އިޒްރޭލުން ގާޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ބޮން އަޅައި 50 މީހަކު މަރާލައިފިއެވެ.
ޖަބާލިއާ ރެފިއުޖީ ކޭމްޕަކީ ގާޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕެވެ. އެ ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މަރުގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އެ ސަރަހައްދުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
އިޒްރޭލުން ބުނީ އެ ހަމަލާއަކީ ހަމާސްއަށް ދިން ހަމަލާއެއް ކަމަށެވެ. އެ ހަމަލާގައި ހަމާސްގެ އިސް ކޮމާންޑަރަކު މަރާލާފައިވާ ކަމަށް ބުންޏެވެ.
އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޓޭންކަރުތަކުގައި ގާޒާއަށް އަރައިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހަނގުރާމަ ހުއްޓާލަން ގޮވާލާ ގޮވާލުންތަކަށް އިޖާބަދިނުން ވާނީ ޓެރަރިސްޓުންނަށް އަމާންދިނުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވިއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 8،525 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 3،500 އަށްވުރެ ގިނަ ކުޑަކުދީން ހިމެނެއެވެ. ގާޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަގުމަތިވެފައިވާ ކަމަށް އދ. އާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް 1،400 މީހުން ވަނީ މަރުވެފައެވެ.