އެމްއެންޑީއެފް

ފަރަށް އަރާފައިވާ ދޯންޏަކުން ސާމާނުތަކެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ވ. އަތޮޅުގައި ފަރުމަސްވެރިކަން ކުރުމަށްފަހު މާލެއަށް ދަތުރުކުރި "މަގުލަސް" ނަމަކަށް ކިޔާ ދޯންޏެއް މާލެ އަތޮޅު ފުށިދިއްގަރުފަޅުގެ އިރުމަތީ ފަރާތު ފަރަށް އަރައި، އޭގައި ހުރި ބައެއް ސާމާނު އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ފަރަށް އެރުމުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ދަންވަރު 01:23 ހާއިރެވެ.

އެމްއެންޑީއެފް އިން ބުނީ ފަރުމަސްވެރިކަން ކުރާ 80 ފޫޓް ހުންނަ އެ ދޯނި، ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑަންގެ ޑައިވަރުންގެ ޓީމެއް ކޯސްޓްގާޑުގެ ލޯންޗުގައި ގޮސް، މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު، އެ ދޯނީގައި ފަސް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ހަތަރު ބިދޭސީންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެންއެންޑީއެފް އިން ބުނެއެވެ.

އެ ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ކުރަމުންނެވެ.