ދުނިޔެ

ރަފާ ބޯޑަރު ހުޅުވައި، ގާޒާއަށް އެހީ ވައްދަން ފަށައިފި

މިސްރުގެ ރަފާ ބޯޑަރު ހުޅުވައި، ގާޒާއަށް އެހީގެ ގާފިލާތައް ވައްދަން ފަށައިފިއެވެ.

ރަފާ ބޯޑަރު ހުޅުވާނެ ވަގުތެއްގެ އިންތިޒާރުގައި ބޯޑަރު ކައިރީގައި ޓްރަކްތައް މަޑުކޮށްގެން ތިބޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ބޯޑަރު ހުޅުވުމަށް ބާރު އެޅުމުގެ ގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް، އިއްޔެ ވަނީ ބޯޑަރު ކައިރިއަށް ވަޑައިގެންފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ބޯޑަރު ހުރަސްކުރުމުގެ ފުރުސަތު ދީފައިވަނީ އެންމެ 20 ޓްރަކަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ހަތަރު ޓްރަކެއް ހިމެނެއެވެ. އެހީގެ ޓްރަކްތަކުގައި ގިނައީ ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނާއި ދަޅުގައި ބަންދުކޮށްފައި ހުރި ކާއެއްޗެއްސެވެ. ނަމަވެސް ފެނާއި ތެލެއް ނުހިމެނެއެވެ.

ޑަބްލިޔުއެޗްއޯއިން ގާޒާއަށް ވައްދާ ޓްރަކުގައި ހިމެނޭ ތަކެތި:

  • 1،200 މީހަކަށް ޓްރޯމާ ފަރުވާ ދެވޭނެ ސާމާނު
  • 235 މީހަކަށް ވަގުތުން ޓްރޯމާ ފަރުވާ ދެވޭނެ ސާމާނު
  • 1،500 މީހަކަށް ކްރޮނިކް ބަލިތަކަށް ފަރުވާ ދެނޭވެ ސާމާނު
  • 300،000 މީހަކަށް އާދައިގެ ފަރުވާ ދެވޭނެ ސާމާނު