ރެއާލް މެޑްރިޑް

ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް ބާސާއިން ބަލަނީ

ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް، ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނާ މައްސަލައެއް ބާސެލޯނާއިން ބަލަން ފަށައިފިއެވެ.

ރޭ ލުއިސް ކޮމްޕެނީގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯގައި ރެއާލްއިން ފަހަތުން އަރައި ބާސާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްގެ ޖޫޑް ބެލިންހަމް ދެ ގޯލު ޖަހާފައިވާ އިރު، އުމުރުން 23 އަހަރު ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

ވިނީޝިއަސްއަށް މީގެ ކުރިންވެސް ލީގުގައި ނަސްލީ ތަފާތުކުރުންތަކާ އެތައް ފަހަރަކު ކުރިމަތިވެފައިވާ އިރު، ރޭގެ މެޗުގައި ތަކުރާރުކޮށް ބާސާ ބައެއް ސަޕޯޓަރުން އޭނާއާ ދިމާކުރި ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ބާސާއިން ރޭގެ މެޗަށްފަހު ނެރުނު ބަޔާނެއްގައި ބުނީ ބާސާއަކީ ކްލަބުގެ އުސޫލުތަކާއި އަސާސްތައް އަބަދުވެސް ހިފަހައްޓާ ކްލަބެއް ކަމަށާއި އެކަމުގެ ތެރެއިން ނަސްލީ ތަފާތުކުރުމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. ވިނީޝިއަސްއާ ދެކޮޅަށް ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމަށް އަޅަންޖެހޭ ފިޔަވަޅަކަށް ފަސް ނުޖެހޭނެ ކަމަށްވެސް ބުންޏެވެ.

ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ސްޕެނިޝް ލީގުންވެސް ބުނެފައިވެއެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވިނީޝިއަސް ވަނީ ރަސްމީކޮށް، ގާތްގަނޑަކަށް ހަތް ވަރަކަށް މައްސަލަ ހުށަހަޅައިފައެވެ.