ދުނިޔެ

ދެ ކޮރެއާގެ ގުޅުން ގޯސްވެ ފަސް އަހަރުވީ އަސްކަރީ އެއްބަސްވުމެއް އުވާލައިފި

މުހައްމަދު އައުޒަމް

އުތުރު ކޮރެއާއާއި ދެކުނު ކޮރެއާގެ ގުޅުން ގޯސްވެ ދެ ގައުމުގެ ދެމެދު ހަދާފައިވާ ފަސް އަހަރުވީ އަސްކަރީ އެއްބަސްވުމެއް އުވާލައިފިއެވެ.

ދެ ކޮރެއާ ދެމެދު މައްސަލަ އެންމެ ބޮޑަށް ގޯސްވެފައިވަނީ އުތުރު ކޮރެއާއިން ކާމިޔާބުކަމާއެކީ ލޯންޗު ކުރި ޖާސޫސީ ސެޓަލައިޓުގެ ސަބަބުންނެވެ.

ޖާސޫސީ ސެޓަލައިޓު ލޯންޗު ކުރި މައްސަލާގައި ދެކުނު ކޮރެއާއިން ވަނީ ދެ ގައުމު ދެމެދު އެއްބަސްވެފައިވާ އަސްކަރީ ކަންކަމުގައި ލުއިދިނުމުގެ އެއްބަސްވުން އުވާލައި ދެ ކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އަލުން ސަވައިލެންސް ފްލައިޓްތަކުގެ ދަތުރުތައް ފަށަން ނިންމައިފައެވެ.

އެ ނިންމުމާ ގުޅިގެން އުތުރު ކޮރެއާއިންވެސް ވަނީ ދެކުނު ކޮރެއާއާއެކު އޮތް އަސްކަރީ އެއްބަސްވުން އުވާލައި، އެ ގައުމުގެ ސަލާމަތީ ބާރުތައް ބޯޑަރު ހިމެނޭ ސަރަހައްދަށް ޖަމާކުރަަން ނިންމައިފައެވެ.

އުތުރު ކޮރެއާއިން ޖާސޫސީ ސެޓަލައިޓް ލޯންޗު ކުރުމާއެކު ކޮރެއަން ޕެނިންސިއުލާގެ މަޝްރަހު ގޯސްވެފައިވާއިރު ދެ ގައުމުން ވަނީ އެ ގައުމެއްގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަކޮށް ބޮޑެތި ފިޔަވަޅުތައް އަޅައިފައެެވެ.