ދުނިޔެ

ދެކުނު އެފްރިކާގެ ޓްރާންސްޕޯޓު މިނިސްޓަރަށް ބަޑިން ބިރުދައްކައި ފޭރިގެންފި

މުހައްމަދު އައުޒަމް

ދެކުނު އެފްރިކާގެ ޓްރާންސްޕޯޓު މިނިސްޓަރަށް ބަޑިން ބިރުދައްކައި ފޭރިގެންފިއެވެ.

ދެކުނު އެފްރިކާގެ ފުލުހުން ވަނީ އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރަށް ބަޑިން ބިރު ދައްކައި ފޭރިގެންފައިވަނީ އޭނާގެ ބޮޑީގާޑުންގެ ހާޒިރުގައި ކަމަށް ވެސް ބުނެފައެވެ. އެމީހުން ވަނީ ބޮޑީގާޑުންގެ އަތުން ވެސް ފޭރިގެންފައެވެ.

ދެކުނު އެފްރިކާގެ ޓްރާންސްޕޯޓު މިނިސްޓަރު ސިންދިސިވެ ޗިކުންގާއަށް ބިރު ދައްކާފައި ވަނީ ވެރިރަށް ޖޮހަނަސްބާގްގެ ދެކުނުން އޮންނަ އަވަށުގެ ހައިވޭއިން ދަތުރުކުރައްވަނިކޮށް، ކާރުގެ ޓަޔަރު މައްސަލަ ޖެހި ޓަޔަރު ބަދަލު ކުރުމުގައި ބޮޑީގާޑުން މަސައްކަތް ކުރި ވަގުތު ކަމަށް ފުލުހުން ބުނެއެވެ.

މިނިސްޓަރު ޗިކުންގާ ވަނީ އެހީއަށް އެދިވަޑައިގަތުމަށް އޭނާގެ ފޯނު ނަންގަވައި ގުޅުއްވަން މަސައްކަތް ކުރައްވާފައި ކަމަށާއި ނަމަވެސް، ފޭރެން އުޅުނު މީހުންނަށް އެ މަންޒަރު ފެނި ހުއްޓުވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި ޝައްކު ކުރެވޭ ބަޔަކު ހޯދަމުން އަންނަ ކަމަށް ބުނެފައެވެ. މިނިސްޓަރުގެ އަތުން އަގުބޮޑު ބައެއް ސާމާނުގެ އިތުރުން ބޮޑީގާޑުންގެ އަތުން ބަޑިތަކެއްވެސް އެމީހުން ފޭރިގެންފައިވާ ކަމަށް ބުނެފައެވެ.