ދިރާގަށް ދޫކުރި ރީބްރޯޑްކާސްޓިން ލައިސަންސް ބާތިލުކުރަން ހުށައެޅި މައްސަލަ ބެލޭނެ ތަނެއް ނެތް ކަމަަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 30 ޖެނުއަރީ 2013ގައި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ދިރާގަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓިން ލައިސެންސް ދޫކުރި ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާފައި ނުވާކަމަަށް ބުނެ ދިރާގާ ދެކޮޅަށް އޭދަފުށީ ކޭބަލް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑުން ހުށައަޅާފައިވާ މައްސަލައެކެވެ.
"ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމު"ގެ ދަށުން، ބްރޯޑްކާސްޓް ނުވަތަ ރީބްރޮޑްކާސްޓް ކުރުމުގެ ލައިސެންސާ ގުޅުންހުރި މައްސަލަތަކުގެ ޝަކުވާ ހުށައެޅުމުގެ ފުރުސަތު އެންމެހާ ފަރާތްކަށް ލިބިގެންވެއެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި، ކޮމިޝަނުގެ ނިންމުންތަކާއި ގުޅިގެން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާނަމަ އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށައެޅިދާނެކަމަށް ބޮރޯޑްކާސްޓްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އޮތުމުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާދުތަކާއި، ޝަކުވާ ހުށައެޅުމާއި، ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ދަށުން، މައްސަލަ ބަލައި ހައްލު ކުރުމަށް އިޖުރާއަތުތަކެއް ކަނޑައެޅިފައި އޮންނަކަމަށާއި، ނަމަވެސް މި މައްސަލަ ހުށައެޅިފައި ވަނީ ކަނޑައެޅިފައިވާ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަަށެވެ.
މި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން މި މައްސަލަ ނިންމުމުގެ ކުރިން ޖުޑިޝަލް ރިވިއުގެ މައްސަލައެއްގެ ގޮތުގައި ޝަރުއީ ކޯޓަކުން މި މައްސަލާގައި ގޮތެއް ނިންމުމަކީ މައްސަލަ ބަލައި ހައްލުކުރުމުގެ އިޖުރާތުތައް ގާނޫނާއި ގަވާއިދުތަކުގައި ކަނޑައެޅި ބަޔާން ކުރެވިފައި އޮތް އޮތުމުގެ މަގުސަދު ގެއްލިގެން ދާނެ ކަމަކަށްވާތީ އެ އިޖުރާތުތައް ފުރިހަމަކޮށް ގާނޫނުގައިވާ ގޮތުގެ މަތީން ހުށައެޅުމުން ނޫނީ ކޯޓުގައި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.