ދުނިޔެ

އދ.ގެ ސަލާމަތީ މަޖިލީހަކީ އިޒްރޭލުގެ ހިމާޔަތުގައި އެމެރިކާއިން ބޭނުންކުރާ އައްޑަނައެކެވެ.

އިމާދު ލަތީފު

އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ގާޒާ ސުންނާފަތިކޮށް ފަލަސްތީނުގެ ރައްޔިތުން މަރައި ހުސްކުރަމުންދާތާ ތިން ހަފުތާވީއެވެ. މި ގަތުލުއާއްމު ހުއްޓުވުމުގެ ގާނޫނީ ޒިންމާ ކޮނޑުގައި އެޅޭ ފަރާތަކީ އދ.ގެ ސަލާމަތީ މަޖިލީހެވެ. އެ މަޖިލީހުން ގަރާރެއް ފާސްކޮށް ތިޔަ ޖަރީމާ ހުއްޓައިލާށޭ އެންގީމާ އެޔަށް ތަބާވުމަކީ އިޒްރޭލަށް ލާޒިމު ކަމެކެވެ. ސަލާމަތީ މަޖިލީހުގެ އެންގުންތަކަށް ތަބާވުން އދ. ގެ މެންބަރު އެންމެހައި ގައުމުތަކަށް ލާޒިމްވާ ފަދައިންނެވެ. އެހެންނަމަވެސް ހިތާމައަކީ ގާޒާގެ ރައްޔިތުންގެ ތެރެއިން ހަތްހާހަށްވުރެ ގިނަ މީހުން ޝަހީދުވެ، ވިހިހާހަށްވުރެ ގިނަ މީހުން ޒަޚަމްވެ ނުކުޅެދޭ މީހުންނަށް ވެފައިވާއިރުވެސް އދ.ގެ ސަލާމަތީ މަޖިލީހަށް މި މައްސަލައިގައި އެއްޗެކޭ ނުބުނެވުމެވެ. ސަލާމަތީ މަޖިލީހަކީ އދ.ގެ އެންމެ މުހިންމު ގުނަވަނެވެ. އެ މަޖިލީހުގައި ތިބެނީ ފަނަރަ ގައުމެވެ. އެއިގެތެރެއިން ފަސް ގައުމަކީ ދާއިމީ މެންބަރުންނެވެ. ވީޓޯކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމެވެ.

ސަލާމަތީ މަޖިލީހުގައި ދެންތިބެނީ ވަކި މުއްދަތަކަށް އިންތިޚާބުކުރެވޭ ދިހަ ގައުމެވެ. އެއިން ގައުމަކަށް ވީޓޯކުރުމުގެ ބާރެއް ނޯވެއެވެ. އެބާރު އޮންނަނީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ރޫސީވިލާތް އަދި ޗައިނާއަށެވެ. ކުރިއަށްމިދާ އޮކްޓޫބަރުމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާއާ ދެކޮޅަށް ޒަޔަނިސްޓު ޖަރީމާތައް ކުރިއަށްދާއިރު މި މައްސަލައިގައި އެއްޗެއް ބުނެވޭތޯ، ނުވަތަ ގަރާރެއް ފާސްކުރެވޭތޯ ހަތަރު ފަސްފަހަރެއްގެ މަތިން ސަލާމަތީ މަޖިލިސް ބައްދަލުކޮށްފިއެވެ. އެތައް ގަޑިއިރަކަށް ބަހުސްކޮށްފިއެވެ. އެންމެފަހުން ހުސްވި ހަފުތާގެ ބުދަދުވަހު އެކަނިވެސް ދެފަހަރެއްގެ މަތިން ވޯޓަކަށް އަހައިފިއެވެ. އެކަމަކު ނަތީޖާ ސުމެކެވެ. އެއްވެސް ނިންމުމެއް ނުނިންމެއެވެ. ބުދަދުވަހު ފޭލްވި ދެ ގަރާރުގެ ތެރެއިން އެއްގަރާރަކީ އެމެރިކާއިން ހުށައެޅި ގަރާރެކެވެ. އޭގައި ބުނެފައިއޮތީ އިޒްރޭލުގެ ދިފާއުގައި ކޮންމެކަމެއްވެސް ކުރުމުގެ އިޚުތިޔާރާއި ހައްގު އިޒްރޭލަށް ލިބިގެންވާ ވާހަކައެވެ. ފަލަސްތީނަށް އެހައްގު ނެތްވާހަކައެވެ. މި ގަރާރު ވީޓޯކުރީ ރޫސީވިލާތާއި ޗައިނާއިންނެވެ.

ދެވަނަ ގަރާރަކީ ރޫސީވިލާތުން ހުށައެޅި ގަރާރެކެވެ. މީގައި ގޮވާލާފައިވަނީ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހަމަލާތައް ހުއްޓައިލުމަށެވެ. އާންމު ރައްޔިތުންގެ މުދަލާއި ފުރާނައަށް އިހުތިރާމް ކުރުމަށެވެ. ރޫސީންގެ މިގަރާރަށް ސަލާމަތީ މަޖިލީހުގެ ފަނަރަ މެންބަރުންގެ ތެރެއިން އަޣުލަބިއްޔަތެއް ނުލިބުނެވެ. އެހެންވީމާ އެމެރިކާގެ ވީޓޯއަކާވެސް އަދި ހުޅަނގުގެ އަނެއް ދެބާރުގެ ވީޓޯއަކާވެސް ކުރިމަތިލާކަށް ނުޖެހުނެވެ. އެއީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ. ފާސްކުރަން ބޭނުންވާ ވަރަށް ވޯޓު ލިބުނުނަމަ އެމެރިކާއިން މި ގަރާރު ވީޓޯކުރާނެކަން އޮތީ މާކުރިންވެސް ކަށަވަރުވެފައެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިފައިވާ ފަސް ގައުމުގެ ތެރެއިން އެއްވެސް ބަޔަކު އެބާރު ބޭނުންކޮށް ވީޓޯކުރަނީ ފާސްވާ އަދަދަށް ވޯޓު ލިބިފައިވާ ހާލަތުގައެވެ. ފާސްވާވަރަށް ވޯޓު ނުލިބެންޏާ ވީޓޯގެ ބޭނުމެއް ނެތުމުންނެވެ. އދ. ވުޖޫދުވިފަހުން މި ފަސް ގައުމު ވީޓޯގެ ބާރު ބޭނުންކޮށްފައިވާ ގޮތާއި ހާލަތަށް ބެލުމުން ފެންނާންއޮތީ މި ހަގީގަތެވެ.

ބުދަދުވަހު ރޫސީވިލާތުން ހުށައެޅި ގަރާރު އެމެރިކާއިން ވީޓޯ ނުކުރިއަސް، ނުވަތަ ވީޓޯގެ ބޭނުންކުރަން ނުޖެހުނަސް ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އެމެރިކާ ވަނީ މި މައްސަލައިގައި އެއްފަހަރު ވީޓޯގެ ބާރު ބޭނުންކޮށްފައެވެ. އެއީ އޮކްޓޫބަރު ހަތަކުން ފެށިގެން އެމެރިކާއިން މުތުލަގަށް ވީޓޯކުރި ފުރަތަމަ ގަރާރެވެ. ފަލަސްތީނުގެ އާއްމު ރައްޔިތުން މެރުން ހުއްޓައިލުމަށް އިޒްރޭލަށް ގޮވައިލާ މި ގަރާރަށް މިމަހު އަށާރަވަނަ ދުވަހު ވޯޓަށް އެހުމުން ސަލާމަތީ މަޖިލީހުގެ ފަނަރަ ގައުމުގެ ތެރެއިން ބާރަ ގައުމުން ތާއީދުކުރިއެވެ. ދެކޮޅުހެދީ ތިން ގައުމަކުންނެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންނެވެ. ގަރާރު ވީޓޯކުރީ އެމެރިކާއިންނެވެ. މިކަމުން އެނގުނީ ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައަކީ މި ތިން ގައުމުގެ ކުރިމަތީގައި އަގެއް ހުރުމަތެެއްހުރި އެއްޗެއް ނޫންކަމެވެ. އެހެންނޫންނަމަ ފަލަސްތީނުގެ ރައްޔިތުން ނުމެރުމަށް ގޮވައިލާ ގަރާރަކާ ދެކޮޅުހަދާކަށް ނުކެރުނީހެވެ. އެކަން އެމަގުން ނުކުރީހެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި އިޒްރޭލުގެ މަސްލަހަތާ ފުށުއަރާ ގޮތަށް އަދި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ބާރުލިބޭގޮތަށް ފާސްކުރަން މަސައްކަތްކުރެވޭ ގަރާރުތައް ވީޓޯކުރުމުގެ ވަރަށް ދިގު މާޒީއެއް އެމެރިކާއަށް ލިބިގެންވެއެވެ. އދ. ޖަމިއްޔާ 24 އޮކްޓޫބަރު 1945 ގައި ވުޖޫދުވިފަހުން އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި ޑްރާފްޓް ކުރެވުނު ޖުމްލަ 36 ގަރާރެއް ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން ތިން ގައުމަކުން ވަނީ ވީޓޯކޮށްފައެވެ. އޭގެތެރެއިން 34 ގަރާރު ވީޓޯކޮށްފައިވަނީ އެމެރިކާއިންނެވެ. ރޫސީވިލާތާއި ޗައިނާއިން ވަނީ ކޮންމެބަޔަކުވެސް އެއްފަހަރު ވީޓޯކޮށްފައެވެ. އެމެރިކާއިން ވީޓޯކުރި ގަރާރުތަކަކީ މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނައުމުގެ ގޮތުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށާއި ގެދޮރުން ބޭރުކުރެވިފައިވާ ފަލަސްތީނުގެ ރެފިއުޖީން އަލުން ވަޒަނަށް ރުޖޫއަކުރުމަށާއި ހިފާފައިވާ ބިންތަކުން އިިޒްރޭލް ސިފައިން ފޭބުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމަށާއި ހިފާފައިވާ ބިންތަކުގައި ޔަހޫދީން އާބާދުނުކުރުމަށް ގޮވައިލާ ގަރާރުތަކެކެވެ.

މިދެންނެވުނީ ހަމައެކަނި ފަލަސްތީނާއި ގުޅުންހުރި ގަރާރުތަކުގެ ވާހަކައެވެ. އަރަބި އެހެން ގައުމުތަކާ ގުޅުންހުރި ގަރާރުތަކުގެ ވާހަކަ އަދިއޮތީއެވެ. ކުރިން ދެންނެވި 34 ގަރާރުގެ އިތުރަށް އަދި އެހެން 12 ގަރާރެއްވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ. އޭގެތެރޭގައި ދެކުނު ލުބުނާނުން ފޭބުމަށް ގޮވައިލާ ގަރާރަކާއި ސީރިޔާގެ ގޯލާންގެ އުސްބިންތައް އިޒްރޭލުގެ ސަރަހައްދަކަށް ރަސްމީކޮށް ނުހެދުމަށް ގޮވައިލާ ގަރާރެއްވެސް ހިމެނެއެވެ. ގޯލާނަކީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ ސީރިޔާގެ ބިމެކެވެ. އެއީ ގަދަކަމުން ފޭރިގެންފައިވާ ބިމަކަށްވިޔަސް އެތަނުގެ މައްޗަށްއޮތީ އިޒްރޭލުގެ ސިޔާދަތީ ބާރާއި ހައްގުކަމަށް އެމެރިކާއިން ވަނީ 2019 ވަނަ އަހަރު ނިންމައިފައެވެ. މިކަންކަން މިހެންހުރީމާ ޔުކްރޭނުގެ ކްރައިމިއާ އާއި ޑޮންބާސް ސަރަހައްދުގެ މައްޗަށް ރޫސީންގެ ސިޔާދަތީ ހައްގެއްނެތޭ ކިޔައިގެން އެމެރިކާ އެދައްކާ ވާހަކަތަކަކީ އެކި ގައުމުތަކާމެދު އެކިގޮތް ގެންގުޅޭކަމުގެ ސާފު މިސާލެކެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ހިތަށްއެރި ގޮތަކަށް މާނަކުރާކަމުގެ ހެއްކެކެވެ. މިވަރުގެ ބަޔަކަށް ގާއިމްކޮށްދެވޭނެ އިންސާފެއް އޮންނާނެބާވައެވެ. ނޯންނާނެއެވެ.