވަނީ ދާދި އެއް ވަގުތެއްގައެވެ. އޭގެ ފަހުން ލަންކާގެ ދެހިވަލާގައި ބޮން ގޮއްވާލާފައިވަނީ މެންދުރުގެ ވަގުތެއްގައެވެ.
މިހާތަނަށް މިތަނުން އެއްވެސް ހާދިސާއެއްގައި އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ ހަބަރެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫންގޮތަކަށް ލަނކާގައި ދިރިއުޅޭ ދިވެހިން ގެއިން ބޭރަށް ނުނިކުތުމަށް ލަންކާގައި ހުންނަވާ ދިވެހި އެމްބެސަޑާ ވަނީ އިލްތިމާސްކޮށްފައެވެ.