ދުނިޔެ

ހަމާސްއިން ރަހީނުކޮށްފައި ތިބި އެމެރިކާގެ ދެ މީހަކު ދޫކޮށްލައިފި

އައިޝަތު އަފްޝަން

ހަމާސްއިން ރަހީނުކޮށްފައި ތިބި އެމެރިކާގެ ދެ މީހަކު ދޫކޮށްލައިފިއެވެ.

އިޒްރޭލާއި ހަމާސްގެ ހަނގުރާމަ ފެށުނީއްސުރެ، އިޒްރޭލުގައި ތިބި އެމެރިކާގެ 10 މީހަކު ނުފެނިފައިވާ ކަމަށް އެމެރިކާއިން މީގެ ކުރިން ބުނެފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަކަން އެނގިފައިވާ ކަމަށްވެސް އެމެރިކާއިން ބުންޏެވެ.

ހަމާސްއިން ދޫކޮށްލި ދެ މީހުންނަކީ މަންމައަކާއި އޭނާގެ ދަރިފުޅު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ދެމީހުން ދޫކޮށްލާފައި ވަނީ ގަތަރުން މީޑިއޭޓް ކުރުމަށްފަހުގައެވެ. އެ ދެ މީހުން މިހާރު ތިބީ އިޒްރޭލުގެ ބެލުމުގެ ދަށުގައި އެ ގައުމުގައި ކަމަށް އެމެރިކާއިން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ހަމާސްއިން އެ މީހުން ދޫކޮށްލީ އެ މީހުންނަނީ އައިސިސް ފަދަ ބައެއް ނޫން ކަމަށް އިޒްރޭލަށް އަންގައިދޭށެވެ. އަދި އެ މީހުން ދޫކޮށްލުމުން ހަމަލާތަކަށް ލުޔެއް ދޭނެ ކަމުގެ އުންމީދުގައެވެ.

ރަހީނުކޮށްފައިވާ އިތުރު މީހުން ދޫކޮށްފާނެ ކަމުގެ އުންމީދުގައި އިޒްރޭލުން ގާޒާއަށް އެއްގަމު މަގުން އަރައިގަތުމަށް ރާވާފައިވާ ރޭވުން މަޑުޖައްސާލުމަށް އެދޭ ކަމަށް ދޭހަވާ ގޮތަށް ޖޯ ބައިޑެން ވާހަކަ ދައްކަވާފައިވާއިރު ވައިޓް ހައުސްއިން ފަހުން ވަނީ ބައިޑެން ވާހަކަފުޅު ދެއްކެވީ އެ މޭރުމުން ނޫން ކަމަށް ބުނެފައެވެ.

އަދި ބައިޑެން ހަމައެކަނި ވިދާޅުވީ ރަހީނުކޮށްފައި ތިބި އިތުރު މީހުން ދޫކޮށްލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކަމަށް ބުންޏެވެ.

ހަމާސްއިން 200 މީހުން ރަހީނުކޮށްފައި ތިބި ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމައިގައި ފަލަސްތީނުން މިހާތަނަށް 4،137 މީހުން ޝަހީދުވެފައިވާއިރު އޭގެ 70 ޕަސެންޓަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވަނީ 1،400 މީހުންނެވެ.