ސިޔާސީ

އެންމެ ބިރުވެރި ވާހަކައަކީ ޓީވީއެމްއިން ނަތީޖާ އޮޅުވާލާނެ ވާހަކަ: މާރިޔާ

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ތެރެއިން އެންމެ ބިރުވެރި ވާހަކައެއްގެ ގޮތުގައި ދެކެވޭ ވާހަކައަކީ ދައުލަތުގެ މީޑިއާ ޓީވީއެމްއިން ނަތީޖާ އޮޅުވާލާނެ ވާހަކަ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިހާބާ ގުޅޭ ތެދު މައުލޫމާތު އަދިވެސް ހާމަކޮށްފައިނުވާތީ އެކި ގޮތްގޮތަށް ވާހަކަތައް ފެތުރެމުންދާ ކަމަށެވެ.

"އެންމެ ނުރައްކާ ތުހުމަތަކީ އިލެކްޝަންސް ކޮމިޝަނާއި ޓީވީއެމް ގުޅިގެން، ޓީވީއެމް މެދުވެރިކޮށް ވޯޓް ފޮށިތަކުގެ ނަތީޖާ ނުބައިކޮށް އިއުލާން ކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނާ ވާހަކަ. އެކަން އެމަގުން ނުހިނގާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދޭން ޖެހޭ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވޯޓް ގުނުމަށް ފަހު އީސީއިން ނެރޭ ޕްރިންޓް އައުޓެއް އިދިކޮޅު ޕާޓީތަކުން ގަބޫލުނުކުރާނެ ކަމަށާއި ވޯޓް ގުނަން ޖެހޭނީ އޮބްޒާވަރުންނާއި މޮނީޓަރުން އަދި ކެންޑިޑޭޓްގެ މަންދޫބުން ކުރިމަތީގައި ކަމަށެވެ. އަދި ނަތީޖާ އިއުލާން ކުރަން ޖެހޭނީ އަތުން ނަތީޖާ ޝީޓް ފުރިހަމަ ކުރުމަށްފަހު ވަގުތުން އެ ފޮއްޓެއްގެ ކައިރީގައި ކަމަށެވެ.

"އިލެކްޝަނުން ފެށުނީއްސުރެ ބުނަމުން ގެންދަނީ އިންތިހާބުގައި އަމަލު ކުރާނީ މީގެ ކުރިންވެސް ކަންކުރަމުން އައި އުސޫލުން ކަމަށް. އަޅުގަނޑު ހަމަ އެބޭފުޅުންނަށް ހަނދުމަކޮށްދޭން ބޭނުންވޭ އާންމު އިންތިހާބާ ބެހޭ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ)، 56 ވަނަ މާއްދާގެ (ހ) އަދި (ށ). އެ މާއްދާގެ (ހ) ގައި މި އޮންނަނީ އެ ވޯޓުލާ މަޒުކަޒެއްގައިކަން ގުނަންޖެހޭނީ. އިއުލާންކޮށް، އެތާނގައި ހިއްޕަން ޖެހޭނެ ކަމަށް. (ށ) ގައި މި އޮންނަނީ އިއުލާންކޮށް ހިއްޕުމަށްފަހު ލަސްނުކޮށް މާލޭގައި ހުންނަ އިލެކްޝަންސް ކޮމިޝަން އޮފީހަށް އެންގޭނެ އޭ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ވޯޓުލާ ކޮންމެ މީހަކުވެސް އެމީހަކު ވޯޓްލާ ކަރުދާސްކޮޅަކީ ސައްހަ ކަރުދާހެއްކަން އަމިއްލައަށް ދެނެގަތުމަށްޓަކައި ވޯޓުލުމުގެ ކުރިން ވޯޓުލާ މީހާގެ ހާޒިރުގައި ސަލާމަތީ ފީޗާސްތައް ޗެކުކޮށް، ވޯޓު ކަރުދާހަކީ ސައްހަ ކަރުދާހެއްކަން އީސީއިން ޔަގީން ކުރަން ޖެހޭ ކަމަށެވެ.

"ދެ ވައްތަރެއްގެ ސެކިއުރިޓީ ސިޓީއުރަތަކެއް ވެސް ގެންގުޅެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. އޭގެ ބޭނުމަކީ ބޭނުންވާ ނަތީޖާއެއް ގޮވާފައި، އެހެން ނަތީޖާއެއް އެ އުރަތަކަށްލުން ކަމަށް ވަނީ އަޑުފެތުރިފައި. މި ވާހަކަތަކުގެ ހަގީގަތާއި ސެކިއުރިޓީ ސިޓީ އުރަތަކުގެ ތަފްސީލު ވެސް އިލެކްޝަންސް ކޮމިޝަނުން ކިޔައިދޭން ޖެހޭ،" އިބޫގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާނު ވިދާޅުވިއެވެ.