ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މިއަދު ބަންގްލަދޭޝް ކައިރިން ރާއްޖެ ބަލިވީ ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވިގެން ކަމަށް ރާއްޖޭގެ ކޯޗު އަލީ ސުޒައިން ބުނެފިއެވެ.
ރާއްޖެއާއި ބަންގްލަދޭޝް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗު 1-1 އިން އެއްވަރުވީ ބަންގްލަދޭޝް އިން ފަހު މިނެޓުގައި ގޯލު ޖަހައިގެންނެވެ. އެއީ ބަންގްލަދޭޝް އިން ރާއްޖޭގައި އެއްވަރުވި ފުރަތަމަ ފަހަރެވެ. ދެވަނަ ލެގުގައި މިއަދު ހަވީރު ރާއްޖެ އާއި ބަންގްލަދޭޝް ބަޝުންދަރާ އެރީނާގައި ވާދަކޮށް، އެ މެޗު 2-1 އިން ކާމިޔާބުކުރުމާއެކު، އެޓީމުން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖަށް ކޮލިފައިވީ އެގްރިގޭޓް 3-2 ގެ ނަތީޖާއަކުންނެވެ.
ބަންގްލަދޭޝްއިން ކޮލިފިކޭޝަން ގްރޫޕްގައި އޮސްޓްރޭލިޔާ އާއި ލުބުނާން އަދި ފަލަސްތީނާ އެއް ގްރޫޕެއްގައި ހިމެނިފައިވާ އިރު، ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ އަހަރު މާޗު މަހުން ފެށިގެން ޑިސެމްބަރާ ހަމައަށް ކުރިއަށްދާނެއެވެ. އެ ގްރޫޕްގައި ހަ މެޗު ކުޅެލަން ލިބުމަކީ ބަންގްލަދޭޝްއަށް ބޮޑު ފުރުސަތެކެވެ.
މިއީ މި ފަހަކަށް އައިސް ރާއްޖެއަށް ބަންގްލަދޭޝް ކައިރިން ސަލާމަތްނުވެވި ދިޔަ ތިންވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭގެ ކުރިން ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕްގައިވެސް ރާއްޖެ ބަންގްލަދޭޝް ކައިރިން ބަލިވެފައިވާ އިރު، މެޗަށްފަހު ވާހަކަ ދައްކަމުން ސުޒައިން ބުނީ ބަލިވީ ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށެވެ.
"ފުރަތަމަ ކަމަކަށް ބަންގްލަދޭޝްއަށް މަރުހަބާ ކިޔަން. މިއީ ބޮޑު މޮޅެއް އެގައުމަށް. ޓީމަށް ދިމާވި މައްސަލައަކީ އެތައް ފުރުސަތެއް ލިބި ގޯލު ނުޖެހުން. މިއަދުގެ މެޗުގައި ބަންގްލަދޭޝްއިން ކުޅުންތެރިޔަކު މަދުކޮށް ގިނަ ވަގުތު ކުޅުނުއިރުވެސް އަހަރެމެންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ގޯލެއް ނުޖެހުނު. އެއީ ދިމާވި މައްސަލައަކީ ޓީމަށް. މި މެޗުގައިވެސް އަދި މާލޭގައި ކުޅުނު މެޗުގައިވެސް ދިމާވީ އެ މައްސަލަ. އަހަރެމެން ގަބޫލުކުރަން ބަންގްލަދޭޝް ކުޅުނީ ވަރަށް އޮގަނައިޒް ފުޓުބޯޅައެއްކަން. ގޭމް ޕްލޭނެއްވެސް އޮތް އެޓީމުގެ. މިއީ ފުޓުބޯޅަ،" ސުޒައިން މެޗަށްފަހު ބުންޏެވެ.
މިއަދުގެ ޕޯސްޓް މެޗު ޕްރެސްގައި ބަންގްލަދޭޝްގެ ނޫސްވެރިން، ދެގައުމުގެ ފުޓުބޯޅަ ފެންވަރާއި، ސަރަހައްދީ ފުޓުބޯޅައިގެ މަގާމާ ގުޅޭގޮތުން ސުޒައިނާ ސުވާލުކުރުމުން، ރާއްޖެއަށްވުރެ ބަންގްލަދޭޝް ދަރަޖައެއް މަތި ކަމަށް ގަބޫލުކުރަން ސުޒައިން ވަނީ އިންކާރު ކޮށްފައެވެ.
"އަހަރެމެން މި އަޅާކިޔާ ކިޔުމެއް އަހަންނަކަށް އަސްލު ނުވިސްނޭ. ބަންގްލަދޭޝްއާއި ރާއްޖޭގެ ފުޓުބޯޅަ އަޅާ ކިޔައި، ބަންގްލަދޭޝް މާ މަތީ ލެވެލްއެއްގައި އޮތް ކަމަށް ބުނާ ބުނުން އަހަންނަކަށް ސާފެއް ނުވޭ. ދެގައުމު އޮތީ އެއް ހަމައެއްގައި. އަހަރެމެންގެ ދުވަހެއްގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކުރާނެ،" ސުޒައިން ބުންޏެވެ.
ސުޒައިން ވަނީ ބަންގްލަދޭޝްއިން 2003 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ހޯދުމާއި، އޭރުންސުރެ މިއަދާ ހަމައަށް ދިވެހި ފުޓުބޯޅައިން ބަންގްލަދޭޝް މައްޗަށް ކުރި ހޯދަމުން އައި އައުން ފާހަގަކޮށްފައެވެ. ސުޒައިން ބުނީ އޭރުވެސް، މިހާރުވެސް ބަންގްލަދޭޝްގައި އޮތީ ރަނގަޅު ފެންވަރެއްގެ ޓީމެއް ކަމަށާއި، މިހާރު އޮތް ޓީމުގެ ސްޓައިލް ދަމަހައްޓަމުން އަންނަ ކަމަށެވެ.