ދުނިޔެ

ހަގީގަތަށް ވާހަކަފުޅު ދެއްކެވީމާ އދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް ގޯސްވީއެވެ.

އިމާދު ލަތީފު

އދ. އާއި އިޒްރޭލުގެ މެދުގައި މިހާރުވަނީ ވަރަށް ބޮޑު ޑިޕްލޮމެޓިކް އަރައިރުމެއް ފެށިފައެވެ. ފަހަކަށްއައިސް ނުހިނގާ ކަހަލަ ސީރިއަސް އަރައިރުމެކެވެ. މި އަރައިރުމެއް ފެށުނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއްގައި މިހަފުތާގެ އަންގާރަދުވަހުގެ ރޭ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިރެޒް ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވިއެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާދިނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ސަބަބުތައް ބައިވަރެވެ. އެއީވެސް ރިއާޔަތްކުރަންޖެހޭ ކަންކަމެވެ. އަދިވެސް އޭނާ ވިދާޅުވިއެވެ. ހަމާސްގެ އަމަލު އަހަރެން ކުށްވެރި ކުރަމެވެ. އެހެނަސް ހަގީގަތަކީ ފަސްއަޅައި ފޮރުވޭނެ އެއްޗެއް ނޫނެވެ. ފަލަސްތީނުގެ ރައްޔިތުން އެތިބީ ނޭވާނުލެވޭ މިންވަރަށް އިސްތިއުމާރުގެ ކަސްތޮޅުން ބަނދެލައިފައެވެ. މި މުސީބާތް އެމީހުން ތަޖުރިބާކުރާތާ މިވީ އަހަރެއް ދެ އަހަރެއް ނޫނެވެ. މިވޭންތަކާއި ކެކުޅުންތަކަށް 56 އަހަރު ވެއްޖެއެވެ.

ގުޓިރެޒްއަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އޭނާއަކީ 2017 ވަނަ އަހަރުން ފެށިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލްއެވެ. މިހާރު ފުރިހަމަ ކުރައްވަމުން އެގެންދަވަނީ މަގާމުގެ ދެވަނަ ދައުރެވެ. އޭނާވަނީ 1995 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރުގެ ނިޔަލަށް ޕޯޗުގަލްގެ ބޮޑުވަޒީރުކަންވެސް ކުރައްވައިފައެވެ. އ.ދ ގެ ސެކްރެޓަރީ ޖެނެރަލްކަން ލިބިވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އދ.ގެ ރެފިއުޖީންނާބެހޭ ކޮމިޝަނަރުކަންވެސް ކުރައްވައިފައެވެ. ޕޯޗުގަލްގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރުކަންވެސް ކުރައްވައިފައެވެ. ގުޓިރެޒްގެ މިވިދާޅުވުމަކީ އެވަރުގެ ބޭފުޅަކު މީގެކުރިން ފާޅުގައި ވިދާޅުވެފައިނުވާ ކަހަލަ ވިދާޅުވުމެކެވެ. ހުޅަނގުގެ ބާރުތަކަށް ބިރުން އެކަހަލަ ވާހަކައެއް ބުނަން އެކަކަށްވެސް ނުކެރެނީއެވެ. ދެންއޮތް ސުވާލަކީ ގުޓިރެޒްގެ ބިރުފަހަނަޅައިދިޔައީ ހެއްޔެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލަކު މީގެކުރިން މިހާފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުނުވާ އެއްޗެއް ގުޓިރެޒް ވިދާޅުވީމާ ދެން ނަތީޖާ ފެންނާނީ ކޮންގޮތަކަށް ބާވައެވެ.

އިޒްރޭލުގެ ޖަރީމާތަކުގެ ވާހަކަ އެއްވެސް ބަޔަކު ދެއްކުމަކީ އިޒްރޭލަށް ކެތްކުރެވޭ ކަހަލަ ކަމެއް ނޫނެވެ. ގުޓިރެޒްއާ ދެކޮޅަށް މުޅި އިޒްރޭލް ތެދުވެގަތީ އަވަހަށެވެ. އދ.ގައި ހުންނަ އިޒްރޭލުގެ ސަފީރު ގިލާދު އަރްދާން ބުންޏެވެ. ހަމަމިހާރު ގުޓިރެޒް އިސްތިއުފާ ދެއްވަންވީއެވެ. އެކަން ނުކުރައްވާހާ ހިނދަކު އަހަރެމެން ދެން އދ.ގެ އޮފިޝަލުންނަށް ވިސާއެއްވެސް ނުދޭނަމެވެ. ގުޓިރެޒްގެ ވާހަކަފުޅަކީ ޓެރަރިޒަމަށް ހިތްވަރު ދެއްވުމެކެވެ. އިޒްރޭލް ދެމިއޮތުމަށް ދެކޮޅު ހެއްދެވުމެކެވެ. މި މައްސަލައިގައި އިޒްރޭލުގެ މިތުރުންކަމުގައިވާ އެމެރިކާ އާއި އިނގިރޭސިވިލާތުން ވަކިއެއްޗެއް އަދި ނުބުނެއެވެ. އެކަމަކު އާދައިގެމަތިން މިފަހަރުވެސް އިޚުތިޔާރު ކުރާނީ އިޒްރޭލުގެ ވިސްނުންކަމަށް ހީކުރެވެއެވެ. އެކަމަކު ގުޓިރެޒް މަގާމުން ވަކިކުރުމަކީ އެހާފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ރުހުން ބޭނުންވާނެއެވެ. ރަޝިޔާ އާއި ޗައިނާވެސް ހިމެނޭގޮތުންނެވެ. އެއީ ނުވާނެ ކަމެކެވެ.

ހުޅަނގުގެ ގައުމުތަކުން މި މައްސަލައިގައި އިޒްރޭލް ކޮޅަށް އެރިޔަސް ބުޅާ އެއޮތީ ގޯނިން ބޭރުވެފައެވެ. ދުނިޔޭގެ ދަރުބާރުގެ ކުރިމަތީގައި އިޒްރޭލްގެ އަމަލުތައް ގިރިޓީކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ގުޓިރެޒް ވިދާޅުވީ ދޮގެކޭ ބުނެވޭކަށްވެސް ނޯންނާނެއެވެ. އަންގާރަދުވަހުގެ ރޭ ސަލާމަތީ މަޖިލީހުން ބޭއްވި ބައްދަލުވުމަކީ ގާޒާގެ މައްސަލައިގައި ފާއިތުވި ތިން ހަފުތާ ތެރޭގައި ސަލާމަތީ މަޖިލީހުގެ ފަނަރަ މެންބަރުންގެ މެދުގައި ބޭއްވުނު ހަތަރުވަނަ ބައްދަލުވުމެވެ. މި ހަތަރު ބައްދަލުވުމަށް ދެ ގަރާރެއް ހުށައެޅި އެ ދެ ގަރާރުވެސް ވަނީ ފޭލްވެގެން ގޮސްފައެވެ. ފުރަތަމަ ގަރާރު ހުށައެޅީ ރަޝިޔާއިންނެވެ. އެ ގަރާރު ވީޓޯކުރީ އެމެރިކާއިންނެވެ. ދެވަނަ ގަރާރު ހުށައެޅީ ބްރެޒީލުންނެވެ. އެ ގަރާރު ވީޓޯކުރީވެސް އެމެރިކާއިންނެވެ. މިއިން ކޮންމެ ބައްދަލުވުމެއްގައި ގުޓިރެޒް ވަނީ އިޒްރޭލުގެ ހަމަލާތައް ނިމުމަކަށް ގެނައުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެކަމަކު ހުޅަނގާއި އިޒްރޭލުން އެވާހަކަތައް އަޑެއް ނާހައެވެ.

މިވާހަކަފުޅު މިގޮތަށް ދައްކަވަން އޭނާ ނިއުޔޯކުގެ ފިނިކުރި ކޮޓަރިއެއްގައި ހަމައެކަނި ހުންނަވަނީއެއް ނޫނެވެ. މިމަހު ވިހިވަނަ ދުވަހު މިސްރަށް ވަޑައިގެން މިސްރާއި ގާޒާގެ ބޯޑަރަށް ޒިޔާރަތް ކުރައްވައި އެހިސާބުގެ ހާލަތު ވަރަށް ގާތުން އޭނާ ވަނީ ބައްލަވައިފައެވެ. މިސްރުގެ ސިނާއީ އާއި ގާޒާގެ ބޯޑަރަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަޑައިގަތަސް ގާޒާގެ ތެރެއަށް ވަޑައެއް ނުގަންނަވައެވެ. ބޫންބޫންލައިފައި ގާޒާގެ މަތީގައި އުދުހެމުންދިޔަ އިޒްރޭލުގެ މަތިންދާބޯޓުތަކާއި ޑްރޯންތަކާއި ހެލިކޮޕްޓަރުތައް އޭނާ ދެކެވަޑައިގަތެވެ. އިޒްރޭލުގެ ބޮމާއި މިސައިލްތައް ގޮވާ އަޑު އެއްސެވިއެވެ. ގާޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ބިރުވެރިކަން އޭނާ އަމިއްލަފުޅަށްވެސް ތަޖުރިބާ ކުރެއްވިއެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ގުޓިރެޒް އަންގާރަދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅެއް ދެއްކެވީ މިކަންކަން އަމިއްލަފުޅަށް ބައްލަވައި ތަޖުރިބާ ކުރެއްވުމަށްފަހުގައެވެ. ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް ވަރިހަމަ ކުރައްވައިގެންނެވެ.

އެންޓޯނިއޯ ގުޓިރެޒްއަކީ އދ. ވުޖޫދުވި ފަހުން އެ ޖަމާއަތުގެ ނުވަވަނަ ސެކްރެޓަރީ ޖެނެރަލްއެވެ. މިސްރުގެ ބުތުރަސް ބުތުރަސް ޣާލީއާއި ގާނާގެ ކޯފީ އަނާން އާއި ދެކުނު ކޮރެޔާގެ ބާންކީ މޫންއާއި ބަރުމާގެ އޫތާންޓާއި ޕެރޫގެ ހާވިއާރ ޕެރޭޒް ޑިކުއޭލިއަރ ފަދަ ބޭފުޅުންވެސް ވަނީ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވައިފައެވެ. މީގެތެރެއިން ގުޓިރެޒް ނޫން ބޭފުޅަކު ފަލަސްތީނުގެ މުޖާހިދުންގެ ހަރަކާތްތަކުގެ ފަހަތުގައި ގައުމީ ސަބަބުތަކެއް ހުރިކަމަށް ވިދާޅުވެފައެއް ނުވެއެވެ. އެބޭފުޅުންނަށް އެކަން އެނގިވަޑައިގެން ތިއްބެވުމާވެސް އެކީގައެވެ. ދެންއޮތީ އިޒްރޭލުގެ ދިފާއުގައި ގުޓިރެޒްއާ ދެކޮޅަށް އެމެރިކާ ތެދުވެގަތުމެވެ. އެމެރިކާއަކީ އދ. ގެ އެންމެ ބޮޑު ޑޯނަރެވެ. އދ. ގެ ބަޖެޓަށް އެމެރިކާއިން ހޭދަކުރާ ފައިސާ ހިފަހައްޓައި އދ. ގެ ކަރަށް ފިތައިލުމަކީ އައުކަމެއް ނޫނެވެ. އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕު ހުންނެވި ޒަމާނުގައިވެސް މިއީ އދ. ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. އެހެންވީމާ އަލަކުން ކުރާނެ އައު ތަޖުރިބާއެއް ނޯންނާނެއެވެ.