މުހައްމަދު އައުޒަމް
އިންޑިއާގެ ޓަނަލްގައި ތާށިވީ މީހުން ސަލާމަތް ކުރުމަށް ތައިލެންޑުގެ ކޭވް ރެސްކިއު ޓީމު އެހީއަށް އިންޑިއާއިން އެދިއްޖެއެވެ.
އުތުރު އިންޑިއާގެ ހިމާލިއަން ސްޓޭޓްގައި ހަދަމުން ދިޔަ ޓަނަލެއް ވެއްޓި އެތެރޭގައި 40 މީހުން ތާށިވިތާ ފަސްވަނަ ދުވަސް ގުނަން ފަށާފައިވާއިރު މީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތަކުން އަންނަނީ އަވަދިވެތި މަސައްކަތް ކުރަމުންނެވެ.
ތާށިވީ މީހުން ސަލާމަތް ކުރުމަށް އިންޑިއާގެ އޮފިޝަލުން މިހާރު ވަނީ ތައިލެންޑުގެ ކޭވެއްގައި 2018 ވަނަ އަހަރު 90 ގަޑިއިރަށްވުރެން ގިނަ އިރު ވަންދެން ތާށިވެފައި ތިބި ބަޔަކު ސަލާމަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޓީމުގެ ލަފަޔަށް އެދިފައެވެ.
އިންޑިއާގެ އޮފިޝަލުން ވަނި ނޯވޭގެ ކުންފުންޏެއްގެ އެހީވެސް ހޯދައިފައެވެ. އަދި މީގެ އިތުރުން އެހެން ގައުމުތަކުގެ އެހީ ހޯދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
މީހުން ސަލާމަތް ކުރުމަށް އެކި އުކުޅު ބަލަމުން ގެންދާއިރު ތާށިވެފައިވާ މީހުންގެ އާއިލާތަކުން ގެންދަނީ އެ ސްޓޭޓްގެ ސަރުކާރަށް ފާޑުކިޔައި ޕްރެޝަރު ކުރަމުންނެވެ.
ޓެކްނިކަލް ޓީމުތަކުން މަސައްކަތް އިތުރަށް ފުޅާކުރުމަށް އިންޑިއާގެ އެކި ސްޓޭޓްތަކުން ތަޖުރިބާކާރުން ވަނީ އެޓަނަލް ހިމެނޭ ސަރަހައްދަށް ޖަމާވެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ.