ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ނޫސްވެރިންނަށް ފާޑުކިޔަމުން ސުޒައިން ބުނީ "އަދި ނުނިމޭ ކަމަށް"!

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ދެވަނަ ލެގުގައި ނަތީޖާ ނެރެވޭނެ ކަމަށް ރާއްޖޭގެ ކޯޗު އަލީ ސުޒައިން ބުނެފިއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ކޮލިފިކޭޝަންގައި ކުޅޭ ދެވަނަ މެޗު މި މަހުގެ 17 ވަނަ ދުވަހު އޮންނާނީ ބަންގްލަދޭޝްގެ ސިލްހެޓްގެ ބަޝުންދަރާ އެރީނާގައެވެ. މިއަދުގެ މެޗުން ބަންގްލަދޭޝް އިން ރާއްޖެ ކައިރިން ފަހު ވަގުތު އެއްވަރުކުރި އިރު، މިއީ ބަންގްލަދޭޝް އިން ރާއްޖެ ދަނޑުގައި އެއްވަރުކުރި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ސުޒައިން ބުނީ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރާ ކަމަށާއި ގޯސް ހެދުނީ އޭނާގެ ފަރާތުން ކަމަށެވެ.

"އޯޕަން މެޗެއް ފެނިގެން ދިޔައީ. ދެ ޓީމުންވެސް ކުޅެ، ގޯލު ޖަހަން ފުރުސަތު ހޯދައި، މޮޅުވާން ދެ ޓީމުންވެސް ކުޅުނީ. އަހަރެމެން ފުރުސަތުތަކެއް ތަނަވަސްކޮށް، ގެއްލެންވެސް ގެއްލުނު ފުރުސަތުތަކެއް. އެ މީހުންގެ ފުރުސަތުތަކެއްވެސް ފެނުނު. އެހެން ގޮސް، އަހަންނަށް ގޯސްތަކެއް ހެދުނީ. ކުޅުންތެރިންނެއް ނޫން ގޯސްތަކެއް ހެދީ. އަހަރެން ގޯސް ހެދީ،" ސުޒައިން ބުންޏެވެ.

ސުޒައިން ބުނީ ދެވަނަ ލެގުގެ މެޗު އަދި އެބަ އޮތް ކަމަށާއި މިއީ ނަތީޖާ ކަނޑައެޅުނީ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"މި ނިމުނީއެއް ކަމަކަށް ގަބޫލެއް ނުކުރަން. ޑާކާގައި ފުޓްބޯޅަ ކުޅޭ ހާލަތެއް އޮވެއްޖެ ނަމަ، ހަމްޕު ވަން އޮން ވަންގައި ކުޅުންތެރިން ބީޓް ކުރާނެ. ސެންޓޭއަށް ލިބޭ ފުރުސަތުތައް ޕޮސިޓިވްކޮށް ދާނީ. ދެން މި ތިބަ އައިސަމްމެންވެސް އެ ކުޅޭ ގޮތަށް ކުޅޭނެ. އެހެން ނަމަވެސް ފުޓްބޯޅަ ކުޅޭ ހާލަތެއް ނެތް ތަނެއްގައި ނަތީޖާ ނުކުންނާނެ ގޮތެއް ދަންނަވާކަށް ނޭނގެ. ރަނގަޅު ދަނޑެއްގައި ކުޅެފިއްޔާ، ގެއްލުމެއް އޮތް ކަމަކަށް ނުދެކެން ރާއްޖެއަކަށް،" ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށްވެސް ހުރި ސުޒައިން ބުންޏެވެ.

ރާއްްޖޭގެ ފުޓްބޯޅައިގެ ހާލަތާ ގުޅޭ ގޮތުން ސުޒައިން ބުނީ މިހާރު ހާލަތު އޮތް ގޮތް މެޗުގެ ކުރިންވެސް އެނގޭ ކަމަށާއި ދެރަވީ ނޫސްވެރިންގެ ފަރާތުންވެސް ބޭނުންވާ އެއްބާރުލުން ނުލިބުނީމަ ކަމަށެވެ. އޭގެ އިތުރުން ސުޒައިން ބުނީ ފުޓްބޯޅަ ދެކެ ލޯބިން ފުޓްބޯޅައަށް ކުރި ކަމެއް މިދިޔަ ދެތިން ދުވަހު ނުފެނުނު ކަމަށާއި މައްސަލަތައް ފާހަގަކުރުމުން ޑީމޯޓިވޭޓްވި ކަމަށެވެ.

ސުޒައިންގެ އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިންވެސް ވަނީ ބައެއް ވާހަކަތައް ދައްކައިފައެވެ. އެގޮތުން ނޫސްވެރިންގެ ފަރާތުން ބުނީ މެޗުގެ ކުރިން މެޗު ޕްރޮމޯޓް ކުރަން އަމިއްލައަށް ކަންކަން ރޭވުމުންވެސް މެޗުގެ މައުލޫމާތުތައް އެފްއޭއެމަށް ނުދެވުނު ކަމަށާއި މެޗަށް ވަންނަ ފާސްވެސް ދެވުނީ މިއަދު ދަނޑަށް ދިއުމުން ކަމަށެވެ.