މިއީ އިޒްރޭލުގެ ހަމަލާތަކުގައި ގަޒާއިން ޝަހީދުވާ މީހުން ވަޅުލާން ކަފުންފުކާ މީހާގެ ވާހަކައެވެ. އަބޫ ސަހެރް އަލް-މަގެރީ އަކީ ގާޒާގެ އަލް އަގްސާ ހޮސްޕިޓަލުގައި މަރުވާ މީހުން ކަފުންކުރާ މީހާއެވެ. އުމުރުން 53 އަހަރުގެ އަބޫ ސަހެރް އެ މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެއެވެ.
ނަމަވެސް މިއީ އޭނާގެ ހަޔާތުގައި ކުރިމަތިި އެންމެ އުނދަގޫ ދަތި ދުވަސްވަރެވެ. މި ވާހަކަ އޭނާ ރޮމުން ކިޔައިދީފައި ވަނީ އަލް ޖަޒީރާއަށް ދިން އިންޓަވިއުއެއްގައެވެ.
ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އޭނާ ދުވާލަކު 20 ނުވަތަ 30 މީހުން ކަފުން ކުރާން ޖެހެއެވެ. ބައެއް ދުވަސްދުވަހު އެންމެ ގިނަވެގެންވެސް 50 ނުވަތަ 60 މީހުންނެވެ. ނަމަވެސް މިހާރު އެ ހާލަތު ތަފާތެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މަރުވެއެވެ. އަލް އަގސާ ހޮސްޕިޓަލަކީ ގާޒަގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެ ހޮސްޕިޓަލަށް މަރުވެފައިވާ ގިނަ އަދަދެއްގެ މީހުންނާއި ޒަހަމްވެފައިވާ މީހުންނެވެ.
އަބޫ ސަހެރް ކިޔައިދީފައިވާ ގޮތުން މިހާރު ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުން ކަފުންކުރަން ޖެހެއެވެ. ބައެއް ދުވަސްދުވަހު އެ އަދަދު 200 އިން މައްޗަށް އަރައެވެ. އިޒްރޭލުގެ ހަމަލާތައް ވަރުގަދަވާ ދުވަސްދުވަހު އެ އަދަދު މައްޗަށް ދެއެވެ.
އޭނާ ބުނީ ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް ގިނަ ޒަހަމްތަކެއް ހުންނަ ކަމަށެވެ. އަދި ބައެއް މީހުންގެ އަތްފައި ވަކިވެފައި ހުންނައިރު، ގައިގެ އެތަން މިތަން ކަނޑައިގެން ގޮސްފައި ހުންނަ ކަމަށެވެ. މިފަދަ މަންޒަރެއް މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ކަމަށް ބުންޏެވެ.
"އަހަރެން އެންމެ ދެރަވަނީ ކުޑަކުދީން ކަފުން ކުރަން. އެކުދީންވެސް ހުންނަނީ އަތްފައި ހަށިގަނޑާ ވަކިވެފަ، އެކުދީންގެ ހަށިގަނޑުން ވަކިވެފައި ހުންނަ ބައިތައް އެއްކޮށް ކަފުން ކުރެވޭތޯ އަހަރެން މަސައްކަތްކުރަން. މި ކުދީންގެ އޮތީ ކޮން ކުށެއް؟" އަބޫ ސަހެރް ކިޔައިދިނެވެ.
ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 8:00 އަށް އޭނާ ކުރާ މަސައްކަތަކީ އެއީއެވެ. އޭނާ ބަލަނީ ކޮންމެ ހަށިގަނޑެއްވެސް އޭނާއަށް ކުރެވޭ އެންމެ ރަނގަޅަކަށް ކަފުން ކުރެވޭތޯއެވެ. އޭނާ ބުނީ އެއީ ކޮންމެ އާއިލާއަކަށްވެސް އެ އާއިލާއެއްގެ މީހުން ވަޅުލުމުގެ ކުރިން ވަދާއީ ސަލާމް ކުރުމުގެ ހައްގު އޮންނާނެ ކަމަށް އޭނާ ގަބޫލުކުރާތީ ކަމަށެވެ. އަދި އެމީހުންގެ ވަދާއީ ސަލާމަށް ބައްދަލުވާން ވާނީ އެންމެ ރީތި ގޮތުގައި ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
އަބޫ ސަހެރްގެ 5 ކުދިން ތިބެއެވެ. އެނާ ބުނީ އެ ހޮސްޕިޓަލަށް ގެންނަ ހަށިތަކުގެ ތެރޭގައި އޭނާގެ އާއިލާގެ މީހަކު ނުވަތަ ދަރިޔަކު ހިމެނިދާނެ ކަމުގެ ބިރު އަބަދުވެސް އޮންނަ ކަމަށެވެ. މަސައްކަތުގައި އުޅޭއިރު އެމީހުންނަށް ގުޅައި، ހާލު ނުބެލޭ ކަމަށާއި، އެކަމާ ހިތް ނުތަނަވަސްވާ ކަމަށެވެ.
ނަމަވެސް ކޮންމެ ދުވަހަކުވެސް، ސިފަ ނޭނގޭ ވަރަށް ޒަހަމްތައް ހުންނަ އެތައް ސަތޭކަ މީހން ކަފުންކޮށް ނިންމައި ގެއަށް ދާއިރު މީހަކާ ވާހަކަ ދައްކާނެ ހިތްވަރުވެސް ނުހުންނަ ކަމަށް އަބޫ ސަހެރް ބުންޏެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 11،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 27،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.