ދުނިޔެ

ގާޒާ އިން ތެޔޮ ހުސްވެ ކަރަންޓު ކެނޑިއްޖެ

މުހައްމަދު އައުޒަމް

ގަޒާ އިން ތެޔޮ ހުސްވެ ކަރަންޓު ކެނޑިއްޖެއެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު މަޝްރަހު ގޯސްވެ ހަނގުރާމަ ފަށާފައިވާ އިރު، ދެބައި މީހުންވެސް ގެންދަނީ ހަމަލާ ބަދަލުކުރަމުންނެވެ.

އިޒްރޭލުން ވަނީ ހަނގުރާމަ ފެށިފައިވާ ކަމަށް ރަސްމީކޮށް އިއުލާންކޮށް އެގައުމުން ގާޒާއަށް ދެމުންގެންދިޔަ ކަރަންޓުގެ ހިދުމަތުގެ އިތުރުން ފެނާއި ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތައް ކަނޑާލައިފައެވެ.

އިޒްރޭލުން ގާޒާއަށް ކަރަންޓު ދިނުމަށް އަޅާފައިވާ ނެޓްވޯކު ހުއްޓާލުމާއެކު ގާޒާގައި ހުންނަ އަމިއްލަ އިންޖީނު ގެއަކުން ވަނީ ކަރަންޓު ދީފައެވެ. ނަމަވެސް އޮފިޝަލުން ވަނީ އެއިންޖީނު ގެއިން ތެޔޮ ހުސްވެ ރޭ ދަންވަރު ގާޒާއިން އެއްކޮށް ކަރަންޓު ކެނޑިފައިވާކަން ހާމަކޮށްފައެވެ.

ގާޒާގެ އަމިއްލަ ގޭގޭގައި ހުރި ޖަނަރޭޓަރު ހިންގުމަށް ވެސް ވަނީ ތެޔޮ ނުލިބުމުގެ ސަބަބުން ކަރަންޓްގެ ހިދުމަތް ހުއްޓާލައިފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ ގަޒާއިން މަރުވި މީހުންގެ އަދަދު 1،200 އަށް އަރާފައިވާ ކަމަށެވެ. އަދި އިތުރު 5.600 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ބުންޏެވެ.

މަރުވެފައިވާ މީހުންނާއި ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލުތަކުގައި ފުނިޖެހިފައިވާ އިރު، 338،000 މީހުން މަގުމަތިވެފައިވާ ކަމަށް އދ. އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.