ޓޮމް ކްރޫޒްގެ މަގްބޫލު ފިލްމު މިޝަން: އިމްޕޮސިބަލް - ޑެޑް ރިކޮނިންގެ ދެވަނަ ބައި ރިލީސްކުރުން 2025 ވަނަ އަހަރަށް ފަސްކޮށްފިއެވެ.
މި ފިލްމު ކުރިން އަންނަ އަހަރު ޖޫން 28 ގައި ރިލީސްކުރަން ހަމަޖައްސާފައިވީ ނަމަވެސް ރިލީސްކުރާ ތާރީހު ފަސްކޮށްފައިވަނީ ހޮލީވުޑްގައި މުޒާހަރާ ކުރަމުންދާތީ ޕްރޮޑަކްޝަން ބަންދުވެފައިވާތީއެވެ.
ފިލްމުގެ ފުރަތަމަ ބައި މިއަހަރު ޖުލައި ރިލީސްކޮށްފައިވާ އިރު އެއަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިފައެވެ. ފިލްމަށް 567.5 މިލިއަން ޑޮލަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ލިބިފައެވެ.
ފިލްމުގައި ޓޮމް ކްރޫޒުގެ އިތުރުން ހެއިލީ އެޓްވިލް، ސައިމޮން ޕެގް، ވިންގް ރެއިމްސް އަދި ވެނީސާ ކާބީ ފެނިގެންދާނެއެވެ.
ހޮލީވުޑްގެ މުޒާހަރާގެ ސަބަބުން ޕަރަމައުންޓް ޕިކްޗާސްގެ ފަރާތުން އުފައްދާ ގިނަ ފިލްމުތަކެއް ވަނީ ރިލީސްކުރާ ތާރީހަށް ބަދަލު ތަކެއް ގެނެސްފައެވެ. އެގޮތުން ސްޕޮންޖު ބޮބް ސްކުއާޕޭންޓްސް 2025 ގެ މެއި ގައި ރިލީސްކުރުމަށް ހަމަޖައްސާފައިވީނަމަވެސް މިހާރުވަނީ އެއަހަރު ޑިސެމްބަރަށް ބަދަލު ކޮށްފައެވެ.