ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

މި އަހަރު ޑެންގީ ހުމުގެ 1560 ކޭސް އަދި ޗިކުންގުންޔާގެ 751 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

މަރިޔަމް ޝަހުދާ

މި އަހަރު ޑެންގީ ހުމުގެ 1560 ކޭސް އަދި ޗިކުންގުންޔާގެ 751 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިފާ ޑެންގީ އަދި ޗިކުންގުންޔާގެ ހަފްތާ ރިޕޯޓުން ދައްކާ ގޮތުގައި ވޭތުވެ ދިޔަ ތިން އަހަރުދުވަހުގެ މި ދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރަމުން އަންނަ އަދަދު ގިނައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ޗިކަންގުންޔާ ޖެހިގެން ރިޕޯޓު ކުރަމުން އަންނަ އަދަދުވެސް އިތުރުވެފައި ވާކަމަށް އެ އޭޖެންސީން ހާމަކުރިއެވެ.

މާލެ ސަރަހައްދު ނުލައި އަތޮޅުތަކަށް ބަލާއިރު މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައި ވަނީ ހދ، ރ، ލ، އއ އަދި އދ އަތޮޅުންނެވެ. މީގެ އިތުރުން މި އަހަރު ފެބްރުއަރީ މަހު ފ. ފީއަލީގައި ޑެންގޫ ހުން ހަލުވި ކަމާއެކު ފެތުރެން ފެށުމުގެ ސަބަބުން ބައެއް ކުދިން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

މިއަހަރުގެ މާޗް މަހާއި ހަމައަށް މާލެ ސަރަހައްދު ނުހިމެނޭ ގޮތަށް އަތޮޅުތަކަށް ބަލާއިރު ޗިކަންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ރ، މ، ތ، އަދި ގއ އަތޮޅުންނެވެ. އެގޮތުން ގއ އަތޮޅުން އެކަނިވެސް ޗިކަންގުންޔާ ޖެހިގެން 291 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ޑެންގޫ އަދި ޗިކަންގުންޔާ ފަދަ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ގެއާއި ގޯތިތެރޭ މަދިރި އާލާވާނެ ފަދަ ގޮތަށް ތަންތަން ނުބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި މަދުވެގެން ހަފްތާއަކު އެއްފަހަރު އެފަދަ ތަންތަން ހުރިތޯ ޗެކް ކުރުމަށާއި، އެފަދަ ތަނެއް ފެނި އެއީ އަމިއްލައަށް ހައްލު ނުކުރެވޭ ކަމެއް ނަމަ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ. މީގެ އިތުރުން މި ފަދަ ކަންކަމީ އާންމުންގެ އެއްބާރުލުން މުހިއްމު ކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.