އެމްއެންޑީއެފް

ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލިމީހަކަށް ފަރުވާދިނުމަށް އެމްއެންޑީއެފުން ސ. ހިތަދޫއަށް ގެންގޮސްދީފި

ވިއެޓްނާމުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަލްޓާގެ "އެމްވީ ޖޭޑް ޑީ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ. ހިތަދޫއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުކަމުގައެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާ އެކު މި ބޯޓު ސ. ހިތަދޫގެ ދެކުނުން ދެ ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަަދަން އޭރިއާގެ ސިފައިން ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެެފް އުޅަނދަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފިލިޕީންސަށް އުފަން އުމުރުން 49 އަހަރުގެ އެ ފިރިހެން މީހާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ހަކުރާ" ލޯންޗުގައި ހިތަދޫއަށް ގެންގޮސްދީފައި ވަނީ ރޭ 4:45 ހާއިރުކަމަށާއި ސިއްހީ އަވަސް ފަރުވާ ދިނުމަށް އެ މީހާ ހިތަދޫއަށް ގެންގޮސްދީފައިވަނީ މެއަށް ތަދެއް އަރައި ނޭވާލާން އުނދަގޫ ވުމުންކަމުގައެވެ.