ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ފެށުން ރަނގަޅު ކުރުން މުހިއްމު، އެކަމަށް ހުރިހާ ކުޅުންތެރިން މަސައްކަތް ކުރާނެ!

އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ފިލިޕީންސާ ދެކޮޅަށް ނުކުންނަ އިރު، ފެށުން ރަނގަޅު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އައިސަމް އިބްރާހީމް ބުނެފިއެވެ.

މާޒިޔާގެ މިޑްފީލްޑަރު އައިސަމް ޕްރި މެޗު ޕްރެސްގައި ބުނީ ރާއްޖެއިން މިއަދު ކުޅޭ މެޗަކީ ކޮލިފިކޭޝަން ދަތުރުގައި މުހިއްމު މެޗެއް ކަމަށާއި މެޗާ ކުރިމަތިލާނީ ޕޮސިޓިވްކޮށް ވިސްނައިގެން ކަމަށެވެ.

"ވަރަށް މުހިއްމު މެޗެއް މި މެޗަކީ. ހުރިހާ ކުޅުންތެރިން ވެސް ވަރަށް އެކްސައިޓްވެފައި މިތިބީ. ހާއްސަކޮށް ފުރަތަމަ މެޗުން މޮޅުވުމަކީ ހުރިހާ ޓީމަކަށް ވެސް ފަސޭހަވާނެ ކަމެއް. އެހެންވީމަ މޮޅުވާން މަސައްކަތް ކުރާނީ. ޕޮސިޓިވްކޮށް ވިސްނައިގެން މެޗަށް ނުކުންނާނީ. ފެށުން ރަނގަޅު ކޮށްގެން ނޫނީ ހަގީގަތުގައި ކުރިއަށްދާން އުނދަގޫވާނެ. އެހެންވީމަ އެކަމަށް ވަރަށް ބޮޑަށް ޓީމު މަސައްކަތް ކުރާނެ،" އައިސަމް ބުންޏެވެ.

ފިލިޕީންސާއި ރާއްޖޭގެ އިތުރުން ދެން ކޮލިފިކޭޝަން ގްރޫޕްގައި ހިމެނެނީ ތަޖިކިސްތާން އަދި ޓިމޯ ލެސްޓޭއެވެ. ރާއްޖެއިން ކޮލިފިކޭޝަނަށް ނުކުންނަން ޖެހެނީ އުނދަގޫ ހާލަތެއްގައި ފުޓުބޯޅަ އޮތް ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ކްލަބު ފުޓުބޯޅަ ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، މެޗަށް ތައްޔާރުވާން އިންޑިއާއާ ދެކޮޅަށް އެގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ. އެ މެޗުގައި އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗާ ކުރިމަތިލާ އިރު، އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން މަސައްކަތް ކުރެވުނު ކަމަށް ކޯޗު އަލީ ސުޒޭން ވަނީ ޕްރި މެޗު ޕްރެސްގައި ބުނެފައެވެ.

ރާއްޖެ އާއި ފިލިޕީންސް ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ. އެއީ ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމްގައެވެ.