މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ ގާއިމްކުރި ''ދަރުމަ ކަމާކެމި'' ފަންޑުފޮށި ނައިބު ރައީސް ހުޅުވައިދެއްވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަންޑުފޮށި ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމުވަނީ ފަންޑަށް ފައިސާގެ އެހީވެދެއްވައިފައެވެ.
"ދަރުމަ ކަމާކެމި" ނަމުގައި ފެށި މިހަރަކާތުގައި މިސްކިތްތަކަށް އެހީވާން ބޭނުންވާ އާއްމުރައްޔިތުންނަށް އެފުރުސަތު ހުޅުވައިލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފަންޑުތައް ދިރުވައި އާލާކޮށް އެއަށް ފައިސާހޯދުމުގެ މަސައްކަތްވެސް މިހަރަކާތުގެ ތެރެއިން ކުރިއަށް ދާނެކަމަށް އެމިނިސްޓްރީން ބުންޏެވެ.
އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 9:00އިން ހަވީރު 5:30އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ.
އަދި މި ހަރަކާތުގެ ތެރެއިން ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ހަރަދުކުރާ ގޮތާއި ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަދަދުވެސް ހާމަކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމާއި، ޒަކާތަށް މީހުން ހޭލުންތެރިކުރުވުމަށްވެސް ހަމަޖެހިފައިވެއެވެ.