އިމާދު ލަތީފު
އިޒްރޭލުގެ ޒަޔަނިސްޓުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޖަރީމާތައް ފޮރުވައި އިޒްރޭލުގެ މޫނު ގިރިޓީ ކުރެވޭތޯ ހުޅަނގުގެ ބޮޑެތި ބާރުތަކުން ކިތަންމެ ބުރަ މަސައްކަތްތަކެއް ކުރިއަސް ކާމިޔާބީއަކާ ހަމައަށް ދެވޭތަނެއް ނުފެނެއެވެ. އެގައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލަށް ތާއީދުކޮށް މަދަދުކުރިއަސް ހުޅަނގުގެ އާންމުންގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވުމާއި އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކުރުމުގެ އަޑުތައް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ގަދަވަމުންނެވެ. އެމީހުންގެ ޒަމީރު ދަނީ ހޭލަމުންނެވެ. މެދުއިރުމަތީގެ މައްސަލައިގެ އަސްލަކީ ކޮބައިތޯ ބަލައި ދިރާސާކުރުން ދަނީ އިތުރުވަމުންނެވެ. ހުޅަނގުގެ ނޫސްތަކާއި ރޭޑިއޯ ޓީވީތަކުން އިޒްރޭލު ގިރިޓީ ކުރުމުގެ ޕްރޮޕަގެންޑާ ކިތަންމެ ގިނައިން ފެތުރިއަސް ހަގީގަތް ދެނެގަތުމުގެ އޮއިވަރެއް ހުޅަނގުގެ ޒުވާނުންގެ ތެރޭގައި ވަނީ ގަދަވެފައެވެ. ހަގީގަތް އެނގެމުންދާ ވަރަކަށް ހުޅަނގުގެ ދެފުށްދެގޮތްކަމަށް ނަފްރަތު ކުރުންވެސް ދަނީ އިތުރުވަމުންނެވެ.
މިދެންނެވި އޮއިވަރަކީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ކަހަލަ ލީޑަރުންނަށް ނުހަނު ބޮޑު ބިރެކެވެ. ބިރަކަށްވާ ސަބަބަކީ އެމީހުންގެ ދޮގުތައް ރައްޔިތުން ބަލައިނުގަތުމުން ދެންކުރިމަތިލާންޖެހޭ ނުރައްކަލުގެ ބިރެވެ. ރިޝީ ސުނާކާއި ޖޯ ބައިޑެން ހުސްވި އޮކްޓޫބަރު މަހު އިޒްރޭލަށް ވަޑައިގެން އިއުލާން ކުރެއްވިއެވެ. މިއައީ އިޒްރޭލަށް ތާއީދުކުރާކަން ހާމަކޮށް ދެއްކުމަށްޓަކައެވެ. މީގެ ރައްދުގައި އެގައުމުތަކުގެ އާންމުން ސުވާލުކުރިއެވެ. ކޮންކަމަކަށް ކުރާ ތާއީދެއް ހެއްޔެވެ. ގަތުލުއާއްމަށް ކުރާ ތާއީދެއް ހެއްޔެވެ. އިޒްރޭލުން އެހެންކަމެއް ކުރާތީއެއް ނުފެނެއެވެ. ކުރާކަމަކީ ގާޒާއަށް ބޮންއަޅައި އާންމުން މެރުމެވެ. ތާއީދު ތިޔަކުރެވުނީ ގަތުލުއާއްމަކަށެވެ. ޓެރަރިޒަމަކަށެވެ. އިޒްރޭލުގެ ދިފާއަށޭ ކިޔާފައި ތިޔަ އޮއްސާ ހަތިޔާރުން ފަނާވަނީ ފަލަސްތީނުގެ އާއްމުންނެވެ. ތިޔަ އެހީވަނީ ޖަރީމާއަކަށެވެ. އިޒްރޭލުން ހިންގާ ޖަރީމާތަކުގައި ތިޔައީވެސް ބައިވެރިންނެވެ. މުޖުރިމުންނެވެ.
އިޒްރޭލަށް ހަތިޔާރުދީ ތާއީދުކުރާ ސަބަބުތަކާމެދު ޖަރުމަންވިލާތުގެ ޗާންސެލަރ އޮލާފް ޝޫޒް އާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވިއެވެ. އިޒްރޭލުން ހަނގުރާމަ އެކުރަނީ ޓެރަރިސްޓުންނާއެވެ. އެކަމަށް ވާގިވެރިވުމަކީ ތަހުޒީބު މުޖުތަމައުތަކަށް ލާޒިމު ކަމެކެވެ. އެގޮތުން އިޒްރޭލަށް ތާއީދުކޮށް މަދަދުކުރަނީއެވެ. މީގެ ރައްދުގައި އެގައުމުތަކުގެ ރައްޔިތުން އެބަބުނެއެވެ. ތިޔަބުނާ ޓެރަރިސްޓުންނަކީ ކުޑަކުދިންނާއި މާބަނޑު އަންހެނުން ހެއްޔެވެ. އެހެނީ އިޒްރޭލުގެ ހަމަލާތަކުގައި ގިނައިން މަރުވީ ކުޑަކުދިންނާއި މާބަނޑު އަންހެނުންނެވެ. ގާޒާއިން އެކަނިވެސް ހަތަރު ހާހަށްވުރެ ގިނަ ކުޑަކުދިން މަރައިފިއެވެ. ޓެރަރިސްޓުންގެ ކޮމާންޑް ސެންޓަރުތަކަކީ ހޮސްޕިޓަލްތަކާއި މަދަރުސާތައް ހެއްޔެވެ. އިޒްރޭލުން ގިނައިން ބޮންއަޅާކަމަށް ފެންނަނީ އެތަންތަނަށެވެ. ޓެރަރިސްޓުންގެ އާޓިލަރީ އާއި ޓޭންކަކީ ބަލިމީހުން އުފުލާ އެމްބިއުލާންސްތައް ހެއްޔެވެ. އިޒްރޭލުގެ ޕައިލެޓުން އެންމެ ގަޔާވެގެން ކުރާކަމަށް ފެންނަނީ އެމްބިއުލާންސްތަކަށް ހަމަލާދިނުމެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވިއެވެ. އިޒްރޭލަކީ ޑިމޮކްރަސީ އާއި ރޫލް އޮފް ލޯގެ ނަމޫނާއެކެވެ. އެހެންވީމާ އިޒްރޭލް ހިމާޔަތްކުރުމަކީ އެމެރިކާއިން ޝަރުތަކާނުލައި އަބަދުވެސް ކުރާނެ ކަމެކެވެ. އިއްޔެއާއި މިއަދުއެވެ. އަދި މާދަމާއެވެ. މީގެ ރައްދުގައި އެމެރިކާގެ ރައްޔިތުން އެބަބުނެއެވެ. ރޫލް އޮފް ލޯއަކީ ޓެރަރިޒަމްގެ ކުށުގައި ޝަރުއީ ކޯޓުތަކުން ހުކުމްޖަހާފައިތިބި މީހުން ކެބިނެޓުގައި ހިމެނުން ބާވައެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ކޮރަޕްޝަނުގެ އެތައް އެތައް ދައުވާތަކާއި ކުރިމަތިލާންޖެހިފައިވާ މީހެކެވެ. އޭނާގެ ކެބިނެޓްގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެން އިޒްރޭލުގެ ކޯޓުތަކުން ހުކުމް އިއްވާފައިވާ އެތައް ބަޔަކު އެބަހިމެނެއެވެ. ގައުމީ ސަލާމަތާބެހޭ މިނިސްޓަރު އިޓަމަރ ބެންގަވީރަކީ އޭގެތެރެއިން ޓެރަރިސްޓެކެވެ. ރޫލް އޮފް ލޯއަކީ ފަލަސްތީނު މީހުންގެ ގެދޮރު ބުލްޑޯޒަރުން ހަލާކުކުރުން ބާވައެވެ. ވަޒަނުން ނެރެ ފައްސައިލުން ބާވައެވެ. ޑިމޮކްރަސީއޭ ތިޔަކިޔަނީ އެޕާޓައިޑަށް ބާވައެވެ.
އިޒްރޭލަކީ މިއުޑުދަށުގައި މިހާރު އޮތް އެޕާޓައިޑް ހަމައެކަނި ދައުލަތެވެ. ފަލަސްތީނު މީހުންނަށް ވަކި ގާނޫނެކެވެ. ޔަހޫދީންނަށް ވަކި ގާނޫނެކެވެ. އެއްކުށެއް ކުރާ ދެމީހަކަށް ތަފާތު ދެ ހުކުމެކެވެ. ދެ މީހަކަށް ތަފާތު ދެ ހައްގެކެވެ. އެއަށްވެސް ތިޔަކިޔަނީ ޑިމޮކްރަސީ ހެއްޔެވެ. އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިޒްރޭލަށް ވަޑައިގެން ވިދާޅުވިއެވެ. މިއައީ އޮކްޓޫބަރު ހަތެއްގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލަ ކުށްވެރިކުރުމާއެކު އިޒްރޭލުގެ ދިފާއުގައި ކުރަންޖެހޭ ކަންކަމަށް ތާއީދުކުރާކަން ހާމަކުރުމަށްޓަކައެވެ. ހަމާސްއިން އެހިންގީ ނުބައިވެގެންވާ ޖަރީމާއެކެވެ. އެ ޖަރީމާއަށް ރައްދުދީ ހަމާސް ނައްތައިލުމުގެ ހައްގު އިޒްރޭލަށް އެބައޮތެވެ. މީގެ ރައްދުގައި އިޓަލީގެ އާންމުން ބުންޏެވެ. ކަމަނާއެވެ. ހަމާސްއިން އެކުރިކަމެއް ކުރީ ހަމަ މިހެން ތިބެފައި ހުސްކަމެއްގެ ތެރެއިން ބާވައެވެ. ފާއިތުވި ހަތްދިހަ އަހަރުގެ ތެރޭގައި ހަމަ ކޮންމެ ދުވަހަކު އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކު އެބަމަރައެވެ. އެބަހައްޔަރުކުރެއެވެ.
އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ގެދޮރު ބިމާހަމަކުރަނީއެވެ. އެއީ ކަމަކަށްނުވަނީތޯއެވެ. ތިޔަ ގާޒާއަކަށް އިޒްރޭލުން ހަމަލާދިނީ މިފަހަރު އަލަށްތޯއެވެ. ކަމަނާއެވެ. އެއީ އިޒްރޭލުން ދުވާލަކު ދެދަޅައަށް ކުރާ ކަމެކެވެ. ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ޖަރީމާއެއް ހިންގިއަސް ބަދަލު ހިފުމުގެ ހައްގު ނެތްކަމަށް ވަނީވިއްޔާ އެ ހައްގު އިޒްރޭލަށް އޮންނަންވޭ ހެއްޔެވެ. ބަދަލުހިފުމުގެ ހައްގު ނެތީ ހަމައެކަނި ފަލަސްތީނަށް ބާވައެވެ. ކަމަނާއެވެ. ފަލަސްތީނަކުން އިޒްރޭލުގެ ބިމެއް ފޭރިގަނެގެން ނޫޅެއެވެ. ފަލަސްތީނުގެ ބިންތައް ފޭރި އިސްތިއުމާރުކޮށްގެން އުޅެނީ އިޒްރޭލުންނެވެ. ޔުކްރޭނުގެ ރައްޔިތުންނަށް ހަތިޔާރު ދީފައި ކަލޭމެން އެބަބުނަމުއެވެ. ރޫސީންނާ ދެކޮޅަށް ތެދުވާށެވެ. އަޅުވެތިކަމާ ދެކޮޅަށް ތެދުވުމަކީ ތަބައީ ސިފައެކެވެ. ފަލަސްތީނާ ޖެހުނީމާ އެ ތަބައީ ސިފަ ޓެރަރިޒަމަކަށް ބަދަލުވީ ހެއްޔެވެ. ތިޔައީ އިންސާފެއް ނޫނެވެ. ތިޔައީ އަހަރެމެން ބަލައިގަންނާނެ ކަމެއް ނޫނެވެ. ހައްލަކީ ފަލަސްތީނުގެ މިނިވަން ދައުލަތެެއް އުފެދުމެވެ.