އެމެރިކާއާއި އިނގިރޭސިވިލާތުން ސައުދީ އިންވެސްޓްމަންޓް ސަމިޓު ބޮއިކޮޓްކޮށްފިއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ސައުދީ އިންވެސްޓްމަންޓް ސަމިޓު ބޮއިކޮޓްކޮށްފައި މިވަނީ އިސްތަންބުލްގައި ހުންނަ ސައުދީ ކޮންސުލޭޓުގައި މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވެމުންދާ ސައުދީ ނޫސްވެރިޔާގެ މައްސަލައިގައި ސައުދީ ސަރުކާރުގެ އަތެއް ވާކަމަށް ބުނެއެވެ.
ސައުދީން ވަނީ ނޫސްވެރިޔާ މަރާލި ކަމަށް ކުރާ ތުހުމަތަށް އިންކާރުކޮށްފައެވެ. އަދި އިސްތަމްބޫލުގައި ހުންނަ ސައުދީ ކޮންސުލޭޓް ބަލާ ފާސްކުރުމުގެ މަގުފަހި ކޮށްދީފައިވާ ކަމަށް ސައުދީން ދަނީ ބުނަމުންނެވެ.
ސައުދީ އިންވެސްޓްމަންޓް ސަމިޓުގައި ބައިވެރިވާނެ ކަމަށް ކުރިން ބުނެފައިވާ ޖަރުމަނާއި ފްރާންސް އިންވެސް ފަހުން ވަނީ ބައިވެރިނުވާން ނިންމައިފައެވެ. އަދި ބައެއް ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން ވެސް ވަނީ އެބޭފުޅުން ސައުދީ ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.
އެމެރިކާގެ ފަރާތުން މި ސަމިޓުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ އެގައުމުގެ ސެކްރެޓަރީ އޮފް ޓްރެޒަރީ މުންޗިން އޭނާގެ ޓުވިޓާގައި ވިދާޅުވެފައިވަނީ އެގައުމުގެ ރައީސް ޓްރަމްޕްއާއި ސެކްރެޓަރީ އޮފް ސްޓޭޭޓް ޕޮމްޕިއޯއާ ބައްދަލުކުރެއްވުމަށް ފަހު ނިންމީ އެ ސަމިޓުގައި އެމެރިކާއިން ބައިވެރިނުވުމަށެވެ.
ސައުދީީ ނޫސްވެރިޔާގެ މަރުގެ މައްސަލައިގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ސައުދީއަށް ފާޑުކިޔަމުންނެވެ. އިންސާނީ ހައްގުތައް ރައްކާތެރި ކުރާ ޖަމާއަތްތަކުންވެސް ވަނީ އ.ދ އިން މި މައްސަލައިގެ ތެރެއަށް ވަދެ ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލައިފައެވެ.