އިމިގްރޭޝަން

ތަރާވީސް ކުރަން ބޭރުން ހާފިޒުން ގެނައުމަށް ހުއްދަ ދޫކުރަނީ

ރަމަޟާން މަހު ޙިފުޒުކޮށް، ތަރާވީސް ނަމާދު ކުރުމަށް ބޭރުން ހާފިޒުން ގެނައުމަށް ހުއްދަ ދޫކުރުމާއި އެފަރާތްތަކަށް ވިސާ ދޫކުރުމުގެ އުސޫލުތައް އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ހާފިޒުންނާއި ގާރީން ގެނައުމަށް ދޫކުރާނީ ސްޕެޝަލް ވިސާ ކަމަށާއި ވިސާއަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ކަމަށެވެ.

އަދި ހުށަހެޅުން ފުރިހަމަކަމުގައިވާނަމަ ބޭރުން ގާރީންނާއި ހާފިޒުން ގެނައުމަށް ހުއްދަ ދެވޭނެ ކަމަށް ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ ސްޕެޝަލް ވިސާ ދޫކުރާނީ އިސްލާމިކް މިނިސްޓްރީން އެހާފިޒަކު ގެނައުމަށް ހުއްދަ ދިނުމުން ކަމަށާއި ބިދޭސީ މީހާ ގެންނަނީ ސަރުކާރުގެ އިދާރާއަކުން ކަމުގައިވާނަމަ އިމިގްރޭޝަނުން ދޫކުރާ 45 ދުވަހުގެ ވިސާއަށް އެއްވެސްފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ޖަމުއިއްޔާއަކުން ބިދޭސީ ހާފިޒަކު ގެންނަނަމަ 750 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ވިސާއަށް އެދި އެއް އެޕްލިކޭޝަނަށްވުރެ ގިނައިން ހުށަހަޅާނަމަ ކޮންމެ އެޕްލިކޭޝަނެއްވެސް ހުށަހަޅަންވާނީ ވަކި އީމެއިލެއްގެ ގޮތުގައެވެ.

އަދި ވިސާގައި ރާއްޖެއައުމަށް ހުއްދަ ދިންކަން ނުވަތަ ނޫންކަން އަންގާނީ އެޕްލިކޭޝަން ހުށަހެޅި އީމެއިލަށް ރިޕްލައިއެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

1. 'ސްޕެޝަލް ވިޒާ' އެޕްލިކޭޝަން ފޯމު IM22 (PDF ފޯމެޓަށް)

2. ފުރިހަމަކޮށްފައިވާ 'ވިޒާ އެފްލިކެންޓް އިންފޮމޭޝަން ފޯމު' IM30 (PDF ފޯމެޓަށް)

3. ބިދޭސީ ފަރާތުގެ ޕާސްޕޯޓުގެ ކުލަ ކޮޕީ (JPEG ފޯމެޓަށް)

4. ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (JPEG ފޯމެޓުގައި މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ ޕާސްޕޯޓު މިންގަނޑާ އެއްގޮތަށް ނަގާފައިވާ)

5. ބިދޭސީ ފަރާތަކީ "އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރަންސް ޕޮލިސީ"ގައި ބައިވެރިވެފައިވާ ފަރާތެއްކަން ބަޔާންކޮށް އެލައިޑް އިންޝުއަރެންސް އިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (PDF ފޯމެޓަށް)

6. ބިދޭސީ ފަރާތަކީ 1440 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފުޛުކޮށް ތަރާވީހު ނަމާދު ކުރުމަށް ހުއްދަ ދެއްވާފައިވާ ފަރާތެއްކަން ބަޔާންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދޫކުރައްވާފައިވާ ލިޔުމުގެ ކުލަ ކޮޕީ (PDF ފޯމެޓަށް)

7. ބިދޭސީ ފަރާތަކީ 1440 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފުޛުކޮށް ތަރާވީހު ނަމާދު ކުރުމަށް ގެންނަ ފަރާތެއްކަން ބަޔާކޮށް ރަށު ކައުންސިލް ނުވަތަ ޖަމިއްޔާ އިން ހުށަހަޅާ ސިޓީގެ ކުލަ ކޮޕީ (PDF ފޯމެޓަށް)

8. ބިދޭސީ ހާފިޒު ގެންނަނީ ޖަމިއްޔާއަކުން ނަމަ، ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީ (PDF ފޯމެޓަށް)

އިމިގްރޭޝަނުން ބުނީ ސްޕެޝަލް ވިސާގައި ރާއްޖެއައުމަށް ހުއްދަ ދިންކަން އަންގައި އީމެއިލް ލިބުމުން ބިދޭސީ ހާފިޒު ރާއްޖެ އައުމުގެ އެއްގަޑިއިރު ކުރިން ވިސާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ އަސްލު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި އިމިގްރޭޝަނުގެ އޮފީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން ބިދޭސީ މީހާ ރާއްޖޭގައި ހުރުމަށް ދިން މުއްދަތުގެ އިތުރަށް ހުރެއްޖެނަމަ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ކަމާ ގުޅުންހުރި ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށާއި ބިދޭސީ ހާފިޒު ގެންނަ އިރު އޭނާގެ އާއިލާ ގެންނަަމަ ގެންނަ ފަރާތުން އެފަރާތްތައް ސްޕޮންސާކުރަންވާނެ ކަމަށް ބުނެފައިވެއެވެ.