ދުނިޔެ

ހަމާސްއިން ރަހީނު ކޮށްފައި ތިބި އިތުރު 2 މީހަކު ދޫކޮށްލައިފި

އައިޝަތު އަފްޝަން

ހަމާސްއިނުކޮށްފައި ތިބި އިތުރު ދެމީހުން ދޫކޮށްލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ހަމާސްއިން ދޫކޮށްލާފައި ވަނީ 85 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި އެމީހުން ދޫކޮށްލީ އިންސާނީ ސަބަބުތަކާއި ސިއްހީ މައްސަލަތަކުގެ ސަބަބުން ކަމަށް ހަމާސްގެ އަސްކަރީ ގޮފީގެ ތަރުޖަމާނަކު އެމީހުން ޓެލެގްރާމް ޗެނަލުގައި ބުނެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމާސްއިން ދޫކޮށްލި ދެ މީހުންނަށް ޓެލް އަވީވްގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދާއިރު، މިހާރު އެމީހުންގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމާސްއިން 200 މީހަކު ރަހީނުކޮށްފައި ވާއިރު، މިދިޔަ ހުކުރު ދުވަހުވެސް 2 މީހަކު ދޫކޮށްލާފައި ވެއެވެ. ހުކުރު ދުވަހު ދޫކޮށްލާފައި ވަނީ އެމެރިކާގެ ދެމީހުންނެވެ.

ހަމާސްއިން އެ 4 މީހުންވެސް ދޫކޮށްލާފައި ވަނީ ގަތަރުން މީޑިއޭޓު ކުރުމަށް ފަހުގައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ދަނީ އިޒްރޭލުން ރާވާފައިވާގޮތަށް ގާޒާއަށް އަރައިގަތުން މަޑުޖައްސަލައިލުމަށް އެދެމުންނެވެ. އަދި އެއީ ރަހީނުކޮށްފައި ތިބި އިތުރު މީހުން ދޫކޮށްލާނެ ކަމުގެ އުންމީދުގައި ކަމަށް ބުންޏެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 5،087 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ހަމާސްގެ ހަމަލާތަކުގައި 1،400 އަށްވުރެ ގިން މީހުން ވަނީ މަރުވެފައެވެ.