ދުނިޔެ

ގާޒާގެ 1.1 މިލިއަން މީހުން ފޭބުމަށް އިސްރާއީލުން އަންގައިފި

މުހައްމަދު އައުޒަމް

ގާޒާގެ 1.1 މިލިއަން މީހުން ފޭބުމަށް އިސްރާއީލުން އަންގައިފިއެވެ.

ފަލަސްތީނާއި އިސްރާއިލުގެ ހަނގުރާމަ ހޫނުވެ އިތުރަށް ގޯސްވެފައިވާއިރު އިސްރާއީލުން ދަނީ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިސްރާއީލުން ވަނީ ގާޒާއަށް އެއްގަމު މަގުން އެރުމަށް ތައްޔާރުވަމުންދާ ކަމަށްބުނެ ގާޒާގައި ތިބި 1.1 މިލިއަން އާންމުން ވީހާވެސް އަވަހަށް ގެދޮރު ދޫކޮށް އެ ސިޓީން ފޭބުމަށް އަންގައިފައެވެ.

ދެ މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ގާޒާއިން މީހުން ފޭބުމަށް އިސްރާއީލުން އެންގުމާއެކު އދ އިން ވަނީ އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. އދ އިން ބުރާސްފަތި ދުވަހު ވަނީ އިސްރާއީލުން އެ އިދާރާއަށް އެކަން އެންގި ނަމަވެސް އެކަމާ އެއިދާރާއިން ދެކޮޅު ހަދާކަމަށް ބުނެފައެވެ.

އިސްރާއީލުން ވަނީ ގާޒާ ސިޓީގެ އާންމުން އެމީހުންގެ އަމިއްލަ ރައްކާތެރިކަމަށް އެ ސިޓީ ދޫކޮށް ދެކުނަށް ފޭބުމަށް އަންގައި ގާޒާއަށް ކަރުދާސްތަކެއްވެސް އަޅާފައެވެ.