އިންޑިއާއިން 2040 ވަނަ އަހަރު ހަނދަށް އިންސާނުން ފޮނުވާން ނިންމައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން ވަނީ އިންޑިއާއިން ފަށާ ޖައްވީ ހާއްސަ ޕްރޮގްރާމް "ގަންގަންޔާން"ގެ މައުލޫމާތު ބޮޑު ވަޒީރަށް އަރުވާފައިވާ ކަމަށް ބުނެފައެވެ.
އިންޑިއާއިން ފަށާ "ގަންގަންޔާން" ޕްރޮގްރާމްގައި އެ ގައުމުން ވަނީ 2035 ވަނަ އަހަރު އަންނަންވާއިރަށް ޖައްވުގައި އިންޑިއާގެ އަމިއްލަ ސްޓޭޝަނެއް ގާއިމްކޮށް ހަނދަށް އިންޑިއާގެ އެސްޓްރަނައުޓުން 2040 ވަނަ އަހަރު ފޮނުވުމަށް ނިންމާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އިންޑިއާއިން ވަނީ ވަރުގަދަ 20 ޓެސްޓެއް ކުރިޔަށް ގެންދިއުމަށް ނިންމައިފައެވެ. މީގެ އިތުރުން ހަނދަށް ހާއްސަ އުޅަނދުތަކެއް ފޮނުވުމަށް ރާވާފައިވާކަމަށް ބުނެފައެވެ.
މިދިޔަ އޮގަސްޓް މަހު އިންޑިއާއިން ވަނީ ހަނދުގެ ދެކުނު ތަނޑީގައި އެ ގައުމުގެ ހަނދުގެ ހާއްސަ މިޝަން ޗަންދްރިއާންގެ އުޅަނދު ތިރިކޮށް އެ މިޝަން ކާމިޔާބުކަމާއެކީ ނިންމާލާފައެވެ.
އިންޑިއާއިން މިދިޔަ މަހު ވަނީ އިރުގެ ހާއްސަ ތަހުލީލުތަކެއް ކުރުމަށް އަދިތިޔާ އެލް1 ނަމުގެ ހާއްސަ އުޅަނދެއް ވެސް ޖައްވަށް ފޮނުވާލާފައެވެ.