ދުނިޔެ

15 ދުވަސް: އިންޑިއާގެ ޓަނަލްގައި ތާށިވީ މީހުން ސަލާމަތްކުރުމަށް އަތުން ކޮންނަން ފަށައިފި

މުހައްމަދު އައުޒަމް

އިންޑިއާގެ ޓަނަލްގައި ތާށިވީ މީހުން ސަލާމަތްކުރުމަށް އަތުން ކޮންނަން ފަށައިފިއެވެ.

އިންޑިއާގެ އުއްޓަރަކްހެންޑް ސްޓޭޓްގައި ހުންނަ ޓަނަލެއް މަރާމާތު ކުރުމުގެ ތެރޭގައި ޓަނަލުން ބައެއް ވެއްޓި އެތަނުގައި 41 މީހުން ތާށިވިތާ 15 ދުވަސް ވެފައިވާ އިރު އެމަސައްކަތުގައި އެކި ގޮތްގޮތުން ދަނީ ކާމިޔާބު ވޭތޯ ބަލަމުންނެވެ.

ޓަނަލުން މީހުން ސަލާމަތް ކުރުމަށް ކުރިޔަށްގެންދާ އޮޕަރޭޝަނުގައި ދަނީ އެޓަނަލް ތޮރުފައިގެން މަސައްކަތް ކުރަމުނެނެވެ، ނަމަވެސް އެންމެ ފަހުން ވަނީ އެމީހުން ތޮރުފަން ބޭނުންކުރި އާލާތްތައް މައްސަލަ ޖެހިފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ބޮޑެތި ހިލަތަކާއި ގާތަކާއި ދަނގަނޑު ހުރި ސަރަހައްދަކަށް ވުމުން އެމަސައްކަތުގައި ބޭނުންކުރި އާލާތްތައް މައްސަލަ ޖެހި އެންމެފަހުން މިވަނީ އެމީހުން ސަލާމަތް ކުރުމަށް އަތުން ކޮންނަން ފަށައިފައެވެ.

އޮފިޝަލުން ވަނީ އާ މެޝިން ގެންނަންދެން މަޑު ނުކުރެވޭނެ ކަމަށާއި އަތުން ކޮންނަން ފެށީ އެކަމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ރެސްކިއުޓީމުގެ އޮފިޝަލުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އެ އެންމެން ސަލާމަތުން ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.