ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން ނުކުންނަވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަކީ ހަތަރު ލީޑަރުން ބުނާ ގޮތަކަށް ހަމައެކަނި ކޭކުފޮތި ފަޅާލުމަށްޓަކައި ވަޅި ހިފަހައްޓާ މީހެއް ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަނިފެސްޓޯގައިވާ ގޮތުން ހަތަރު ލީޑަރުންގެ ހެކިވާ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހުގައި ފާސް ކުރަން ޖެހޭނެ ކަމަށް ބުނާ ކަމަށާއި އެކަމުން ވެސް ދައްކުވައިދެނީ ހަތަރު ލީޑަރުން އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރާކަން ކަމަށެވެ.
"ރައީސް ޔާމީނަކީ ސިންގަލް ކެންޑިޑޭޓެއް، އެންމެ ޝަހުސެއް، ނަމަވެސް އިދިކޮޅު ކޯލިޝަނުން ނުކުންނަނީ ހަތަރު ލީޑަރުންގެ ބަސް ގަބޫލުކޮށް އެ ހަތަރު ލީޑަރުން ބުނާ ގޮތަކަށް ހަމައެކަނި ކޭކު ފޮތި ފަޅާލުމަށްޓަކައި ވަޅި ހިފަހައްޓާ މީހެއް،" އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދިކޮޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގާނޫނީ ހައިސިއްޔަތެއް ލިބޭ ގޮތަށް ފާސް ކުރާއިރު އެ އެއްބަސްވުމުގައި ސޮއިކޮށްލުމުގެ ހައްގު ވެސް އިބޫއަށް ލިބިވަޑައި ނުގަންނަވާ ކަމަށާއި އެމްޑީޕީގެ ފަރާތުން ސޮއިކޮށްފައިވަނީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
"އަޅުގަނޑު މި ވާހަކަ ދެއްކެވީމަ ބައެއް ބޭފުޅުން ބުނާނެ އަޅުގަނޑު ސަމާސާ ކުރަނީއޭ، ނަމަވެސް މިއީ މިކަމުގެ ހަގީގަތް، އެއީ ފިކުރެއް ކަމަށްވަންޏާ އެ ފިކުރުގެ މަތީގައި އެ ބޭފުޅުން ހިންގަވަން ޖެހޭނީ އެ ބޭފުޅުންގެ އިސް މީހުން ބުނާ ގޮތަށް، އެކަމެއް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނުކުރެވޭކަން މިއަދު އަޕްލޯޑުކޮށްފައިވާ މެނިފެސްޓޯއިން އެ ދައްކުވައިދެނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސެކިއުލާ ނިޒާމަކަށް ޖާގަ ދޭން ބޭނުންވާ ކަމަށް ކުރިން ވިދާޅުވަމުންދިޔަ ނަމަވެސް އާ މެނިފެސްޓޯގައި އެ ވާހަކަ ވެސް ހިމަނާފައި ނުވާ ކަމަށެވެ. އަދި ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބޭނުންވާ ކަންކަން އެ މެނިފެސްޓޯގައި ނުހިމަނާ ކަމަށާއި އެ ފަރާތްތަކުގެ ނިޔަތް ރަނގަޅު ނޫން ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.