ދުނިޔެ

ރާއްޖެއަށް ގޮސްފައި އައި ތިން ފަތުރުވެރިއެއްގެ ގައިން ޑެންގޫހުން ފެނިއްޖެ - ޓައިވާން

މުހައްމަދު އައުޒަމް

ރާއްޖެއަށް ދަތުރުކުރި ޓައިވާންގެ ތިން ފަތުރުވެރިއެއްގެ ގައިން ޑެންގޫ ހުން ފެނިއްޖެ ކަމަށް ޓައިވާންގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލުން ބުނެފިއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މިދިޔަމަހު ފަހުކޮޅު ރާއްޖެ އައި ޓައިވާންގެ 110 މީހުންގެ ޓުއަރ ގްރޫޕްގެ ތިން މީހެއްގެ ގައިން ޑެންގޫ ފެނިފައިވާކަން ކަށަވަރުވީ ޗުއްޓީ ހޭދަކުރުމަށްފަހު ގައުމަށް އެނބުރި ދިޔަފަހުން ޑެންގޫގެ އަލާމާތްތައް ފެނުމުން ކުރި ޓެސްޓުތަކުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވެއެވެ.

ޓައިވާންގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޑެންގޫ ފެނިފައިވާ ތިން މީހުންގެ ތެރެއިން ދެމީހުންނަށް ރާއްޖެއިން ފުރުމުގެ ކުރިން އަލާމާތްތައް ފެނިފައިވާ ކަމަށާއި ތިންވަނަ މީހާގެ ފަރާތުން ޑެންގޫގެ އަސަރު ފެނިފައިވަނީ ޓައިވާނަށް ދިޔަތާ ދެވަނަ ދުވަހުކަަމަށެވެ.

ޓައިވާންގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލުން ބުނީ ގޮތުގައި ރާއްޖެ ދަތުރުކުރި ގްރޫޕުގެ 11 މީހަކު ޝައްކުވެގެން ޑެންގޫއަށް ޓެސްޓު ކޮށްފައިވާކަމަށާއި އެމީހުން ޑެންގޫއަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލުން ބުނާގޮތުން ޓައިވާނަށް އެހެން ގައުމުތަކުން އަންނަ މީހުންގެ ތެރެއިން މިހާތަނަށް 106 މީހެއްގެ ގައިން ޑެންގޫ ފެނިފައި ވެއެވެ.